20 ޑިސެމްބަރ 2019 - 08:38
ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އިއުލާންކޮށްފައިވާ "ބަންޓީ އޯރް ބަބްލީ 2" އިން ރާނީ އާއި ސައިފް އަލީ ޚާން އެކީގައި ފެނިގެންދާނެކަން ކަށަވަރުވެއްޖެ އެވެ.
މި ފިލްމަކީ ރާނީ އާއި އަބީޝެކް ބައްޗަން 2005 ގައި ކުޅުނު "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައެވެ. ފިލްމުގެ ކާސްޓާ ރާނީ އާއި ސައިފް ގުޅޭކަން ކަށަވަރުކޮށް ދިނުމުގެ ކުރިން އެ ފިލްމުގެ ރޯލްތަކުން ސިދާންތު ޗަތުރަވެދީ އާއި އަލަށް ތައާރަފުކުރާ ޝަރްވާރީ ފެންނާނެކަން ވައިއާރްއެފުން ވަނީ އިއުލާންކޮށްފަ އެވެ.
މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި "ބަންޓީ އޯރް ބަބްލީ 2" އިން ސައިފާއި ރާނީ ވެސް ފެންނާނެ އެވެ. އެކަމަކު ސައިފް ފަހުން ފިލްމު ދޫކޮށްލިކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ.
#SaifAliKhan and #RaniMukerji bring their magic back in #BuntyAurBabli2 @SiddhantChturvD | #Sharvari | #VarunSharma | @BuntyAurBabli2_ pic.twitter.com/W5jMOow5qT
— Yash Raj Films (@yrf) December 19, 2019
އެ ދެ ތަރިން "ބަންޓީ އޯރް ބަބްލީ 2" ގެ މުހިއްމު ރޯލްތަކަކުން ފެންނާނެކަން ކަށަވަރުކޮށް ދެމުން ވައިއާރްއެފްގެ ވެބްސައިޓްގައި ބުނީ މި ދެ ތަރިން އެކީގައި ކުރިން ވެސް ފިލްމުތަކެއް ކުޅެފައިވާތީ، ބެލުންތެރިން ކުރިން ދިން ލޯބި އަލުން އިޔާދަކޮށް ދޭނެ ކަމުގެ އުންމީދު ވެސް ބޮޑު ކަމަށެވެ. އަދި އާ ފިލްމުން ވެސް ދެ ތަރިން ފެނިގެން ދާނީ ބެލުންތެރިން ވަރަށް ގަޔާވާ ކަހަލަ ކެރެކްޓާތަކަކުން ކަމަށް ބުންޏެވެ.
ސައިފާއި ރާނީ ވަނީ ކުރިން އެކީގައި ރީތި އަދި ކާމިޔާނު ތިން ފިލްމެއް ކުޅެފަ އެވެ. އެއީ ވައިއާރްއެފުުން ގެނެސްދިން ހަމް ތުމް (2005) އާއި ތަރަ ރަމް ޕަމް (2007) ގެ އިތުރުން ތޯޅާ ޕިޔާރު ތޯޅާ މެޖިކް (2008) އެވެ.
"ބަންޓީ އޯރް ބަބްލީ 2" ވެގެން ދާނީ 2014 ގައި ކައިވެނިކުރި ފަހުން ރާނީ އޭ-ލިސްޓް ތަރިއަކާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ "މަރުދާނީ 2" އެވެ.
"ބަންޓީ އޯރް ބަބްލީ 2" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރި ނަމަވެސް ފިލްމުގެ ޝޫޓިން މިހާރު ވަނީ ފަށައިފަ އެވެ. މި ފަހަރު ފިލްމު ލިޔެ، ޑައިރެކްޓްކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުތް ވަރުން ޝަރުމާ އެވެ. ކުރީގެ ފިލްމު ޑައިރެކްޓްކުރީ ޝާދު އަލީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy