ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ވަރުގަދަ އެކްޝަން ތަރި ވިދުޔަތު ޖަމްވަލް ވަރުގަދަ އެކްޝަން ކެރެކްޓާއަކުން ފެންނަ ފިލްމު ސީރީޒް "ކޮމާންޑޯ" ގެ ތިން ވަނަ ބައި އަންނަ މަހުގެ 29 ގައި ރިލީޒްކުރާ ގޮތަށް ނިންމައި، ފިލްމުގެ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.


ވިޕުލް ޝާހް ޕްރޮޑިއުސްކުރާ "ކޮމާންޑޯ" ގައި މި ފަހަރު ވިދުޔަތާ އެކު ފެންނަ ކާސްޓުންގެ ތެރޭގައި އަދާ ޝަރުމާ، އަންގިރާ ދާރް އަދި ގުލްޝަން ދެވިއާ ހިމެނެ އެވެ.

"ކޮމާންޑޯ 3" ޑައިރެކްޓްކޮށްފައި ވަނީ އަދިތިޔާ ދަތެވެ. ދެހާސް ތޭރައިގައި ރިލީޒްކުރި ފުރަތަމަ ބައި ޑައިރެކްޓްކުރީ ދިލިޕް ގޯޝް އެވެ.

އަދި މީގެ ދެ އަހަރު ކުރިން ރިލީޒްކުރި "ކޮމާންޑޯ 2" ޑައިރެކްޓްކުރީ ދެވެން ބޮޖާނީ އެވެ.

ޗުލްބުލް ޕާންޑޭގެ ތައާރަފެއް

އަންނަ ޑިސެމްބަރު މަހުގެ 20 ގައި ރިލީޒްކުރާ ސަލްމާން ޚާންގެ "ދަބަންގް 3" ގައި އޭނާ ކުޅޭ ޗުލްބުލް ޕާންޑޭގެ ކެރެކްޓާ ތައާރަފުކޮށް ދިނުމުގެ ގޮތުން ކުޑަކުޑަ ޓީޒާއެއް ދައްކާލައިފި އެވެ.

"ދަބަންގް" ސީރީޒްގެ ތިން ވަނަ ފިލްމުގައި ޗުލްބުލް ފުލުހަކަށްވުމުގެ ކުރިން އޭނާ އެންމެ ޒުވާން އުމުރުގެ ދުވަސްތައް ހޭދަކުރި ގޮތް ވެސް ފިލްމުގައި ދައްކުވައިދޭނެ އެވެ.

ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ "ދަބަންގް 3" ގެ ބަތަލާއިންނަކީ ފުރަތަމަ ދެ ބައިގައި ވެސް ބަތަލާގެ ރޯލް ކުޅުނު ސޮނާކްޝީ ސިންހާ އާއި އަލަށް ތައާރަފުކުރާ ސާއީ މަންޖްރޭކަރެވެ. އޭނާ އަކީ އެކްޓަރު މަހޭޝް މަންޖްރޭކަރްގެ ދަރިފުޅެވެ.

"ދަބަންގް 3" ވެގެން ދާނީ މި އަހަރު ރިލީޒްކުރާ ސަލްމާންގެ ދެވަނަ ފިލްމެވެ. މި އަހަރު އޭނާ ފެނިގެން ދިޔަ ފުރަތަމަ ފިލްމަކީ "ބާރަތު" އެވެ.

"ސަތިޔަމޭވް ޖަޔަތޭ 2" ގެ ޕޯސްޓަރުތަކެއް

މިދިޔަ އަހަރު ރިލީޒްކުރި ޖޯން އަބްރަހަމްގެ ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ބައިގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

ފިލްމު އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ގައި ރިލީޒްކުރަން ނިންމިކަން އިއުލާންކުރުމަށް ފަހު، ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ މިހާރު ވަނީ ފިލްމުގެ ސްކްރިޕްޓްގެ ވެސް މަސައްކަތް ވެސް ފަށައިފަ އެވެ. މި ފަހަރު ފިލްމުގެ ބަތަލާގެ ރޯލުން ޖޯންއާ އެކު ފެނިގެންދާނީ "ސަތިޔަމޭވް ޖަޔަތޭ 2" ވެސް ޕްރޮޑިއުސްކުރާ ޓީ ސީރީޒްގެ މިހާރުގެ ވެރިޔާ ބުޝަން ކުމާރުގެ އަންހެނުން ދިވްޔާ ކުމާރު ޚޯސްލާ އެވެ.

