އިންޑިއާ-ޕާކިސްތާން ވައިގެ ހަމަލާ އަށް ފިލްމެއް ހަދަނީ

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކުން ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕުލްވާމާ އަށް ދިން ހަމަލާ އާއި އެކަމާ ގުޅިގެން އެ ގައުމުން ޕާކިސްތާނާ ދެކޮޅަށް ކުރިއަށް ގެންދިޔަ އަސްކަރީ ވައިގެ އޮޕަރޭޝަނަށް ބިނާކޮށް ވިވެކް އޮބެރޯއީ ފިލްމެއް ހަދަން ނިންމައިފި އެވެ.


ހިންދީ ބަހާއި ތަމަޅަ އަދި ތެލެގޫ ބަހުން ހަދަން ނިންމާފައިވާ ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މީގެ މަންޒަރުތައް ކަޝްމީރާއި އާގްރާ އާއި ނިއު ދިއްލީގައި ނަގާނެ އެވެ.

ވިވެކް ބުނި ގޮތުގައި ބަލަކޯޓް އެއާސްޓްރައިކަށް ބިނާކޮށް ހަދާ ފިލްމުގައި، އިންޑިއާ އިން ގައުމީ ބަތަލެއްގެ ދަރަޖަ ދިން އިންޑިއަން އެއާ ފޯސް (އައިއޭއެފް) ގެ ވިންގް ކޮމާންޑަރު އަބިނަންދަން ވަރުތަމަންގެ ދެއްކި ހިތްވަރު ދައްކުވައި ދޭނެ އެވެ.

އެ އޮޕަރޭޝަނުގެ ތެރެއިން ޕާކިސްތާނުން ވަނީ އަބިނަންދަން ދަތުރުކުރި ޖެޓް ވެސް ވައްޓާލައިި، އޭނާ ހައްޔަރުކޮށްފަ އެވެ. އެކަމަކު ޕާކިސްތާނުން ވަނީ އޭނާ މިނިވަންކޮށް އިންޑިއާއާ ވަރަށް އަވަހަށް ހަވާލުކޮށްފަ އެވެ. ޕުލްވާމާ އަށް ޕާކިސްތާނުން ދިން ހަމަލާގައި އިންޑިއާގެ 40 ސިފައިން މަރުވި އެވެ.

ވިވެކް ބުނިގޮތުގައި އިންޑިއާގެ އަސްކަރިއްޔާ އާއި އަބިނަންދަން ފަދަ ގައުމީ ބަތަލުންގެ ވާހަކަ ފިލްމެއްގެ ގޮތުގައި ކިޔައިދިނުމަކީ ފިލްމީ ދާއިރާގެ ފަންނާނެއްގެ ގޮތުން އޭނާ ކުރަން ޖެހޭ ކަމެކެވެ.

އެހެންވެ ވަރަށް ވެސް ފުރިހަމަ ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބުންޏެވެ.

"މި ފިލްމުގެ ހެދުމުގެ ހުއްދަ އިންޑިއާގެ ވައިގެ ސިފައިން ދިން ކަމަށްޓަކައި ޝުކުރު އަދާކުރަން،" މި އަހަރު ރިލީޒްކުރި "ޕީއެމް ނަރެންދުރަ މޯދީ" ގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޯލް ކުޅުނު ވިވެކް ބުންޏެވެ.

ބަލަކޯޓް ވައިގެ އޮޕަރޭޝަނަށް ހަދާ ފިލްމު ޑައިރެކްޓް ކުރާނެ މީހަކާއި އެ ފިލްމުގެ ވިވެކް ރޯލެއް ކުޅޭނެކަން އަދި ކަށަވަރެއް ނުކޮށްދަ އެވެ.

ބަލަކޯޓް ހާދިސާ އަށް ވިވެކް ފިލްމެއް ހަދަން ނިންމި އިރު، ހަމަ މި ހާދިސާ އަށް ފިލްމެއް ހަދަން ޑައިރެކްޓަރު/ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ އާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު އަބީޝެކް ކަޕޫރްގެ އިތުރުން ޕްރޮޑިއުސަރު މަހާވީރު ޖެއިން ވެސް މިދިޔަ މާޗް މަހު ވަނީ ނިންމައިފަ އެވެ.

އެ ފިލްމުގެ ނަމަކަށް ރަޖިސްޓްރީކޮށްފައިވާ ނަންތަކުގެ ތެރޭގައި "ބަލަކޯޓް"، "ޕުލްވާމާ: ދަ ޑެޑްލީ އެޓޭކް" އަދި "ސާޖިކަލް ސްޓްރައިކް 2.0" ހިމެނެ އެވެ.

މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އަކީ ވެސް ޕާކިސްތާނުން އިންޑިއާ އަށް 2016 ގައި ދިން ހަމަލާއަކާ ގުޅިގެން އެ ގައުމުން ކުރިއަށް ގެންދިޔަ ކާމިޔާބު އޮޕަރޭޝަނަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.