އެމެޒޯން ޕްރައިމް ވީޑިއޯގެ ސްޕައި ތުރިލާ ސީރީޒް "ސިޓަޑެލް"ގެ ދެވަނަ ސީޒަންގެ ފުރަތަމަ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
"ސިޓަޑެލް"ގެ ދެވަނަ ސީޒަނުން ވެސް ޕްރިޔަންކާ ޗޯޕްރާ އާއި ރިޗަޑް މެޑަން އަދި ސްޓެންލީ ޓޫޗީ ފެންނާނެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އާ ސީޒަންގައި ދައްކާނީ "މެންޓިކޯ" ކިޔާ ނުރައްކާތެރި ޖަމާއަތަކުން ދުނިޔެއަށް ކުރިމަތިވާ ބިރުވެރިކަމުން ސަލާމަތްވުމަށް ސިޓަޑެލްގެ އެޖެންޓުން އަލުން އެއްބައިވެ ކުރާ މަސައްކަތްތަކެވެ. އިންސާނިއްޔަތު ސަލާމަތްކުރުމަށް އެ މީހުންނަށް ޖެހެނީ ވަރުގަދަ އާ ޓީމެއް އެކުލަވާލައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި މިޝަންތަކެއް ފުރިހަމަ ކުރާށެވެ.
މި ސީޒަންގައި ކުރީގެ ތަރިންގެ އިތުރުން ލެސްލީ މެންވިލް، އޭޝްލީ ކަމިންގްސް، ޖެކް ރޭނޯ އަދި މެޓް ބެރީ ފެންނާނެ އެވެ.
މީގެ ކުރިން "ސިޓަޑެލް"ގެ އިންޑިއާ ވާޝަން (ސިޓަޑެލް: ހަނީ ބަނީ) އަދި އިޓަލީ ވާޝަން (ސިޓަޑެލް: ޑަޔާނާ) ވަކި ސީރީޒްތަކެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައި އޮތް ނަމަވެސް، އެމެޒޯން އިން މިހާރު ވަނީ އެ ދެ ސީރީޒް ކެންސަލްކޮށްފަ އެވެ.
އޭގެ ބަދަލުގައި އެ ދެ ސީރީޒްގެ ވާހަކަ ސިޓަޑެލް ދެވަނަ ސީޒަންގެ ތެރެއަށް ލައިގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ޖުމްލަ ހަތް އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީޒަން ސްޓްރީމް ކުރަން ފަށަނީ އަންނަ މަހު ހައެއްގަ އެވެ.