އިއްޔެ ބޭއްވި 98 ވަނަ އޮސްކާ އެވޯޑް ހަފުލާގައި ހިނގި ކަންތައްތަކަށް ފަހު އިންޑިއާގެ ތަރި ޕްރިޔަންކާ ޗޯޕްރާއަށް ގިނަ ބައެއްގެ ނުރުުހުން އަމާޒުވެއްޖެ އެވެ. 

"ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމު"ގެ ކެޓަގަރީގެ އެވޯޑް ހަވާލުކުރުމަށް ޕްރިޔަންކާއާ އެކު، ސްޕެއިންގެ މަޝްހޫރު އެކްޓަރު ހަވިއޭ ބާޑެމް ސްޓޭޖަށް އަރައި، އެ އެވޯޑް އިއުލާންކުރުމުގެ ކުރިން ހަވިއޭ ބާޑެމް ވަނީ "ހަނގުރާމައަށް ނޫނެކޭ ބުނޭ، ފަލަސްތީނު މިނިވަންކުރޭ،" މިހެން ބުނެ ސްޓޭޖުމަތީގައި އަޑު އުފުލައިފަ އެވެ. ބާޑެމް އެހެން ބުނުމާ އެކު ހޯލުގައި ތިބި ގިނަ ބަޔަކު ވަނީ ތަރުހީބުދީ، އަތްޖަހައިފަ އެވެ.

ނަމަވެސް، ބާޑެމްގެ ކައިރީގައި ހުރި ޕްރިޔަންކާ އެ ވަގުތު ހަމައެކަނި ބޯޖަހާލައި ހިނިތުންވުމަކުން އެކަނި ނިންމާލުމުން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

ޕްރިޔަންކާއަކީ ޔުނިސެފްގެ ގުޑްވިލް އެމްބަސެޑަރަކަށް ވީއިރު، އިންސާނީ ހައްގުތަކާ ގުޅޭ މިފަދަ މުހިންމު ދަނޑިވަޅެއްގައި އޭނާ ހަނުހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކިޔާފައިވާ ބައެއް މީހުން ބުނެފައިވެ އެވެ.

ބައެއް މީހުން ބުނި ގޮތުގައި، އެވަގުތު ޕްރިޔަންކާ ހުރީ ވަރަށް އުނދަގޫވެފައި ނުވަތަ ބުނާނެ އެއްޗެއް ވެސް ނޭނގިފަ އެވެ.

މީގެ އިތުރުން މި އަހަރުގެ އޮސްކާގެ ރެޑްކާޕެޓުގައި ޕްރިޔަންކާ ލައިގެން ހުރި ހުދު ކުލައިގެ "ޑިއޯ" ހެދުމަކީ އޭނާގެ ރީތިކަމާ ނުގުޅޭ، އަދި ބަލާލަން އެހާ ރީތި ހެދުމެއް ނޫން ކަމަށް ބުނެ ފެޝަން ކްރިޓިކުން ވެސް ދަނީ ފާޑުކިޔަމުންނެވެ.

ފާޑުކިޔުންތަކަށް ޕްރިޔަންކާ މިހާތަނަށް އެއްވެސް ރައްދެއް ދީފައެއް ނުވެ އެވެ.

ގާޒާ މައްސަލާގައި ޕްރިޔަންކާ ނުސީދާކޮށް ހިޔާލު ފާޅުކުރި 

ޕްރިޔަންކާގެ ސަޕޯޓަރުން ބުނަނީ، ލައިވް ޝޯއެއްގައި ސްކްރިޕްޓާ އެއްގޮތަށް ކުރިއަށް ގެންދިއުމަކީ އޭނާގެ މަސައްކަތް ކަމަށާއި ބޯޖަހާލުމަކީ ވެސް އެކަމަށް އެއްބަސްވާ ކަމުގެ އިޝާރާތެއް ކަމަށެވެ.

ޕްރިޔަންކާ މީގެ ކުރިން ވަނީ ގާޒާގެ ހާލަތާ ގުޅޭ ގޮތުން އެކި ފަހަރުމަތިން ސޯޝަލް މީޑިއާގައި އޭނާގެ ޝުއޫރު ފާޅުކޮށްފަ އެވެ. ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާގެ ބަސްމަގު ހުންނަނީ ވަރަށް ނުސީދާކޮށެވެ. 

ގާޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި 2023 ވަނަ އަހަރުގެ ފަހުކޮޅު އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންއަށް ފޮނުވި "އާޓިސްޓްސް ފޯ ސީޒްފަޔާ" ސިޓީގައި ޕްރިޔަންކާ ވަނީ ސޮއިކޮށްފަ އެވެ. މީގެ އިތުރުން، ޔުނިސެފްގެ އިސްވެރިން ގާޒާގެ ކުޑަކުދިންގެ ހައްގުގައި ކުރާ ޕޯސްޓުތައް އޭނާގެ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.

މެއި، 2024 ގައި ރަފަހްގައި ހުރި ރެފިއުޖީ ކޭމްޕަކަށް އިޒްރޭލުން ދިން ހަމަލާއަށް ފަހު ދުނިޔޭގައި މަޝްހޫރުވި "އޯލް އައިޒް އޮން ރަފާހް"ގެ ފޮޓޯ ޕްރިޔަންކާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ. މިއީ ފަލަސްތީނުގެ ހައްގުގައި ސީދާ ގޮތުން އޭނާ ކޮށްފައިވާ އެންމެ ބޮޑު އެއް ކަންތަކެވެ.

މީގެ ހަތް އަހަރު ކުރިން 2019 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި، އިންޑިއާގެ އަސްކަރިއްޔާއަށް ތާއީދުކޮށް ޕްރިޔަންކާ ކުރި ޓްވީޓަކާ ގުޅިގެން އޭރު ވެސް އޭނާ ހޫނުފެނަށް ވެއްޓުނެވެ. 

އެ ދުވަސްވަރު ބޭއްވި "ބިއުޓީކޮން" އިވެންޓެއްގައި ޕާކިސްތާނު އަންހެނަކު ޕްރިޔަންކާއާ ސުވާލުކުރުމުން، އޭނާ ރައްދު ދިން ގޮތް "ބޮޑާ" ކަމަށް ބުނެ ގިނަ ބަޔަކު އެކަމަށް ވެސް ފާޑުކިޔެވެ. ޔުނިސެފްގެ އެމްބަސެޑަރަކަށްވެ ހުރެ ހަނގުރާމައަށް ހިތްވަރުދޭ ފަދަ ބަސްމަގު ބޭނުންކުރުމަކީ އޭނާގެ "އަސްލު ސޫރަ" ކަމަށް ބައެއް މީހުން އޭރު ބުންޏެވެ.