މީގެ 22 އަހަރު ކުރިން ރިލީޒް ކުރި ޖަރުމަނުގެ ކާމިޔާބު ފިލްމު "ރަން ލޯލާ ރަން" ގެ ހިންދީ ރިމެކެއް ހަދަން ނިންމައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ، 1998 ގައި ޓިމް ޓައިކްވާ ޑައިރެކްޓް ކުރި، ތުރިލާގެ ރިމެކިން ރައިޓްސް ގަނެފައި ވަނީ ޕްރޮޑިއުސަރު އަތުލް ކަސްބޭކަރާއި ތަނުޖް ގަރްގެވެ.

އެ ދެ މީހުންގެ ގާތް މީހަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނިގޮތުގައި ފިލްމުގެ ބަތަލާގެ ރޯލް ކުޅެން ދެ ތަރިއަކާ އެކު މިހާރު އަންނަނީ މަޝްވަރާތައް ވެސް ކުރަމުންނެވެ. އެއީ ކްރިތީ ސެނަން އާއި ތާޕްސީ ޕައްނޫ އެވެ. ނަމަވެސް ފިލްމަަށް ނަގާނެ ތަރި އަކާ ދޭތެރޭ އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެ އެވެ.

މީޑިއާ އިން ބުނަނީ "ރަން ލޯލާ ރަން" ހިންދީ އޯޑިއަންސަށް ގެނެސްދޭ އިރު، އިންޑިއާގެ މާހައުލާ ގުޅޭ ގޮތަށް ބައެއް ބަދަލުތައް ގެންނާނެ ކަމަށެވެ. މި ފިލްމުގައި ކިޔައި ދެނީ ފައިސާތަކެއް ފޭރިގަންނަން ރާވާ ކުޅިގަނޑަކުން ލޯބިވެރިޔާ ސަލާމަތް ކުރަން އަންހެނަކު ކުރާ މަސައްކަތެވެ.

ފިލްމުގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ފްރާންކާ ޕޮޓެންޓީ އާއި މޯރިޒް ބްލެއިބްޓްރޫ އެވެ.

"ރަން ލޯލާ ރަން" އަކީ 71 ވަނަ އޮސްކާ އެވޯޑްސްގެ ބެސްޓް ފޮރިން ލެންގްއޭޖް ފިލްމަށް 1998 ގައި ޖަރުމަން ހުށަހެޅި ފިލްމެވެ. ނަމަވެސް ފިލްމު ނޮމިނޭޓެއް ނުވެ އެވެ.

މި ފިލްމަށް ބޮކްސް އޮފީހުގައި 22.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އިރު، ފިލްމަށް ހަރަދު ކޮށްފައި ވަނީ އެންމެ 1.75 މިލިއަން ޑޮލަރެވެ.