މިސް ވޯލްޑް މަނޫޝީ ޗިލާރް، އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" އަށް ސޮއިކޮށްފި

ދެހާސް ސަތާރަ ވަނަ އަހަރު މިސް ވޯލްޑްގެ ތާޖް ހާސިލުކުރި މަނޫޗީ ޗިލާރް، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އަކްޝޭ ކުމާރާ އެކު ގެނެސްދޭން ނިންމާފައިވާ ތާރީހީ ހަނގުރާމަ ފިލްމު "ޕްރިތުވީރާޖް" އަށް ސޮއިކޮށްފި އެވެ.


މަނޫޝީ ފިލްމަށް ސޮއިކުރިކަން ވައިއާރްއެފުން ވެސް ކަށަވަރުކޮށް ދީފައިވާ އިރު، ކުރިން ވެސް އޭނާ ބޮލީވުޑަށް ތައާރަފުވާނީ އަކްޝޭއާ އެކު ކަމަށް އަޑުއަރާފައި އެވެ. އެކަމަކު އޭގެ ކުރިން ބައެއް މީޑިއާތަކުން ވަނީ މަނޫޝީ އެކްޓިން އަށް ނުކުންނާނީ ފަރާ ޚާންގެ ފިލްމަކުން ކަމަށް ބުނެފަ އެވެ.

އަންނަ އަހަރުގެ ދިވާލީގައި ގެނެސްދޭން ނިންމާފައިވާ "ޕްރިތުވީރާޖް" އާ ބެހޭ ގޮތުން ބޮމްބޭ ޓައިމްސް އަށް މަނޫޝީ، 22، ބުނީ ބޮލީވުޑަށް ނުކުންނަން މިއަށް ވުރެ ރަނގަޅު ވަކި ރަނގަޅު ފުރުސަތެއް ނުލިބޭނެ ކަމަށެވެ.

"ޔާޝްރާޖްގެ ބަތަލާއަކަށްވުމަކީ ހުވަފެނެއް ހަގީގަތަކަށްވުން. މިކަން އަހަރެން ސިފަކުރާނީ ފެއަރީ ޓޭލްއެއްގެ ގޮތުގައި،" ހުކުރު ދުވަހު ބޭއްވި އަޅުކަމުގެ ހާއްސަ ހަފުލާއަކާ އެކު ޝޫޓިން ފެށި ފިލްމާ ބެހޭ ގޮތުން މަނޫޝީ ބުންޏެވެ. "އެހާ ވަރުގަދަ ބިޔަ ޕްރޮޖެކްޓަކުން ފުރުސަތު ލިބުމުން ވަރަށް އުފާވެއްޖެ. މިއީ އަހަރެންގެ ހަޔާތުން އަނެއްކާ އާ ސޮފްހާއެއް ހުޅުވިގެން ދާނެ ކަމެއް."

އޭނާ ބުނިގޮތުގައި އަލަތު ފިލްމަކަށް ތާރީހީ ފިލްމެއް ކުޅެން ޖެހުމަކީ ވެސް ވަރަށް ބޮޑު ޒިންމާއަކަށްވާނެ އެވެ.

"ފިލްމުގައި ރާނީ ސަނިއޮގީތާގެ ރޯލް ކުޅުމަކީ އާދައިގެ ކަމަކަށް ނުވާނެ. އަހަރެން ގަބޫލުކުރާ ގޮތުގައި އެ ރޯލަށް ވީހާ ވެސް ފުރިހަމައަކަށް އިންސާފުކޮށް ދިނުމަކީ އަހަރެންގެ ކޮނޑުގައި އެޅުނު ވަރަށް ބޮޑު ޒިންމާއެއް. އެއީ އިންޑިއާގެ ތާރީހުގެ ވަރަށް މުހިއްމު ސޮފްހާއެއް،" މަނޫޝީ ބުންޏެވެ. "އެހެންވީމަ އަހަރެންގެ މެކްސިމަމް އެ ކެރެކްޓާއަށާއި މުޅި ފިލްމަށް ދޭނަން."

ވައިއާރްއެފްގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ "ޕްރިތުވީރާޖް" އަކީ ޑރ. ޗަންދުރަޕްރަކާޝް ދިވެދީ ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ ބުނިގޮތުގައި ފިލްމުގެ ބަތަލާގެ ރޯލަށް މަނޫޝީ ނެގީ ވަރަށް ގިނަ އަންހެން ކުދިން އޮޑިޝަންތަކެއް ހެދުމަށް ފަހު، ސަނިއޮގީތާގެ ކެރެކްޓާ އަށް އެންމެ ފިިޓްވަނީ އޭނާއަށް ވާތީ އެވެ.

"މަނޫޝީ ފިލްމަށް ރިހާސަލް ހަދާތާ ވެސް މިހާރު ނުވަ ވަރަކަށް މަސް ދުވަސްވެއްޖެ،" ޗަންދުރަޕްރަކާޝް ބުންޏެވެ.

"ޕްރިތުވީރާޖް" ވައިއާރްއެފުން ރަސްމީކޮށް އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 9 ގަ އެވެ.

މި ފިލްމުގައި ކިޔައިދޭނީ ހަނގުރާތަކަށް ވަރަށް މޮޅު ޝަހުސިއްތެއްގެ ގޮތުގައި ފާހަގަކުރެވުނު އަދި 1178-1192 އަށް އިންޑިއާގައި ރަސްކަން ކުރި ޕްރިތުވީރާޖްގެ ވާހަކަ އެވެ. ފިލްމުގެ ޓައިޓްލް ރޯލް ކުޅެނީ އަކްޝޭ އެވެ.