"ސައްތޭ ޕޭ ސައްތާ"ގެ ރިމެކް ފަރާ ޚާނަކަށް ނޫން

ޑައިރެކްޓަރު ފަރާ ޚާން، ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަށް ހަދައިދޭ ފުރަތަމަ ފިލްމަކީ ކުރީގެ މަޝްހޫރު ފިލްމު "ސައްތޭ ޕޭ ސައްތޭ"ގެ ރިމޭކް ކަމަށް ބުނެ މީޑިއާތަކުގައި ދައްކަމުން ދިޔަ ވާހަކަތައް މުޅިން އެހެން ގޮތަކަށް ބަދަލުވެއްޖެ އެވެ.


ރޯހިތުގެ ކުންފުންޏަށް ހަތަރު ފިލްމެއް ހަދައިދޭން ނިންމައި، އެކަން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އިއުލާންކުރި ފަހުން މީޑިއާތަކުން ބުނަމުން ދިޔައީ ފަރާ ހަދަން އުޅެނީ 1982 ގައި އަމީތާބް ބައްޗަން އާއި ހެމާ މާލިނީ ލީޑް ރޯލް ކުޅުނު "ސައްތޭ ޕޭ ސައްތާ"ގެ ރިމޭކް ކަމަށެވެ. އަދި މީގެ ކާސްޓާ ބެހޭ ގޮތުން ވެސް ގިނަ ވާހަކަތަކެއް މިހާތަނަށް މީޑިއާތަކުގައި އެކި ފަހަރު މަތިން ދެކެވިފައިވެ އެވެ.

ނަމަވެސް ކުރިއަށް އޮތް ފިލްމަކީ "ސައްތޭ ޕޭ ސައްތާ"ގެ ރިމޭކްކަން ފަރާ މިހާތަނަށް ކަށަވަރެއްނުކޮށްދެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ރިޕޯޓްކޮށްފައިވާ ގޮތުގައި ރޯމޫ އެން ސިއްޕީ ޕްރޮޑިއުސްކޮށް، ރާޖް އެން ސިއްޕީ ޑައިރެކްޓްކުރި ފިލްމުގެ ރިމެކިން ރައިޓްސް އޮތީ މާކެޓިން ކުންފުންޏެއް ކަމަށްވާ ޕާރަސް ޕަބްލިސިޓީ ސާވިސްގެ ރަޖޭޝް ވަސާނީ އަތުގަ އެވެ. އަދި "ސައްތޭ ޕޭ ސައްތާ"ގެ ރިމެކް އޭނާ ޑައިރެކްޓްކުރުވަން ބޭނުން ވަނީ މިދިޔަ އަހަރު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެނެސްދިން ޑައިރެކްޓަރު ލަވް ރަންޖަން ލައްވައި ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ.

އެ ނޫހުން ބުނިގޮތުގައި ފިލްމުގެ ލީޑް ރޯލް މިހާރު ވަނީ އަދި މިހާތަނަށް އެކީގައި ފިލްމެއް ނުކުޅޭ މަޝްހޫރު ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯނަށް ހުށަހަޅައިފަ އެވެ. މި ދެ ތަރިންގެ ނަން ފަރާގެ އާ ފިލްމާ ވެސް ގުޅިފައިވެ އެވެ.

ހަންގާމާ އިން ބުނިގޮތުގައި "ސައްތޭ ޕޭ ސައްތާ" ގެ ރިމެކިންގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ގޮތަށް ބަލާ އިރު އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ފިލްމު އިއުލާންކުރާނެ އެވެ.

ނަމަވެސް ލަވް ދެން އެންމެ އަވަހަށް ގެނެސްދޭނެ ފިލްމަކީ އެ ފިލްމު ކަމެއް ކަށަވަރެއް ނޫނެވެ. އޭނާ ވަނީ މިދިޔަ އަހަރު އަޖޭ ދޭވްގަން އާއި ރަންބީރު ކަޕޫރާ އެކު ފިލްމެއް ގެނެސްދޭން އިއުލާންކޮށްފަ އެވެ. އަދި އެ ފިލްމުން އަޖޭ މިހާރު ވަކިވެފައިވާ އިރު، ފިލްމުގެ ބަތަލާ އަކީ ދީޕިކާ ކަމަށް މީޑިއާތަކުން ބުނެ އެވެ.