"ޓޯއި ސްޓޯރީ 4" ގެ އާމްދަނީ ވެސް ބިލިއަނަކަށް

ޑިޒްނީގެ ފިލްމުތައް ބޮކްސް އޮފީހުގައި ހޯދަމުން އަންނަ ކާމިޔާބީތަކުގެ ތެރެއަށް، ޖޫން މަހު ރިލީޒްކުރި އެމިމޭޓެޑް ފިލްމު "ޓޯއި ސްޓްރީ 4" ވެސް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއަކާ އެކު އިތުރުވެއްޖެ އެވެ.


ޖޫން މަހުގެ 21 ގައި ރިލީޒްކުރި މި ފިލްމަށް ހުކުރު ދުވަހާ ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.002 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. "ޓޯއި ސްޓޯރީ 4" އަކީ މި ސިލްސިލާގެ ހަތަރު ވަނަ ފިލްމެވެ.

އަދި މިއީ ބިލިއަނަކަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި "ޓޯއި ސްޓޯރީ" ގެ ދެވަނަ ފިލްމެވެ. ދެހާސް ދިހައެއްގައި ރިލީޒްކުރި "ޓޯއި ސްޓްރީ 3" އަށް 1.067 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

ޖޯޝް ކޫލީ ޑައިރެކްޓްކޮށްފައިވާ "ޓޯއި ސްޓޯރީ 4" ހަދާފައި ވަނީ 200 މިލިއަން ޑޮލަރުހެ ބަޖެޓަކުންނެވެ.

މި ފިލްމުވެގެން ގޮސްފައި ވަނީ މި އަހަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ފަހަނަޅައި ދިޔަ ޑިޒްނީގެ ފަސް ވަނަ ފިލްމަށެވެ. އެ ލިސްޓްގައި ދެން ހިމެނެނީ "އެވެންޖާޒް: އެެންޑްގޭމް" އާއި "އަލައްދިން" އާއި "ލަޔަން ކިންގް" ގެ އިތުރުން "ކެޕްޓަން މާވެލް" އެވެ.

މިއާ އެކު ޑިޒްނީވެފައި ވަނީ އެއް އަހަރެއްގެ ތެރޭގައި ފަސް ފިލްމަކުން މިހާތަނަށް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ސްޓޫޑިއޯއަށެވެ. ކުރިން ވެސް އެ ރެކޯޑް އޮތީ އެ ޑިޒްނީގެ އަތުގަ އެވެ. އެގޮތުން 2016 ގައި ޑިޒްނީން ގެނެސް ދިިން ހަތަރު ފިލްމެއް، އެ އަހަރު ބިލިއަނަކަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި އެވެ.

އެއީ "ދަ ޖަންގަލް ބުކް" އާއި "ކެޕްޓަން މާވެލް: ސިވިލް ވޯ" އާއި "ފައިންޑިން ޑޯރީ" ގެ އިތުރުން "ޒޫޓޯޕިއާ" އެވެ.

ޑިޒްނީން މި އަހަރު ގެނެސް ދޭން ހުރި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މެލަފިސަންޓް 2" އާއި "ފްރޯޒެން 2" ގެ އިތުރުން "ސްޓާ ވޯސް: ދަ ރައިޒް އޮފް ސްކައިވޯކާ" އަކީ ވެސް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާނެ ފިލްމުތަކެއް ކަމަށް ބެލެވެ އެވެ.