ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކެންސަރަށް ފަރުވާ ހޯދަމުން އެކްޓަރު އިރުފާން ޚާން ކުޅުނު ފިލްމު "އަނގްރޭޒީ މީޑިއަމް" ގެ ޓްރެއިލާ މިއަދު ދައްކައިލަން ނިންމައިފި އެވެ.


މި ފިލްމަކީ 2017 ގައި އިރުފާން ކުޅުނު ކާމިޔާބު ފިލްމު "ހިންދީ މީޑިއަމް" ގެ ދެވަނަ ބައެވެ. ފިލްމުގެ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. އޭނާއާ އެކު މި ފަހަރު ފިލްމުން ފެންނަ ކާސްޓުންގެ ތެރޭގައި ކަރީނާ ކަޕޫރް، ރާދިކާ މަދަން، ދީޕަކް ދޮބްރިޔާލް، ޑިމްޕަލް ކަޕާޑިއާ އަދި ރަންވީރު ޝޯރޭ ފަދަ ތަރިން ހިމެނެ އެވެ.

"އަނގްރޭޒީ މީޑިއަމް" ޑައިރެކްޓްކޮށްފައި "ކޮކްޓެއިލް" ގެނެސްދިން ހޯމީ އަދަޖާނިއާ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 20 ގަ އެވެ.

"ބާގީ 3" ގެ ފުރަތަމަ ލަވަ އަކީ "ދަސް ބަހާނޭ"

އަންނަ މަހުގެ 6 ގައި ރިލީޒްކުރާ "ބާގީ 3" ގެ ލަވަތަކުގެ ތެރެއިން ފުރަތަމަ ލަވަ ބެލުންތެރިންނަށް ދައްކާލައިފި އެވެ.

ޓައިގާ ޝްރޮފާއި ޝްރަދާ ކަޕޫރްގެ ވަރުގަދަ ނެށުންތަކެއް ފެނިގެންދާ މި ލަވަ އަކީ 2005 ގައި ރިލީޒްކުރި ފިލްމު "ދަސް" ގައި ހިމެނުނު ހިޓް ލަވަ "ދަސް ބަހާނޭ" ގެ އާ ވާޝަނެކެވެ. އޮރިޖިނަލް ލަވައިގެ މިއުޒިކް ވެސް ހެދި ވިޝާލް-ޝޭކަރު އަލުން މިއުޒިކާ ކުޅެގެން ހަދާފައިވާ "ދަސް ބަހާނޭ 2.0" ގެ ކިޔާފައި ވަނީ ވިޝާލް-ޝޭކަރާއި ކޭކޭ އާއި ޝާނާއި ތުލްސީ ކުމާރެވެ.

"ބާގީ 3" އަކީ ސާޖިދު ނަދިއަދުވާ ޕްރޮޑިއުސްކޮށް، އަހުމަދު ޚާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ނޭހާ އާއި އަދިތިޔާގެ ވީޑިއޯ ލަވައެއް

ސޮނީން މިހާރު ދައްކަމުން އަންނަ "އިންޑިއަން އައިޑޮލް" ސީޒަން 11 ގެ ޖަޖް ނޭހާ ކައްކަރާއި އެ ޝޯގެ ހޯސްޓް އަދިތިޔާ ނާރަޔަން މި މަހުގެ 14 ގައި ކައިވެނިކުރަން އުޅޭ ކަމަށް އަޑުތައް އަރުވާފައި ވަނިކޮށް ދެ މީހުން ފެންނަ ވީޑިއޯ ލަވައެއް ދައްކާލައިފި އެވެ.

"ގޯއާ ބީޗް" ގެ ނަން ދީފައިވާ މި ލަވަ ކިޔާފައި ވަނީ ނޭހާ އާއި އޭނާގެ ބޭބެ ޓޯނީ ކައްކަރެވެ. ލަވައިން ޓޯނީ އާއި އިތުރު އަންހެން ބައިވެރިޔަކު ވެސް ފެނިގެންދާ އިރު، މީގެ މިއުޒިކާއި ޅެން ވެސް ހެދީ ޓޯނީ އެވެ.

"ގޯއާ ބީޗް" އަކީ ނޭހާ އާއި އަދިތިޔާ އެކީގައި ކުޅުނު ފުރަތަމަ ވީޑިއޯ ލަވަ އެވެ.

"ޔޭ ބެލޭ" ނެޓްފްލިކްސް އަށް

މިދިޔަ އަހަރު "ދަ ސްކައި އިޒް ޕިންކް" ގެނެސްދިން ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރްގެ ފިލްމު ކުންފުނި ރޯއި ފިލްމްސް އިން ހަދާފައިވާ ފިލްމު "ޔޭ ބެލޭ" ނެޓްފްލިކްސް އިން ސްޓްރީމްކުރާ ގޮތަށް ނިންމައި، އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.

ބެލޭ ޑާންސް ދަސްކޮށްދޭ ސްކޫލަކުން ފުރުސަތު ހޯދަން މަސައްކަތްކުރާ ދެ ޒުވާނެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ އާ ދެ އެކްޓަރުން ކަމަށްވާ ޖޫލިއަން ސޭންޑްސް އާއި މަނީޝް ޗޯހަން އެވެ.

ސޫނީ ޓަރަޕޮރެވާލާ ޑައިރެކްޓްކޮށްފައިވާ "ޔޭ ބެލޭ" ސްޓްރީމްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 21 ގަ އެވެ.