03 ސެޕްޓެމްބަރ 2019 - 07:21
އަންނަ އަހަރު ފިތުރު އީދުގައި ގެނެސްދޭން އުޅުނު، ސަންޖޭ ބަންސާލީގެ "އިންޝާﷲ" އާ ސަލްމާން ޚާން ފެއަށް ޖެހުނަސް އޭނާ ވަނީ އަންނަ އަހަރުގެ އީދުގައި އެހެން ފިލްމަކާ އެކު އަންނާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އެއީ ކޮން ފިލްމެއް ކަމެއް އަދި ނޭނގެ އެވެ.
އެކަމަކު ސަލްމާނަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އަބަދު ވެސް ފިތުރު އީދުގައި ފިލްމު ނެރޭ އެކްޓަރަކަށްވާތީ، އެ ތާރީހުގައި، އަންނަ އަހަރު ވެސް ފިލްމަކާ އެކީ ސަލްމާން އަންނާނެ ކަމަޑް ގަބޫލުކުރެވެ އެވެ.
މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް އަންދާޒާކުރާ ގޮތުން އެ ފިލްމަކަށް ވަނީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާ ޑައިރެކްޓްކުރާ ދެވަނަ ފިލްމު "ކިކް 2" އެވެ. އެ ފިލްމަކީ އޭނާ 2014 ގައި ޑައިރެކްޝަނަށް ނުކުތް "ކިކް" ގެ ދެވަނަ ބައެވެ.
The film with Sanjay Leela Bhansali is pushed but I will still see you all on Eid, 2020. Insha-Allah!!
— Salman Khan (@BeingSalmanKhan) August 25, 2019
އަންނަ އަހަރުގެ ފިތުރު އީދުގައި ސަލްމާން އަންނާނެ ފިލްމަކާ ބެހޭ ގޮތުން ކުރެވޭ ބަހުސް މިހާރު ވަރަށް ބޮޑެވެ. މި ލިސްޓްގައި ހުރި ފިލްމުތަކުގެ ތެރޭގައި ސޫރަޖް ބަރްޖަތިއާގެ އާ ފިލްމު ވެސް ހިމެނެ އެވެ. ސަލްމާނާ އެކު "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ފަދަ ބޮޑެތި ބްލޮކްބަސްޓާތައް ގެނެސްދިން ސޫރަޖް، ސަލްމާނާ އެކު އެންމެ ފަހުން ގެނެސްދިނީ 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.
އަންނަ އަހަރުގެ ފިތުރު އީދާއި ސަލްމާނާ ގުޅޭ ފިލްމުތަކުގެ ތެރޭގައި ދެން ހިމެނެނީ "ވޯންޓެޑް 2" އާއި "ނޯ އެންޓްރީ މޭ އެންޓްރީ" އެވެ. މި ދެ ފިލްމަކީ ވެސް ކުރީ ދެ ފިލްމެއްގެ ސީކްއެލްތަކެވެ.
Itna mat sochna mere baare mein, Dil mein aata hoon.. aur Eid pe bhi 😉
— Salman Khan (@BeingSalmanKhan) August 26, 2019
"ވޯންޓެޑް" އަކީ ސަލްމާނާ އެކު ޕްރަބޫދޭވާ 2009 ގައި ޑައިރެކްޓްކުރި ވަރަށް ކާމިޔާބު ފިލްމެކެވެ. އަންނަ ޑިސެމްބަރު މަހުގެ 20 ގައި ރިލީޒްކުރާ "ދަބަންގް 3" ވެސް ޑައިރެކްޓްކުރަނީ ޕްރަބޫދޭވާ އެވެ.
"ނޯ އެންޓްރީ މޭ އެންޓްރީ" އަކީ 2005 ގައި ޑައިރެކްޓަރު އަނީސް ބަޒްމީ ގެނެސްދިން "ނޯ އެންޓްރީ" ގެ ދެވަނަ ބައެވެ. އަނީސް ބުނިގޮތުގައި އެ ފިލްމުގެ ސްކްރިޕްޓް ވެސް ނިމިފައި އޮންނަތާ އެތައް ދުވަހެކެވެ. އަދި މަޑުކޮށްލައިގެން ހުރީ ސަލްމާނާއި ޕްރޮޑިއުސަރު ބޯނީގެ އިޝާރާތެއް ލިބެންދެން ކަމަށް އޭނާ ކުރިން ބުނެފައިވެ އެވެ.
#Kick2 to arrive in #Eid2020?... Salman Khan and Sajid Nadiadwala - the combo has collaborated on a number of hits... Awaiting an OFFICIAL confirmation from the production house.
— taran adarsh (@taran_adarsh) August 26, 2019
ނަމަވެސް "ވޯންޓެޑް 2" އާއި "ނޯ އެންޓްރީ މޭ އެންޓްރީ" އަށް ސަލްމާން އެއްބަސްވާނެކަމާ ދޭތެރޭ ޝައްކު ކަމަށް މީޑިއާތަކުން ބުންޏެވެ. ސަބަބަކީ އެ ދެ ފިލްމަކީ ވެސް އޭނާގެ ކޮއްކޮ އަރްބާޒް ޚާންގެ ކުރީގެ އަންހެނުން މަލައިކާ އަރޯރާގެ މިހާރުގެ ލޯބިވެރިޔާ އަރުޖުން ކަޕޫރްގެ ބައްޕަގެ ފިލްމުތަކަކަށްވުމެވެ.
މީޑިއާތަކުން ބުނާ ގޮތުގައި މަލައިކާ އާއި އަރުޖުންގެ ގުޅުމާ ހެދި ސަލްމާނާއި ބޯނީއާ ކުރިން އޮތް ގާތްކަމެއް މިހާރަކު ނެތެވެ. އަދި އެ ދެ މީހުން މިހާރު އެއްގޮތަކަށް ވާހަކަ ވެސް ނުދައްކާ ކަމަށްވެ އެވެ. އެހެންވެ ބޯނީގެ ފިލްމަކަށް ސަލްމާން އެއްބަސްވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ.
ސުވާލަކީ އަނެއްކާ ވެސް އަންނަ އަހަރުގެ ފިތުރު އީދުގައި ސަލްމާން އަންނާނީ ކޮން ފިލްމަކާ އެކީގައިތޯ އެވެ؟ "އިންޝާﷲ" ގެ ފަހުން އެއްވެސް ފިލްމަކަށް އޭނާ ރަސްމީކޮށް ސޮއިކޮށްފައެއް ވެސް ނެތެވެ.
ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ފިތުރު އީދުގައި ރިލީޒްކުރި "ބާރަތު" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy