ތާޕްސީ އަދި ތާހިރު.
20 ފެބުރުއަރީ 2020 - 07:17
މީގެ 22 އަހަރު ކުރިން ރިލީޒްކުރި ޖަރުމަނުގެ ކާމިޔާބު ފިލްމު "ރަން ލޯލާ ރަން" ގެ ހިންދީ ރިމެކެއް ހަދަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް، އެ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ހިންދީ ފިލްމުގެ ނަމަކީ "ލޫޕް ލަޕޭޓާ" އެވެ. އަދި މައިގަނޑު ކާސްޓަށް ނަގާފައި ވަނީ މި ފަހުން ވަރުގަދަ ފިލްމުތައް ކުޅެމުން އަންނަ ބަތަލާ ތާޕްސީ ޕައްނޫ އާއި މިހާތަނަށް މުޅިން ވެސް ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެނިގެން ދިޔަ ތާހިރު ރާޖް ބާސިނެވެ.
ރާނީ މުކަރްޖީގެ "މަރުދާނީ" އިން 2014 ގައި ބޮލީވުޑަށް ތައާރަފުވި އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ޗިޗޯރޭ" އިންނެވެ.
Extremely excited to join hands with @EllipsisEntt to bring this edge of the seat, thriller-comedy that promises to leave your hearts racing! Presenting #LooopLapeta, starring powerhouse actors @taapsee & @TahirRajBhasin . Releasing on 29th January 2021. pic.twitter.com/d4a1Ur5va8
— Sony Pictures India (@SonyPicsIndia) February 18, 2020
ތާހިރުގެ ކުރިއަށް އޮތް ފިލްމަކީ އެޕްރީލް 10 ގައި ރިލީޒްކުރާ ރަންވީރު ސިންގްގެ ކްރިކެޓް ފިލްމު "83" އެވެ.
ސޮނީ ޕިކްޗާޒް އިންޑިއާ އާއި އެލިޕްސިސް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ "ލޫޕް ލަޕޭޓާ" ގެ ޑައިރެކްޓަރަކީ އާކާޝް ބާޓިއާ އެވެ. އަދި ފިލްމު ސިނަމާތަކަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 29 ގަ އެވެ.
"ރަން ލޯލާ ރަން" ގެ ހިންދީ ފިލްމަށް ތާޕްސީ ސޮއިކުރިކަން ކަށަވަރުކޮށް ދިން އިރު، ކުރިން ވެސް މީޑިއާތަކުން ވަނީ މި ފިލްމަށް ނަގާނެކަމުގެ ފުރުސަތު ބޮޑީ އޭނާ ކަމަށް ބުނެފަ އެވެ. ތާޕްސީ ދެން އެންމެ އަވަހަށް ފެންނާނީ މި މަހުގެ 28 ގައި ރިލީޒްކުރާ "ތައްޕަޅު" އިންނެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ރަން ލޯލާ ރަން" އަކީ 71 ވަނަ އޮސްކާ އެވޯޑްސްގެ ބެސްޓް ފޮރިން ލެންގްއޭޖް ފިލްމަށް 1998 ގައި ޖަރުމަން ހުށަހެޅި ފިލްމެވެ. ނަމަވެސް ފިލްމު ނޮމިނޭޓެއް ނުވެ އެވެ.
މީގައި ކިޔައިދެނީ ފައިސާތަކެއް ފޭރިގަންނަން ރާވާ ކުޅިގަނޑަކުން ލޯބިވެރިޔާ ސަލާމަތް ކުރަން އަންހެނަކު ކުރާ މަސައްކަތެވެ.
"ރަން ލޯލާ ރަން" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ފްރާންކާ ޕޮޓެންޓީ އާއި މޯރިޒް ބްލެއިބްޓްރޫ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޟޮހު
20 February 2020
ކޮޕީ ކުރިޔަސް ބޮޑު ވަރު...