ބޮލީވުޑްގެ ކާމިޔާބު ފިލްމީ ކެރިއަރާ އަޅާބަލާއިރު، ހޮލީވުޑްގައި އޭނާގެ ހުރި ހުނަރުތައް ފުރިހަމައަށް ދައްކާލުމުގެ ފުރުސަތު އަދި ލިބިފައި ނުވާ ކަމަށް ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.

ފްރާންސްގައި ކުރިއަށް ގެންދާ "ކޭންސް ލަޔަންސް" ކޮންފަރެންސްގައި ވާހަކަދައްކަމުން ޕްރިޔަންކާ ބުނީ އިންޑިއާގެ އެންމެ މޮޅު ޑައިރެކްޓަރުންނާއި އެކްޓަރުންނާ އެކު ތަފާތު އެކި ޖޯންރާތަކުގެ މޮޅެތި ފިލްމުތައް އޭނާ ކުޅެފައިވާ ކަމަށެވެ. ނަމަވެސް، ހޮލީވުޑްގައި އަދި އެފަދަ ފުރުސަތުތަކެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ހޮލީވުޑްގައި އޭނާގެ އެންމެ އުންމީދީ މަސައްކަތްތައް އަދި އޮތީ ކުރިއަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ބޮލީވުޑްގައި ކުޅުނު ފަދަ ތަފާތު އަދި ވަރުގަދަ ކެރެކްޓާތައް ހޮލީވުޑްގައި ވެސް ކުޅެން ބޭނުންވާ ކަމަށް ޕްރިޔަންކާ ބުންޏެވެ.

ހޮލީވުޑްގައި މަސައްކަތް ކުރަން ފެށިތާ މިހާރު ދިހަވަރަކަށް އަހަރުވެފައިވާ ޕްރިޔަންކާ ވަނީ "ކުއަންޓިކޯ"، "ސިޓަޑެލް"، "ބޭވޮޗް" އަދި "ދަ މެޓްރިކްސް ރެޒަރެކްޝަންސް" ކަހަލަ ބޮޑެތި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކޮށްފަ އެވެ.

ޕްރިޔަންކާ ބުނީ ދަރިއަކު ލިބުނު ފަހުން އޭނާ ދިރިއުޅުމުގައި އިސްކަންދޭ ކަންކަމަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. މިހާރު ކުރީގެ ގޮތަށް އަހަރަކު ފަސް ފިލްމު ކުޅެން ގިނަ ދަތުރުތައް ނުކުރާ ކަމަށާއި އަދި މަސައްކަތަކާ ހަވާލުވުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނާ ކަމަށް އޭނާ ބުންޏެވެ.

ދަރިއަކު ބަލަމުން ވަޒީފާގައި އުޅެން ޖެހުމުން، އޭނާގެ އަމިއްލަ މަންމައަށް ކުރާ އިހުތިރާމް ވެސް މިހާރު މާ ބޮޑުވެފައިވާ ކަމަށް ޕްރިޔަންކާ ބުންޏެވެ. 

މީގެ ދުވަސްކޮޅެއް ކުރިން ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ޕްރިޔަންކާ ވަނީ އޭނާގެ ބޮލީވުޑްގެ ކެރިއަރު އެންމެ ކުރިއަރާފައި ވަނިކޮށް އިންޑިއާ ދޫކޮށް ދާންޖެހުނު ސަބަބާ ވެސް ކިޔައިދީފަ އެވެ. އޭނާ ބުނީ އެ ދުވަސްވަރު ބޮލީވުޑްގައި އޭނާގެ މަސައްކަތްތައް ވަރަށް ބޮޑަށް މަދުވަމުންދާ ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ. އަދި ދިރިއުޅުމުގައި ކުރިމަތިވާ އުނދަގޫ ހާލަތްތަކުން އަރައިގަނެ، އާ މިސްރާބަކަށް ދަތުރުކުރުމަކީ އޭނާ އަބަދުވެސް ގަބޫލުކުރާ އުސޫލެއް ކަމަށް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެންނާނީ އެސްއެސް ރާޖަމޯލީގެ "ވަރަނާސީ" އިންނާއި އޮލެންޑޯ ބްލޫމްއާ އެކު ކުޅޭ ފިލްމަކުންނެވެ. މީގެ އިތުރުން، ހޮލީވުޑްގެ ތަރި އެންޖެލީނާ ޖޯލީއާ އެކު އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.