"ހުވާ 2" ގެ ޓީޒާ ދައްކާލައިފި

މި މަހުގެ 30 ވަނަ ދުވަހު ބައިސްކޯފުން ސްޓްރީމްކުރާ ވެބް ސީރީޒް "ހުވާ" ގެ ދެވަނަ ސީޒަންގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.


މިދިޔަ އަހަރު ގެނެސްދިން ސީރީޒްގެ ވާހަކަ އިތުރަށް ކުރިއަށްދާ ގޮތާއި މީގެ ކެރެކްޓާތައް ނިއުޅެވެމުންދާ ގޮތް ދެވަނަ ސީޒަނުން ކިޔައިދީ، ބެލުންތެރިންނަށް ޝައުގުވެރިކަން އިތުރުކޮށްދޭނެ އެވެ. މި ފަހަރު ވެސް ހަމަ ފާތުމަތު ނަހުލާގެ ސްކްރިޕްޓާއި އޭނާގެ ޑައިލޮގްތަކުން "ހުވާ" ގެ ފުރިހަމަކަން އިތުރުކޮށްދޭނެ އެވެ.

"ހުވާ" ގެ ދެވަނަ ސީޒަނުން އާ ކެރެކްޓާތަކެއް ވެސް ތައާރަފުވެގެންދާ އިރު، ކުރީ ސީޒަނުގައި ރަވީ ފާރޫގް ކުޅުނު ރޯލުން މި ފަހަރު ފެންނާނީ އަބްދުﷲ މުއާޒް (މުއާ) އެވެ. މީގެ އިތުރުން އަހުމަދު އަޒްމީލް (އަޒޭ) އާއި އޭނާގެ ކުރީގެ މައިދައިތަ އައިމިނަތު ރަޝީދާ ވެސް އާ ސީޒަނުން ފެންނާނެ އެވެ.

ކުރީގެ މައިގަނޑު ތަރިން މި ފަހަރު ވެސް ހަމަ އެ މީހުންގެ ރޯލްތަކުން ފެންނާނެ އެވެ.

އޭގެ ތެރޭގައި މުހައްމަދު ފައިސަލާއި މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮން އައްޔަ) އާއި ޝީލާ ނަޖީބާއި އަހުމަދު އީސަ (އާނަންދު) އާއި އިރުފާނާ އިބްރާހީމާއި އަބްދުﷲ ޝާފިއު (ފުބޫ) އާއި އިބްރާހީމް ޖިހާދފު (ޖިމީ) އާއި އާރިފާ އިބްރާހީމާއި ރޯނު ހަސަން މަނިކު ހިމެނެ އެވެ.

"ހުވާ" ސީޒަން ދޭއްގައި 70 ވަރަކަށް އެޕިސޯޑް ހިމެނޭނެ އެވެ. އަދި ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 20 މިނިޓެވެ.

މި ފަހަރު ސީރީޒްގެ ބައެއް އެޕިސޯޑްތައް ފުރަތަމަ ސީޒަނުގައި މަރައިލި ކެރެކްޓާ ކުޅުނު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވެ އެވެ.