ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަށް ފަރާ ހާން ޑައިރެކްޓްކޮށްދޭން މިދިޔަ ފެބްރުއަރީ މަހު ސޮއިކުރި ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި މީޑިއާތަކާ ހިއްސާއެއް ނުކުރެ އެވެ.

އެ އެއްބަސްވުމާ ބެހޭ ގޮތުން ފެބްރުއަރީ މަހުގެ 7 ގައި ބުނިހާ ވެސް އެއްޗަކީ 4 ފިލްމެއް އެކީގައި ގެނެސްދޭން ނިންމާފައިވާ ކަމަށާއި އެ ފިލްމުތައްވެގެން ދާނީ "މަދަ އޮފް އޯލް އެންޓަޓައިނާޒް" އަށް ކަމަށެވެ.

ދެހާސް ސާދައިގައި ރިލީޒް ކުރި "ހެޕީ ނިއު އިޔާ" އަށް ފަހު ފަރާ ޑައިރެކްޓް ކުރާނެ ފިލްމާ ބެހޭ ގޮތުން މީޑިއާތަކުން މިހާރު ބުނަނީ އެއީ ކުރީގެ ފިލްމެއް ކަމަށްވާ "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކެއް ކަމަށެވެ.

ކޮއިމޮއި އިން ބުނި ގޮތުގައި 1982 ގައި ރިލީޒްކުރި ފިލްމުގެ ރައިޓްސް ހޯދަން ކުރި މަސައްކަތް މިހާރު ކާމިޔާބުވެފައި ވާތީ ފަރާ އާއި ރޯހިތު ދެން މާ ލަސް ނުކޮށް، ފިލްމަކީ ކޮބައިކަން ރަސްމީކޮށް އިއުލާން ކުރާނެ އެވެ.

އެ ނޫހުން ބުނި ގޮތުގައި ފަރާގެ އާ ފިލްމަކީ ސީދާ "ސައްތޭ ޕޭ ސައްތާ" ގެ މަތިން ފޮޅުވަތް އަޅައިގެން ގެނެސްދޭނެ ފިލްމަކަށް ނުވާނެ އެވެ. އޭގެ ބަދަލުގައި ފިލްމުގެ މައިގަނޑު ޕްލޮޓް ނަގައިގެން ސްކްރީންޕްލޭ މިހާރަށް ފެތޭ ގޮތަށް ބަދަލުތަކެއް ގެންނާނެ އެވެ.

ރާޖް އެން ސިއްޕީ ޑައިރެކްޓް ކުރި އެކްޝަން ކޮމެޑީ ފިލްމު "ސައްތޭ ޕޭ ސައްތާ" އަކީ ފާމްހައުސްއެއްގައި އެކީގައި ދިރިއުޅޭ ޔަތީމު ހަތް ބެއިންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ވާހަކަ އަށް ޓްވިސްޓެއް އަންނަނީ އޭގެ ތެރެއިން ދޮށީ މީހާ (އަމީތާބް ބައްޗަން) އަށް ނަރުހެއް (ހެމާ މާލިނީ) ދެކެ ލޯބިވެވިގެން އެ މީހުންގެ ދިރިއުޅުން ބަދަލު ކުރަން ކުރާ މަސައްކަތްތަކާ އެކީގަ އެވެ.

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ސައްތޭ ޕޭ ސައްތާ" އިން ބޮޑު ކާސްޓެއް ފެނިގެން ދެ އެވެ. އަދި ފިލްމުގައި ޖުމްލަ 8 ލަވަ ހިމެނޭ އިރު އޭގެ ތެރެއިން "ދުއްކީ ޕެ ދުއްކީ ހޯ" އަކީ ވަރަށް މަޝްހޫރުވެގެން ދިޔަ ލަވައެކެވެ.

ކޮއިމޮއިން ބުނި ގޮތުގައި މި ފިލްމުގެ ރައިޓްސް ފަރާ އަށް ލިބިފައިވާތީ ސްކްރީންޕްލޭ މިހާރު އޮތީ ފަހު މަރުހަލާގަ އެވެ. އެހެންވެ ވަރަށް އަވަހަށް ފިލްމުގެ ކާސްޓް ވެސް އިއުލާން ކުރާނެ އެވެ. ބެލެވޭ ގޮތުން މި ފިލްމުވެގެން ދާނީ 2017 ގެ ރީތީގެ ރާނީ މަނޫޝީ ޗިލާރް ވެސް ބޮލީވުޑަށް ތައާރަފު ކުރާ ފިލްމަށެވެ.