ސަލްމާން ޚާނާ މިހާރު އެއްވެސް ގާތްކަމެއް ނެތް: ބޯނީ ކަޕޫރް

ކުރިން ސަލްމާން ޚާނާ ވަރަށް ގާތް ގުޅުމެއް އޮތް ނަމަވެސް އެ ގުޅުން މިހާރު ނެތް ކަމަށް ޕްރޮޑިއުސަރު ބޯނީ ކަޕޫރް ބުނެފި އެވެ.


މި ދެ މީހުންގެ މެދުގައި އޮތް ގާތްކަން ކެނޑި، ބައްދަލުވެ ވާހަކަ ވެސް ނުދައްކާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައި ވަނިކޮށް ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި ބުނީ ސަލްމާނާ މިހާރު ވެސް އެއްވެސް ވަރެއްގެ ގުޅުމެއް ނެތް ކަމަށެވެ.

އަޑުތައް އަރާފައިވާ ގޮތުން ސަލްމާނާއި ބޯނީގެ ގުޅުން ގޯސްވީ، އޭނާގެ ދަރިފުޅު އަދި އެކްޓަރު އަރުޖުން ކަޕޫރް، ސަލްމާންގެ ކުރީގެ ފަހަރި މަލައިކާ އަރޯރާއާ ހިތާވި ހިސާބުންނެވެ. ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާންގެ ދަރިފުޅުގެ މަންމަ އާއި އަރުޖުން ލޯބީގެ ވާހަކަ އަކީ މި ފަހުން ބޮލީވުޑްގައި އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކަ އެވެ.

މީގެ އިތުރުން ވެސް އަރުޖުން ވަނީ ސަލްމާންގެ އާއިލާ މީހަކާ ކުރިން ސީރިއަސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެެ. އެއީ އެކްޓިން އަށް ނުކުތުމުގެ ކުރިން، ސަލްމާންގެ ހަގު ކޮއްކޮ އަދި މިހާރު އެކްޓަރު އާޔޫޝް ޝަރުމާއާ ކައިވެނިކޮށްގެން ދެ ދަރިން ވެސް ތިބި އަރްޕިތާ ޚާނެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި މިކަހަލަ ކަންތައްތަކަކާ ހެދި އަރުޖުންއާ ދޭތެރޭ ސަލްމާން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާތީ ބޯނީ 2005 ގައި ޕްރޮޑިއުސްކޮށް، ސަލްމާން މުހިއްމު ރޯލެއް ކުޅުނު ފިލްމު "ނޯ އެންޓްރީ" ގެ ސީކްއެލްގެ މަސައްކަތް ވެސް އޮތީ ނުފެށި ދިގުލައިގެން ގޮސްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެ ފިލްމު ސަލްމާން ކުޅުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. ސަބަބަކީ އޭނާއާ ކިރިޔާ ވެސް ދެކޮޅުވެރި ކަމެއް އޮންނަ މީހަކާ ގުޅުން ބޭއްވުމަކީ ސަލްމާން ކުރާ ކަމަކަށް ނުވުމެވެ.

ބޯނީއާ ގުޅުމެއް ނެތަސް، އޭނާގެ ކޮއްކޮ އަދި މަޝްހޫރު އެކްޓަރު އަނިލް ކަޕޫރާއި ސަލްމާނަކީ އަބަދު ވެސް ވަރަށް ގާތް ދެ ރައްޓެހިންނެވެ. އަދި އެ ގުޅުން އެގޮތުގައި އަދިވެސް ދެމިއެބައޮތެވެ.

ބޯނީ ބުނީ ސަލްމާނާއި އޭނާގެ ގުޅުން ކެނޑިފައި އޮތަސް އަރުޖުން ބޮލީވުޑަށް ނެރެން ސަލްމާން ދިން ހިތްވަރުގެ މަތިން އަބަދު ވެސް ހަނދާން ހުންނާނެ ކަމަށެވެ. ކުރިން ވަރަށް ފަލަކޮށް ހުރި އަރުޖުން ހަށިގަނޑު ފިޓްކޮށް، ފިލްމު ކުޅެން އެންމެ ބޮޑަށް ހިތްވަރު ދިން މީހަކީ ސަލްމާނެވެ.

"އެކަން އަބަދު ވެސް އަހަރެން ހަނދާނުގައި ހުންނާނެ. އަދި އެކަމަށް އޮތް ޝުކުރަށް ނިމުމެއް ވެސް ނާންނާނެ." ބަތަލާ ޖާންވީ ކަޕޫރްގެ ވެސް ބައްޕަ ބުންޏެވެ.