14 ފެބުރުއަރީ 2019 - 07:37
ޑައިރެކްޓަރު އަނީސް ބަޒްމީ 2005 ގައި ގެނެސް ދިން ކާމިޔާބު ފިލްމު "ނޯ އެންޓްރީ" ގެ ދެވަނަ ބައި ގެނެސް ދޭނީ ސަލްމާން ހާނާ ނުލައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޯނީ ކަޕޫރް ޕްރޮޑިއުސް ކުރި ފިލްމުގެ ދެވަނަ ބައިގެ ވާހަކަ ދެކެވޭތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.
އަނީސް ބޮލީވުޑް ހަންގާމާ އަށް ބުނީ "ނޯ އެންޓްރީ" ގެ ދެވަނަ ބައި "ނޯ އެންޓްރީ މޭ އެންޓްރީ" ގެ ސްކްރިޕްޓް އެއްކޮށް ނިމިފައިވާ ކަމަށާއި އޭނާ މިހާރު އިންތިޒާރުގައި ހުރީ ބޯނީގެ ފަރާތުން އިޝާރާތެއް ލިބެންދެން ކަމަށެވެ.
ދެހާސް ސަތާރަ ވަަނަ އަހަރު "މުބާރަކަން" ގެނެސް ދިން ޑައިރެކްޓަރު ބުނި ގޮތުގައި "ނޯ އެންޓްރީ މޭ އެންޓްރީ" ގައި ހިމަނާނެ ކާސްޓުން ވެސް ވަނީ ބޯނީއާ ހިއްސާކޮށްފަ އެވެ. ބެލެވޭ ގޮތުން ސަލްމާނާއި ފަރްދީން ހާން ދެވަނަ ބައިން ނުފެނުނު ނަމަވެސް، ފުރަތަމަ ބައިގައި ވެސް މުހިއްމު ރޯލެއް ކުޅުނު ބޯނީގެ ކޮއްކޮ އަނިލް ކަޕޫރް ފިލްމުން ފެނިގެން ދާނެ އެވެ.
ސަލްމާން ފިލްމުން ނުފެންނާނެ ކަމަށް ބެލެވޭ ސަބަބުތަކުގެ ތެރޭގައި އޭނާ އާއި ބޯނީގެ ގުޅުން މިހާރު ހީނަރުވެފައިވުން ހިމެނެ އެވެ. ސަބަބަކީ ބޯނީގެ ދަރިފުޅު އަދި އެކްޓަރު އަރްޖުން ކަޕޫރް، ސަލްމާންގެ ކުރީގެ ފަހަރި މަލައިކާ އަރޯރާއާ ހިތާވެގެން އުޅޭތީ އެކަމާ ސަލްމާން ގަޔާނުވުމެވެ.
ފަރުދީން "ނޯ އެންޓްރީ މޭ އެންޓްރީ" ނުފެންނާނެ ކަމަށް ބެލެވޭ ސަބަބަކީ އޭނާ ކައިވެނިކޮށް ދަރިން ލިބުނު ފަހުން، ފިލްމީ މަސައްކަތްތަކާ ފެއަށް ޖެހި، ބޮލީވުޑުން މިހާރު ގެއްލިފަިއވާތީ އެވެ. އަނެއްކޮޅުން ދެވަނަ ބައިން ކުރީގެ ފިލްމުން ފެނުނު އެއްވެސް ބަތަލާއަކު ވެސް ފެންނާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އެ ތަރިން ވެސް މިހާރު ގެއްލިފައިވުމެވެ.
"ނޯ އެންޓްރީ" ގެ ބަތަލާއިންނަކީ ބިޕާޝާ ބާސޫ، އީޝާ ޑިއޯލް، ލާރާ އަދި ސެލީނާ ޖެއިޓްލީ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ނޯ އެންޓްރީ" ގައި ސަލްމާން ކުޅުނު ޕްރޭމްގެ ކެރެޓާ "ނޯ އެންޓްރީ މޭ އެންޓްރީ" ގައި ކުޅޭނީ އަރުޖުން އެވެ.
އަނީސް މިހާރު އަންނަނީ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އަށް ތައްޔާރުވަމުންނެވެ. އަނިލް، ޖޯން އަބްހަރަމް، އިލިއާނާ ޑި ކްރޫޒް، ޕުލްކިތު ސަމްރާޓް، ކްރިތީ ކަރްބަންދާ، އަރްޝަދު ވަރްސީ އަދި އުރްވަޝީ ރޮޓޭލާ މުހިއްމު ރޯލްތައް ކުޅޭ މި ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ ޑިސެމްބަރު 6 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy