ހޮލީވުޑްގެ ތަރި އެންޖެލީނާ ޖޯލީއާ އެކު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަން ހަމަޖެހިފައިވާކަން ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ ކަށަވަރުކޮށްދީފި އެވެ.
"ފޯޗިއުން އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ އެންޖެލީނާއާ އެކު މަސައްކަތް ކުރާނެކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، އެއީ ފިލްމެއް ކަމެއް، އިޝްތިހާރެއް ނުވަތަ އެހެން މަސައްކަތެއް ކަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.
އިންޓަވިއުގައި ޕްރިޔަންކާ ބުނި ގޮތުގައި، އެންޖެލީނާގެ އިތުރުން ޕެނެލޮޕީ ކްރޫޒް އާއި ސަލްމާ ހަޔެކް އަކީ އޭނާއަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ތަރިންނެވެ.
ހޮލީވުޑްގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު، ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރިޔަންކާ އަލުން އިންޑިއާ ސިނަމާއަށް އެނބުރި އަންނަނީ "ވަރާނަސީ" ކިޔާ ދެކުނު އިންޑިއާގެ ފިލްމަކުންނެވެ. އެ ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ޑައިރެކްޓްކުރާ، މުޅި އިންޑިއާއަށް އަމާޒުކޮށްގެން އުފައްދާ ބޮޑު އެކްޝަން-އެޑްވެންޗާ ފިލްމެކެވެ.
އެއީ އިންޑިއާގައި މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު އެއް ފިލްމެވެ. އެ ފިލްމުގެ ބަޖެޓަކީ 1،200 އާއި 1،400 ކްރޯޑް ރުޕީސް (135-150 މިލިއަން ޑޮލަރު) އެވެ. އެ ފިލްމުގެ މަންޒަރުތައް ޖޯޖިއާ އާއި އެންޓާކްޓިކާ އާއި އެފްރިކާ އަދި އިންޑިއާގެ ހައިދަރުއާބާދުގައި ވަނީ ނަގައިފަ އެވެ. އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެޕްރީލް ހަތެއްގަ އެވެ.
މީގެ އިތުރުން ވެސް ޕްރިޔަންކާގެ ކުރިއަށް ހުރި ބައެއް ހޮލީވުޑް ޕްރޮޖެކްޓުތަކުގެ ތެރޭގައި "ލޯޑް އޮފް ދަ ރިންގްސް"ގެ ތަރި އޮލަންޑޯ ބްލޫމްއާ އެކު ކުޅޭ ފިލްމަކާއި މީރާ ނައިރްގެ ބަޔޮގްރަފިކަލް ޑްރާމާ "އަމްރީ" ހިމެނެ އެވެ. އަދި ވިލް ފެރެލް، ޒެކް އެފްރޯން އަދި ރެޖީނާ ހޯލްއާ އެކު ނިކޮލަސް ސްޓޮލާގެ "ޖަޖްމަންޓް ޑޭ" އިން ވެސް އޭނާ ފެންނާނެ އެވެ.