"ސަތިޔަމޭވް ޖަޔަތޭ" ގައި ބަތަލާގެ ރޯލް ކުޅުނީ "ތުމް ބިން 2" ފަދަ ފިލްމުތައް ކުޅުނު ނޭހާ ޝަރުމާގެ ކޮއްކޮ އައިޝާ ޝަރުމާ އެވެ. އެއީ އޭނާގެ އަލަތު ފިލްމު ވެސް މެ އެވެ.

"ސަތިޔަމޭވް ޖަޔަތޭ" އަކީ ކޮރަޕްޝަނާ ދެކޮޅަށް ފުލުހަކު ކުރާ ހިތްވަރު ގަދަ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

"ބޭހަދު 2" ގެ ޕްރޮމޯއެއް

ސޮނީ ޓީވީން މީގެ ދެ އަހަރު ކުރިން ގެނެސްދިން ކާމިޔާބު ސިލްސިލާ "ބޭހަދު" ގެ ދެވަނަ ސީޒަން އަންނަ މަހު ގެނެސްދޭން ނިންނައި، ޝޯގެ ފުރަތަމަ ޕްރޮމޯ ދައްކާލައިފި އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ބޭހަދު" ގެ މުހިއްމު ތަރިންނަކީ ޖެނިފާ ވިންގެޓާއި ކުޝާލް ޓަންޑަންގެ އިތުރުން އަނޭރީ ވަޖާނީ އެވެ.

"ބޭހަދު 2" ގެ ޕްރޮމޯ ޖެނިފާއާ އެކު ދައްކައިލި ނަމަވެސް އޭނާއާ އެކު މި ފަހަރު ސިލްސިލާގެ ލީޑުން ދެން ފެންނާނީ ކޮން ތަރިންނެއް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުން މި ފަހަރުގެ ސިލްސިލާ އިން ދެ ބަތަލުން ފެންނާނެ އެވެ. އެއީ ބޮލީވުޑްގެ ފިލްމުތަކުން ވެސް ކުރިން ފެނިފައިވާ އަޝިޝް ޗައުދަރީ އާއި ޝިވިން ނަރަންގެވެ.

"ބޭހަދު" އަކީ ރޮމޭންޓިކް ތުރިލާއެކެވެ.

ސިލްސިލާގެ ފުރަތަމަ ސީޒަން ގެނެސްދިނީ އޮކްޓޯބަރު 11، 2016 އިން އޮކްޓޯބަރު 27، 2017 އަށެވެ. އެ މުއްދަތުގެ ތެރޭގައި ސިލްސިލާގެ 273 އެޕިސޯޑް ގެނެސްދީފައިވެ އެވެ.

"ދޯސްތާނާ 2" ގެ ތައްޔާރީތައް ކުރިއަށް

ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމު "ދޯސްތާނާ 2" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައްވާން ފަށައިފި އެވެ.

މި ފިލްމަކީ 2008 ވަނަ އަހަރު ޑައިރެކްޓަރު ތަރުން މުންސުޚާނީ، ޖޯން އަބްރަހަމާއި ޕްރިޔަންކާ ޗޯޕްޅާ އާއި އަބީޝެކް ބައްޗަނާ އެކު ގެނެސްދިން "ދޯސްތާނާ" ގެ ދެވަނަ ބައެވެ.

ނަމަވެސް އެހެން ޑައިރެކްޓަރަކާ އެކު "ދޯސްތާނާ 2" ގެނެސްދެނީ މުޅިން ތަފާތު ކާސްޓަކާ ވެސް އެކީގަ އެވެ. ކޮލިން ޑި ކަންހާ ޑައިރެކްޓްކުރާ ފިލްމުގެ ލީޑް ތަރިންނަކީ ކާތިކް އާރިޔަން، ޖާންވީ ކަޕޫރް އަދި އަލަށް ތައާރަފުކުރާ ލަކްޝަޔާ އެވެ.

"ދޯސްތާނާ 2" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.