21 ނޮވެމްބަރ 2019 - 07:20
އަންނަ އަހަރު ރިލީޒްކުރާ، ސަލްމާން ޚާންގެ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ރޯލަކަށް ގޯތަމް ގުލާޓީ ސޮއިކޮށްފި އެވެ.
ސަލްމާން ހޯސްޓްކުރާ ރިއަލިޓީ ޝޯ "ބިިގް ބޮސް" ގެ ސީޒަން 8 ގައި 2014 ގައި ވާދަކޮށް، ޝޯ ކާމިޔާބު ވެސް ކޮށްފައިވާ ގޯތަމް "ރާދޭ" އަށް ސޮއިކުރި ނަމަވެސް އޭނާ ފެންނާނީ ކޮން ކަހަލަ ރޯލަކުން ކަމެއް އަދި ނޭނގެ އެވެ.
ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި 31 އަހަރުގެ އެކްޓަރު މިގެ ކުރިން ވެސް ބައެއް ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި 2017 ގެ "ބެހެން ހޯގީ ތޭރީ" އާއި 2016 ގެ "އަޒްހަރު" ހިމެނެ އެވެ.
ގޯތަމް ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ދިޔާ އޯރް ބާތީ ހަމް"، "ކަސަމް ސޭ" އަދި "ޕިޔާރު ކީ ޔޭ އޭކް ކަހާނީ" ހިމެނެ އެވެ.
ޕްރަބޫދޭވާ ޑައިރެކްޓްކުރާ "ރާދޭ" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރާ އިރު، މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޑިޝާ ޕަޓްނީ، ޖެކީ ޝްރޮފް، ރަންދީޕް ހޫޑާ އަދި ސައުތުގެ އެކްޓަރު ބާރަތު ނިވާސް ހިމެނެ އެވެ.
އަންނަ އަހަރު ރިލީޒްކުރާ ތުރިލާ "ޗެހެރޭ" އިން ޒުވާން ބަތަކާ ކްރިތީ ކަރްބަންދާ ވަކިވެއްޖެ އެވެ.
In the light of recent media reports, we wish to clarify that @kriti_official & @apmpictures have mutually agreed to part ways on a cordial & professional note. We wish her success in all her future endeavours!
— Anand Pandit Motion Pictures (@apmpictures) November 19, 2019
އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީ ބަތަލުންގެ ރޯލް ކުޅޭ ފިލްމުން އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ޕާގަލްޕަންތީ" ގެ ބަތަލާ ވަކިވިކަން "ޗެހެރޭ" ގެ ޕްރޮޑިއުސަރު އާނަންދު ޕަންޑިތުގެ ފިލްމު ކުންފުނި އާނަންދު ޕަންޑިތު މޯޝަން ޕިކްޗާޒުން ކުރި ޓްވީޓެއްގައި ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. އޭގައި ބުނީ ކްރިތީ ފިލްމުން ވަކިވީ ދެ ފަރާތުން ވާހަކަ ދައްކައިފައި ކަމަށެވެ. އަދި އޭނާ އަށް ކާމިޔާބީ އަށް އެދޭ ކަމަށް ބުންޏެވެ.
ނަމަވެސް ބައެއް މީޑިއާތަކުން ސިފަކޮށްފައިވާ ގޮތުގައި "ޗެހެރޭ" އިން ކްރިތީ ބޭރުކޮށްލީ އެވެ. އަދި އެއީ ފިލްމަށް ވަގުތު ނުނިދުމާއި ޕްރޮފެޝަނަލްކަން ކުޑަވެގެން ކުރި ކަމެއް ކަމަށްވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ކްރިތީގެ ބަދަލުގައި ފިލްމަށް މިހާރު ވަނީ އަންކިތާ ލޯކަންދޭ ހަމަޖައްސައިފަ އެވެ.
ކްރިތީ އަކީ ފިލްމު "ރާޒް ރިބޫޓް" އިން 2016 ގައި ބޮލީވުޑަށް ނުކުތް ބަތަލާއެވެ. އޭނާގެ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި "ހައުސްފުލް 4" އިންނެވެ.
