ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޓައިގާ ޝްރޮފްގެ ވަރުގަދަ އެކްޝަން ސީރީޒް "ބާގީ" ގެ ތިން ވަނަ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.


އަންނަ އަހަރުގެ މާޗް 6 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ބާގީ 2" ވެސް ޑައިރެކްޓްކު އަހުމަދު ޚާން ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފަހަރު ފިލްމުގެ ބަތަލާގެ ރޯލުން ޓައިގާއާ އެކު ފެންނާނީ މި ސީރީޒްގެ ފުރަތަމަ ފިލްމު 2015 ގައި ޓައިގާއާ އެކު ކުޅުނު ޝްދަރާ ކަޕޫރެވެ.

އެ ފިލްމު ޑައިރެކްޓްކުރީ ސަބީރު ޚާނެވެ. އަދި މިދިޔަ އަހަރު ރިލީޒްކުރި "ބާގީ 2" ގެ ބަތަލާއަކީ ޓައިގާގެ ލޯބިވެރިޔާ ޑިޝާ ޕަޓްނީ އެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ "ބާގީ 3" ގެ މަންޒަރުތައް އިންޑިއާގެ އިރުތުން ޔޫރަޕާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ވެސް ނަގާނެ އެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި މި ފަހަރު ރިތޭޝް ދޭޝްމުކް ވެސް ހިމެނެ އެވެ.

"މިޝަން މަންގަލް" ގެ އާމްދަނީ 200 ކްރޯޑަށް

މިދިޔަ މަހުގެ 15 ޗަނަ ދުވަހު ރިލީޒްކުރި އަކްޝޭ ކުމާރުގެ ފިލްމު "މިޝަން މަންގަލް" އިން އިންޑިއާ އިން ހޯދި އާމްދަނީ 200 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) އަށް އަރައިފި އެވެ.

ފިލްމަށް އެވަރުގެ އާމްދަނީއެއް އިންޑިއާ އިން ލިބުނީ ރިލީޒްކުރިތާ 29 ދުވަހުގެ ތެރޭގަ އެވެ. ޖަގަން ޝަކްތީ ޑައިރެކްޓްކުރި "މިޝަން މަންގަލް 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) ހަމަކުރީ ރިލީޒްކުރިތާ 5 ދުވަހުގެ ތެރޭގަ އެވެ.

މި ފިލްމުވެގެން ގޮސްފައި ވަނީ މި އަހަރު އިންޑިއާ އިން 200 ކްރޯޑް ރުީސް ހަމަކުރި 4 ވަނަ ފިލްމަށެވެ. އެ ލިސްޓްގައި ދެން ހިމެނެނީ ޝާހިދު ކަޕޫރްގެ "ކަބީރު ސިންގް" އާއި ވިކީ ކޯޝަލްގެ "އުރީ" ގެ އިތުރުން ސަލްމާން ޚާންގެ "ބާރަތު" އެވެ.

"މިޝަން މަންގަލް" އަށް އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީއާ އެކު ޖުމްލަ އާމްދަނީ ހުކުރު ދުވަހާ ހަމައަށް ވަނީ 286.70 ކްރޯޑް ރުޕީސް (40 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.

ކާސްޓުންގެ ތެރޭގައި ވިދިޔާ ބާލަން، ސޮނާކްޝީ ސިންހާ، ތާޕްސީ ޕައްނޫ، ކިރިތީ ކުލްހާރީ، ޝަރުމަން ޖޯޝީ އަދި ސަންޖޭ ކަޕީޫރް ހިމެނޭ "މިޝަން މަންގަލް" ހަދާފައި ވަނީ އެންމެ 32 ކްރޯޑް ރުޕީސް (5 މިލިއަން ޑޮލަރު) އިންނެވެ.

"ބޫތު" ގެ އާ ޕޯސްޓަރެއް

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ ބިރުވެރި ފިލްމު "ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް" ގެ އާ ޕޯސްޓަރެއް ދައްކާލައިފި އެވެ.

މި ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓްކުރާ ފިލްމެކެވެ. މިދިޔަ މަހުގެ ތެރޭގައި އެއްކޮށް ޝޫޓިން ވެސް ނިންމައިލި "ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް" ގެ ލީޑް ރޯލުން ފެންނާނީ ވިކީ ކޯޝަލް އާއި ބޫމީ ޕެޑްނޭކަރެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ ނޮވެމްބަރު މަހުގެ 14 ގަ އެވެ.

"ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް" ވެގެން ދާނީ މި ފަހުން ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ އެންމެ ތަފާތު އެއް ފިލްމަށެވެ. އެ ސްޓޫޑިއޯއަކީ ބިރުވެރި ފިލްމުތަކާ ތަންކޮޅެއް ދުރު ތަނެކެވެ. އެކަމަކު 2005 ގައި ކަރަން ވަނީ "ކާލް" ގެ ނަމުގައި ނެޗްރަލް ހޮރޯ ފިލްމެއް ގެނެސް ދީފަ އެވެ.

މޯދީ ތައުރީފު "ކޫލީ ނަމްބަރު 1" ގެ ޓީމަށް

މިހާރު ޝޫޓްކުރަމުން އަންނަ ޑޭވިޑް ދަވަންގެ އާ ފިލްމު "ކޫލީ ނަމްބަރު 1" ގެ ސެޓްގައި އެއްވެސް ގޮތަކަށް ޕްލާސްޓިކް ޕްލާސްޓިކް ބޭނުންނުކުރާ ކަމަށް އެކްޓަރު ވަރުން ދަވަން ކުރި ޓްވީޓަކާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ވަރުންގެ ޓްވީޓް ޓެގްކޮށް މޯދީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކާ ދެކޮޅަށް އިންޑިއާ އިން ފަށާފައިވާ މަސައްކަތަށް "ކޫލީ ނަމްބަރު 1" ޓީމުން އެއްބާރުލުން ދިނުމަކީ ބަލައިގަންނަ ކަމެއް ކަމަށާއި މިއީ އުފާވާ ކަމެއް ކަމަށެވެ.

އިންޑިއާ އިން ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކާ ދެކޮޅަށް އަންނަ މަހުގެ 2 ގައި ގައުމީ ފެންވަރުގެ ބޮޑު ކެމްޕޭނެއް ފަށަން ނިންމައިފަ އެވެ.

ވަރުން އާއި ސާރާ އަލީ ޚާން ލީޑް ރޯލް ކުޅޭ "ކޫލީ ނަމްބަރު 1" އަކީ އަންނަ އަހަރުގެ މެއި 1 ގައި ރިލީޒްކުރާ ފިލްމެކެވެ. މިދިޔަ ހަފުތާގައި މި ފިލްމުގެ ސެޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.