"ހަތުރޯން ކޭ ކިލާޅީ" ގެ އާ ޝޯއެއް ފަރާ ޚާނާ އެކު

ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކޮށް ކަލާޒް ޗެނަލުން ގެނެސްދޭ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 10 ވަނަ ސީޒަން ބަތަލާ ކަރިޝްމާ ތައްނާ އާދިއްތަ ދުވަހުގެ ރޭ ކާމިޔާބުކޮށް ނިންމައިލުމާ އެކު، މި ޝޯގެ އާ ބާބެއް ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާނާ އެކު ގެނެސްދޭންް ތައްޔާރުވެއްޖެ އެވެ.


އަންނަ މަހުގެ 1 ވަނަ ދުވަހުގެ ރެއިން ފެށިގެން ގެނެސްދޭން ފަށާ ޝޯގެ ނަމަކީ "ހަތުރޯން ކޭ ކިލާޅީ: މޭޑް އިން އިންޑިއާ" އެވެ. މީގެ ޕްރޮމޯ ވެސް ކަލާޒުން މިހާރު އަންނަނީ ދައްކަމުންނެވެ.

މި ޝޯގައި "ހަތުރޯން ކޭ ކިލާޅީ" ގެ އެކި ސީޒަންތަކުގައި ކުރިން ވާދަކުރި އަށް ބައިވެރިއަކު ހިމެނެ އެވެ. އެއީ ނިއާ ޝަރުމާ އާއި އަލީ ގޯނީ އާއި ހާޝް ލިމްބާޗިއާ އާއި ޖޭސްމިން ބާސިނާއި ރިތުވިކް ދަންޖާނީ އާއި ކަރަން ވާހީ އާއި ޖޭ ބަނުޝާލީ އާއި 10 ވަނަ ސީޒަންގެ ދެވަނަ އަށް ދިޔަ ކަރަން ޕަޓޭލެވެ.

ފަރާ ހޯސްޓްކުރާ ޝޯގެ ހާއްސަ ކަމަކީ މީގެ ބައިވެރިންގެ ސްޓަންޓްތައް އިންޑިއާގައި ހަދާ ތަން ދެއްކުމެވެ. "ހަތުރޯން ކޭ ކިލާޅީ" އަކީ އަބަދު ވެސް ބޭރުގެ ކޮންމެވެސް ގައުމެއްގައި ޝޫޓްކޮށްގެން ގެނެސްދޭ ޝޯއެކެވެ. އެގޮތުން އާދީއްތަ ދުވަހުގެ ރޭ ނިންމައިލި ޝޯ ގެނެސްދިނީ ބަލްގޭރިއާއިންނެވެ.

"ހަތުރޯން ކޭ ކިލާޅީ: މޭޑް އިން އިންޑިއާ" ވެސް ގެނެސްދޭނީ "ހަތުރޯން ކޭ ކިލާޅީ" ވެސް ގެނެސްދިން ދުވަސްތަކުގަ އެވެ. އެއީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 8:30 ގަ އެވެ.

އެމެރިކާގެ ޝޯއެއް ކަމަށްވާ "ފިއާ ފެކްޓާ" ގެ އިންޑިއާ ވާޝަނުގެ ގޮތުގައި "ހަތުރޯން ކޭ ކިލާޅީ" ގެނެސްދެމުން އަންނަނީ 2008 އިން ފެށިގެންނެވެ. ރޯހިތުގެ އިތުރުން މި ޝޯ ހޯސްޓްކުރި މީހުންގެ ތެރޭގައި އަކްޝޭ ކުމާރާއި ޕްރިޔަންކާ ޗޯޕްޅާ އާއި އަރުޖުން ކަޕޫރް ހިމެނެ އެވެ. މިހާތަނަށް 10 ސީޒަން ގެނެސްދިން އިރު ރޯހިތު ވަނީ ހަ ސީޒަން ހޯސްޓްކޮށްފަ އެވެ.