އައިޝްވާރިޔާ ރާއީގެ "ޕޮނިޔިން ސެލްވަން" އިއުލާންކޮށްފި

އައިޝްވާރިޔާ، ބަތަލާގެ ރޯލް ކުޅޭތާ ރީޚީ ބޮޑު ފިލްމު "ޕޮނިޔިން ސެލްވަން" ރަސްމީކޮށް އިއުލާންކޮށް، ފިލްމުގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.


ތަމަޅަ ބަހުން ހަދާ މި ފިލްމުގެ ޑައިރެކްޓަރަކީ މަނީ ރަތުނަމް އެވެ.

ފިލްމުގެ ބައެއް ކާސްޓުންނާ އެކު، ޝޫޓިން ތައިލެންޑްގައި ކުރިއަށް ގެންދާ އިރު، އައިޝްވާރިޔާ ފެންނާނީ ޑަބަލް ރޯލަކުންނެވެ. އޭނާ ކުޅޭނީ މަޔަކާއި ދަރިއެއްގެ ރޯލެވެ. "ޕޮނިޔިން ސެލްވަން" އަކީ 2016 ގައި ރިލީޒްކުރި "އޭ ދިލް ހޭ މުޝްކިލް" އަށް ފަހު، ކުރީގެ ރީތީގެ ރާނީ ރަސްމީކޮށް ސޮއިކުރި ފުރަތަމަ ފިލްމެވެ.

މީގެ ކާސްޓުންގެ ތެރޭގައި ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ތަރިންތަކެއް ހިމެނެ އެވެ.

އޭގެ ތެރޭގައި ރަތުނަމްގެ 2010 ގެ "ރާވަން" ގައި އައިޝްވާރިޔާއާ އެކު މުހިއްމު ރޯލެއް ކުޅުނު ވިކްރަމްގެ އިތުރުން ޖަޔަރާމް ރަވީ، ތުރިޝާ، އައިޝްވާރިޔާ ލެކްޝްމީ، ވިކްރަމް ޕްރަބޫ، ސަރަތުކުމާރު، ޕްރަބޫ އަދި ކިޝޯރް ހިމެނެ އެވެ.

ޓެގް ލައިނެއްގެ ގޮތުގައި "ބިގިނިން އޮފް ދަ ގޯލްޑެން އީރާ" ހިމަނާފައިވާ "ޕޮނިޔިން ސެލްވަން" ޕްރޮޑިއުސް ކުރަނީ ރަތުނަމްގެ މެޑްރާސް ޓޯކީޒް އާއި ލައިކާ ޕްރޮޑަކްޝަން ގުޅިގެންނެވެ. ފިލްމުގެ މިއުޒިކް ތައްޔާރު ކޮށްދެނީ އާންމުކޮށް ރަތުނަމްގެ ފިލްމުތަކަށް މިއުޒިކް ހަދައިދޭ އަދި އޮސްކާ އެވޯޑް ހޯދާފައިވާ އޭއާރް ރަހްމާނެވެ. ނަމަވެސް ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ޕޮނިޔިން ސެލްވަން" އަކީ ލިޔުންތެރިޔާ ކަލްކީ ކްރިޝްނަމުރުތީ، އެ ނަމުގައި 1950 ގައި ގެނެސްދިން ތާރީހީ ވާހަކަ އަކަށް ހަދާ ފިލްމެކެވެ. މީގައި އިންޑިއާގެ ތާރީހުގެ މުހިއްމު ސޮފުތާކެއް ކިޔައިދެ އެވެ.

ރަތުނަމްގެ އާ ފިލްމަށް އައިޝްވާރިޔާ ސޮއިކުރި އިރު، އޭނާ ފިލްމީ ދާއިރާ އަށް ނުކުތީ ވެސް ރަތުނަމްގެ ފިލްމަކުންނެވެ. އެއީ 1997 ގެ "އިރުވަރު" އެވެ. އޭގެ ފަހުން އެ ދެ މީހުން އެކީގައި މަސައްކަތް ކުރި ފިލްމުތަކުގެ ތެރޭގައި 2007 ގެ "ގުރޫ" ވެސް ހިމެނެ އެވެ.