ޕަރިނީތީ ޗޯޕްޅާގެ ބަދަލުގައި "ބޫޖް" އަށް އިހާނާ ދިލަން

ވަގުތު ދެވެން ނެތިގެން އަޖޭ ދޭވްގަންގެ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިން ބަތަލާ ޕަރިނީތީ ޗޯޕްޅާ ވަކިވެފައި ވާތީ އޭނާގެ ބަދަލުގައި އެ ފިލްމަށް އިހާނާ ދިލަން ހަމަޖައްސައިފި އެވެ.


ޕަންޖާބީ ފިލްމުތައް ވެސް ކުޅޭ އުމުރުން 30 އަހަރުގެ ބަތަލާ ބުނީ، ވަރުގަދަ ކާސްޓެއް ހިމެނޭ ފިލްމުން ފުރުސަތު ލިބުމަކީ ވަރަށް އުފާވި ކަމެއް ކަމަށެވެ. އަބީޝެކް ދުދައްޔާ ޑައިރެކްޓް ކުރާ "ބޫޖް" ގައި އިހާނާ ކުޅޭނީ އިންޑިއާގެ ވައިގެ ސިފައިންގެ އޮފިސަރެއްގެ ރޯލެވެ.

އެކަމަކު، މިއީ ހިންދީ ފިލްމެއް އޭނާ ކުޅޭ ފުރަތަމަ ފަހަރެއް ނޫނެވެ. އިހާނެގެ އަލަތު ހިންދީ ފިލްމަކީ މިދިޔަ އަހަރު ކުޅުނު "ހޭޓް ސްޓޯރީ 4" އެވެ.

"ބޫޖް" އާ ބެހޭ ގޮތުން އޭނާ ބުނީ އެއީ ގޮންޖެހުން ބޮޑު ފިލްމަކަށް ވާނެ ކަމަށެވެ.

"އެންމެ އުފާވި ކަމަކީ ހަތްދިހައިގެ އަހަރުތަކުގެ އިންޑެޕެންޓެންޑް އަންހެނެއްގެ ރޯލް ކުޅެން ލިބުން،" އިހާނާ ބުންޏެވެ.

މި އަހަރުގެ އޮގަސްޓް 14 ގައި ސިނަމާތަކުގައި އަޅުވަން ތާވަލް ކޮށްފައިވާ "ބޫޖް" ގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތާއި ސޮނާކްޝީ ސިންހާ އާއި ރާނާ ދަގޫބަތީ އާއި އައްމީ ވާކާއި ވިދުޔަމް ޖަމްވަލާއި ޕްރަނީތާ ސުބާޝްގެ އިތުރުން މަހޭޝް ޝެޓީ ވެސް ހިމެނެ އެވެ.

ޖުމްލަ 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) ޚަރަދު ކުރާ މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމަ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.