ތަފާތު ކާސްޓަކާ އެކު "ބަންޓީ އޯރް ބަބްލީ 2" އިއުލާންކޮށްފި

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މީގެ 14 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ރޮމޭންޓިކް ކޮމެޑީ "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައި ގެނެސްދޭން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވޭތާ އެތައް ދުވަހެއް ފަހުން އެ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.


ވައިއާރްއެފުން ކުރި ޓްވީޓެއްގައި ވަނީ ފިލްމުގެ ލީޑް ދެ ތަރިންނަކީ ކޮބައިކަން ވެސް ހިއްސާކޮށްފަ އެވެ. އެއީ ކުރިން ވެސް އަޑުއަރާފައިވާ ގޮތަށް މި އަހަރު ރިލީޒްކުރި "ގަލީ ބޯއި" އިން ވިދައިލި ޒުވާން އެކްޓަރު ސިދާންތު ޗަތުރަވެދީ އާއި އަލަށް ތައާރަފުކުރާ ޝަރްވާރީ އެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ވަރުން ޝަރުމާ އެވެ. އޭނާ އަކީ ވައިއާރްއެފުން ގެނެސްދިން އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރި "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.

"ބަންޓީ އޯރް ބަބްލީ 2" އާ ބެހޭ ގޮތުން ވަރުން ބުނީ އެ ފިލްމަކީ މިހާރުގެ ހާލަތާ ވަރަށް ގުޅޭ ގޮތަށް ގެނެސްދޭނެ ފިލްމެއް ކަމަށެވެ. އަދި ފިލްމަށް އާ ޒުވާން ތަރިންތަކެއް ނެގީ، އެ މީހުން ކެރެކްޓާތަކަށް ވަރަށް ބޮޑަށް ފިޓްވާތީ ކަމަށް ބުންޏެވެ.

"ދެ ތަރިން ވެސް އެހާ ޗާމިން. އަނެއްކާ ސިންދާންތާއި ޝަރްވާރީއަކީ ވެސް ވަރަށް ހުނެރުވެރި ދެ ޒުވާނުން. އަހަރެން ބުނާނީ ވަރަށް ހިތްގައިމު ފިލްމަކަށް ބަންޓީ އޯރް ބަބްލީގެ ދެވަނަ ބައި ވާނޭ. ހަމަ ޔަގީނުން ވެސް ދެ ތަރިންގެ ކެމިސްޓްރީ ވަރަށް ޗާލުވާނެ." ވަރުންގެ ސްކްރީންއަކަށް ހަދާ ފިލްމާ ބެހޭ ގޮތުން ބުންޏެވެ. "ކުރީ ފިލްމުގައި ދައްކުވައި ދިން ހާދިސާތަކުގެ ދިހަ އަހަރު ފަހުން ހިނގާ ކަންތައްތަކެއް އާ ފިލްމުގައި ދައްކުވައި ދޭނީ."

ނަމަވެސް ކުރިން އަޑުއަރާފައިވާ ގޮތާ ހިލާފަށް އާ ފިލްމުގައި ފުރަތަމަ ބައިގެ ބަތަލާ ރާނީ މުކަރްޖީ ހިމެނޭކަން އަދި ކަށަވަރެއް ނޫނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ފިލްމުގެ ރޯލެއް ސައިފް އަލީ ޚާނަށް ވެސް ހުށަހަޅާފައިވެ އެވެ.

"ބަންޓީ އޯރް ބަބްލީ 2" އާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް ހާމަނުކުރާތީ ފިލްމު ރިލީޒްކުރާ އިރެއް ވެސް އަދި ނޭނގެ އެވެ. އެކަމަކު ފިލްމުގެ ޝޫޓިން ވަނީ ފަށައިފަ އެވެ.

ދެހާސް ފަހެއްގައި "ބަންޓީ އޯރް ބަބްލީ" ގެނެސްދިނީ ރާނީ އާއި އަބީޝެކް ބައްޗަނާ އެކީގަ އެވެ. އަދި ޝާދު އަލީ ޑައިރެކްޓްކުރި ފިލްމުގެ ހާއްސަ ރޯލެއް އަމީތާބް ބައްޗަން ވެސް ކުޅުނެވެ. ޖުމްލަ 13 ކްރޯޑް ރުޕީސް (1,831,953 ޑޮލަރު) އިން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 64 ކްރޯޑް ރުޕީސް (10 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

"ބަންޓީ އޯރް ބަބްލީ 2" އަކީ "ގަލީ ބޯއި" އަށް ފަހު، ސިދާންތު، 26، ރަސްމީކޮށް ސޮއިކުރި ދެވަނަ ފީޗާ ފިލްމެވެ.