ރޫމީ ޖެފްރީ ޑައިރެކްޓްކުރާ "ޗެހެރޭ" އަންނަ އަހަރުގެ އެޕްރީލް 24 ގައި ރިލީޒްކުރާ އިރު، މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރިއާ ޗަކްރަބަތީ، އައްނޫ ކަޕޫރް އަދި ސިދާންތު ކަޕޫރް ވެސް ހިމެނެ އެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އިސްތިރީ" ގެ ލީޑް ރޯލް ކުޅުނު ރާޖްކުމާރު ރާއޯ ޝްރަދާ ކަޕޫރް އަނެއްކާ ވެސް އެކީގައި ކުޅޭ ފިލްމަކަށް ސޮއިކޮށްފި އެވެ.
Happy birthday to the most wonderful #Stree @ShraddhaKapoor. You’re awesome Shraddha. Sending you all the love and happiness. Keep smiling 🤗❤️ pic.twitter.com/Cg56RYvI2T
— Rajkummar Rao (@RajkummarRao) March 3, 2019
މީޑިއާތަކުން ބުނީ ދެ ތަރިން މި ފަހަރު ވެސް ސޮއިކުރީ "އިސްތިރީ" ގެނެސްދިން މެޑޮކް ފިލްމްސްގެ ދިނޭޝް ވިޖަން ޕްރޮޑިއުސްކުރާ ފިލްމަކަށެވެ. އަދި އެ ފިލްމުގެ ޑައިރެކްޓަރަކީ ގުޖުރާތުގެ ޑައިރެކްޓަރު އަބީޝެކް ޖެއިން ކަމަށާއި ފިލްމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ބުންޏެވެ.
ނަމަވެސް ފިލްމުގެ ނަމާއި އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. އަބީޝަކީ ސުބާޝް ގާއީ އާއި ސަންޖޭ ލީލާ ބަންސާލީ ފަދަ ޑައިރެކްޓަރުންނާ އެކު އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.
"އިސްތިރީ" ގެ ޑައިރެކްޓަރު އަމަރު ކޯޝިކް ބުނެފައިވާ ގޮތުގައި އެ ފިލްމުގެ ދެވަނަ ބައި ވެސް ޝްރަދާ އާއި ރާޖާ އެކު ގެނެސްދޭނެ އެވެ.
ކުރިން މި މަހުގެ 29 ގައި ރިލީޒްކުރަން އުޅުނު ސައިފް އަލީ ޚާންގެ "ޖަވާނި ޖާނެމަން" އަންނަ އަހަރުގެ ފެބްރުއަރީ 7 އަށް ތާވަލުކޮށްފި އެވެ.
New release date... #JawaaniJaaneman will now release on 7 Feb 2020 [#ValentineDay]... Stars Saif Ali Khan, Alaia F and Tabu... Directed by Nitin Kakkar. pic.twitter.com/6Ca6mUCPG6
— taran adarsh (@taran_adarsh) November 20, 2019
މި ފިލްމަކީ މި އަހަރު ސަލްމާން ޚާން، އާ ދެ ތަރިއަކު ބޮލީވުޑަށް ތައާރަފުކުރި ފިލްމު "ނޯޓްބުކް" ގެ ޑައިރެކްޓަރު ނިތިން ކައްކަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
އިނގިރޭސިވިލާތުގައި ޝޫޓްކޮށް ނިންމާފައިވާ "ޖަވާނި ޖާނެމަން" އަކީ ސައިފްގެ އާ ފިލްމު ކުންފުނި ބްލެކްނައިޓް ފިލްމްސްގެ އަލަތު ފިލްމެވެ.
ބައްޕައަކާއި ޒުވާން އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ މި ފިލްމަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ އަންހެން ދަރިފުޅު އަލައިއާ ފަރުނީޗަރުވާލާ ބޮލީވުޑަށް ތައާރަފުކުރާ ފިލްމެވެ.
"ޖަވާނި ޖާނެމަން" ގެ ކާސްޓުންގެ ތެރޭގައި ތައްބޫ، ޗަންކީ ޕާންޑޭ އަދި ކުބްރާ ސައިތު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy