29 ނޮވެމްބަރ 2019 - 07:07
ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރްގެ އަންހެނުން މީރާ ރާޖްޕޫތު އެކްޓިން އަށް ނުކުމެދާނެތޯ ކުރާ ސުވާލަކީ އަބަދުހެން އޭނާ އަށް އަމާޒުވާ ސުވާލެކެވެ. ރިޕޯޓްތައް މިހާރު ބުނާ ގޮތުން ދެ ކުދިންގެ މަންމަ ފިލްމު ކުޅޭކަށް ޝައުގެއް ނެތެވެ. އޭގެ ބަދަލުގައި އަމިއްލަ ވިޔަފާރިއެއް ފަށަން މީރާ ތައްޔާރުވަމުން އަންނަ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި މީރާ މިހާރު އަންނަނީ ވީޖަން ރެސްޓޯރެންޓެއް ހުޅުވުމުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ރެސްޓޯރަންޓް މުމްބާއީގެ ޖުހޫ ނުވަތަ ބަންޑްރާ ކަހަލަ ތަނެއްގައި ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، ފިރިމީހާ ޝާހިދު ވެސް މީރާގެ ވިޔަފާރީގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް މީޑިއާތަކުން ބުންޏެވެ. އޭނާ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވެސް މީރާ ކުރިއަށްދާން ބޭނުންވާ ކޮންމެ ކަމަކުން ކުރިިއަށްދާން އެހީތެރިވެދޭނެ ކަމަށް ބުނެފަ އެވެ.
ދެހާސް ފަނަރައިގައި ޝާހިދާ ކައިވެނި މީރާ އަކީ ފިލްމީ ސެލެބްރިޓީއަކަށް ނުވިޔަސް، އަބަދު ވެސް މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ މީހެކެވެ. އެގޮތުން އޭނާގެ ކޮންމެވެސް ވާހަކައެއް މީޑިއާތަކުގައި އަބަދުވެސް ދައުރުވެ އެވެ.
ޒިންމާދާރު މައެއްގެ ރޯލް މީރާ އަދާކުރަމުން އަންނަ އިރު މީރާ އަކީ އަބަދު ވެސް ދަރިންގެ ކަންކަމުގައި ވަރަށް އިސްކޮށް އުޅޭ މީހެކެވެ.
ޝާހީދު ފިލްމީ މަސައްކަތްތަކުގައި ބިޒީކޮށް އުޅޭ އިރު ދަރިން ބެލުމުގެ ބޮޡު ޒިންމާ އެންމެ ގަދައަށް ނަގަނީ މީރާ އެވެ. ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު މީޝާ ކަޕޫރަށް މިހާރު ތިން އަހަރެވެ. ހަގު ދަރިފުޅު ޒައިން ކަޕޫރަށް އެއް އަހަރެވެ.
މިދިޔަ ޖޫން މަހު ރިލީޒްކުރި "ކަބީރު ސިންގް" އަށް ފަހު، ޝާހިދު މިހާރު އަންނަނީ ސޮއިކޮށްފައިވާ އާ ފިލްމު "ޖާޒީ" ގެ ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ. އެއީ މި އަހަރު ހަމަ އެ ނަމުގައި ރިލީޒްކުރި ތެލެގޫ ފިލްމުގެ ރިމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުކި
30 November 2019
ކަޕޫރު މީ ހާދަ ހުތުރު ނަމެކޭ!