އޮސްކާ އެވޯޑުގެ ވޯޓިން ޕެނަލްއާ ގުޅުމަށް އިންޑިއާގެ ހަ ފަންނާނަކަށް އެކަޑެމީން މިއަދު ދައުވަތު ދީފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އޮސްކާ އެވޯޑް ދޭ "އެކަޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސް" އިން އޮސްކާ ވޯޓިން ބޮޑީއާ ގުޅުމަށް ދުނިޔޭގެ އެކި ކޮޅުތަކުން 529 އާ މެންބަރުންނަށް މިހާރު ދައުވަތު ފޮނުވާފައިވާއިރު، އޭގެ ތެރޭގައި އިންޑިއާގެ ސިނަމާގައި ފާހަގަކޮށްލެވޭ ހަ ފަންނާނަކު ވެސް ހިމެނެ އެވެ.

އެ ލިސްޓުގައި ހިމެނޭ އިންޑިއާގެ އެންމެ މަޝްހޫރު ފަންނާނަކީ ފިލްމު އުފެއްދުންތެރިޔާ އަދި މިއުޒިކް ކޮމްޕޯޒަރު ވިޝާލް ބަރަދްވާޖެވެ. އޭނާއަށް ދައުވަތު ދީފައި ވަނީ މިއުޒިކް ކޮމްޕޯޒަރުންގެ ކެޓެގަރީންނެވެ.

ވިޝާލްގެ އިތުރުން އެ ލިސްޓުގައި ހިމެނޭ އިންޑިއާގެ އެހެން ފަންނާނުންނަކީ "އާރުއާރުއާރު" އާއި "ތަލްވާރު" ކަހަލަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ފިލްމު އެޑިޓަރު އޭ ސްރީކަރު ޕްރަސާދު އާއި "ތާރޭ ޒަމީން ޕަރު" އާއި "ރޮކް އޮން" ކަހަލަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ފިލްމު އެޑިޓަރު "ދީޕާ ބާޓިއާ" އާއި "ޑަންކީ" އާއި "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގައި މަސައްކަތްކޮށްފައިވާ ކޮސްޓިއުމް ޑިޒައިނަރު އޭކާ ލަކްހާނީ އާއި އޮސްކާއަށް ނޮމިނޭޓްވި "ލާސްޓް ފިލްމު ޝޯ"ގެ ކާސްޓިން ޑައިރެކްޓަރު ދިލިޕް ޝަންކަރު އަދި ޑިޒްނީގެ އެނިމޭޓަރު އަވްނީތު ކޯރެވެ. 

މިދިޔަ އަހަރު ވެސް އެކަޑެމީން ވަނީ އިންޑިއާގެ ތިން ފަންނާނަކަށް ވޯޓިން ޕެނަލަށް ދައުވަތު ދީފަ އެވެ. އެއީ އެކްޓަރު ކަމަލް ހާސަން އާއި އަޔޫޝްމަން ކުރާނާ އަދި ފިލްމު މޭކަރު ޕަޔަލް ކަޕާޑިއާ އެވެ.

މި އަހަރު ދައުވަތު ދިން ހުރިހާ ފަންނާނުން މި ދައުވަތު ގަބޫލުކޮށްފި ނަމަ، އެކަޑެމީގެ ޖުމްލަ މެމްބަރުންގެ އަދަދު 11،319 އަށް އަރާނެ އެވެ. އަދި އޭގެ ތެރެއިން 10،338 އަކީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މެމްބަރުންނެވެ. މިއީ މީގެ 10 އަހަރު ކުރިއާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

މި ފަހަރުގެ އާ މެންބަރުންގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޖެނާ އޮޓޭގާ، ޖެކޮބް އެލޯރްޑީ، ޖޮޝް އޯކޯނާ އަދި ސިމޫ ލިއު ފަދަ ފަންނާނުން ވެސް ހިމެނެ އެވެ.

އޮސްކާ ވޯޓިން ޕެނަލްގެ 42 ޕަސެންޓަކީ މިހާރު އަންހެނުންނެވެ. އަދި 53 ޕަސެންޓް މެމްބަރުންނަކީ އެމެރިކާ ނޫން ގައުމުތަކުގެ ފާންނާނުންނެވެ.  

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 99 ވަނަ އޮސްކާ އެވޯޑް ބާއްވަނީ އަންނަ އަހަރު މާޗު މަހުގެ 14 ވަނަ ދުވަހު އެވެ.