ރިލީޒްނުކުރެވި ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ސަންދީޕް އޯރް ޕިންކީ ފަރާރް" މި މަހުގެ 20 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި ވަނިކޮށް، ކޮވިޑް-19 ގެ އާ ހެދި އެ ތާރީހުގައި ފިލްމު ނާޅުވަން ނިންމައިފި އެވެ.
މިކަމާ ގުޅިގެން ވައިއާރްއެފުން ކުރި ޓްވީޓެއްގައި ބުނީ މި ވަގުތު އެންމެ މުހިއްމީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ. "ސަންދީޕް އޯރް ޕިންކީ ފަރާރް" އެޅުވުން ކެންސަލްކުރި އިރު، އިންޑިއާގެ ވަރަށް ގިނަ ސިނަމާތަކެއް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ދިބާކަރު ބެނަޖީ ޑައިރެކްޓްކޮށްފައިވާ ބްލެކް ކޮމެޑީ "ޕިންކީ އޯރް ފަރާރު" ގެ ތަރިންނަކީ އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާ އެވެ. މި ފިލްމަކީ ފުރަތަމަ 2018 ގައި ގެނެސްދޭން އުޅުނު ފިލްމެކެވެ.
"ޖާޒީ" ގެ ޝޫޓިން މެދުކަނޑާލައިފި
ޝާހިދު ކަޕޫރް މިހާރު ކުޅެމުން އަންނަ ފިލްމު "ޖާޒީ" ގެ ޗަންދީގަޅްގެ ޝޫޓިން ކެންސަލްކޮށް، މި ވަގުތަށް ފިލްމުގެ މަސައްކަތްތައް މަޑުޖައްސާލައިފި އެވެ.
ކޮވިޑް-19އާ ހެދި މީގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލި އިރު، ފިލްމުގެ މަންޒަރުތަކެއް މީގެ ކުރިން ވަނީ މުމްބާއީގައި ނަގައިފަ އެވެ. "ޖާޒީ" އަކީ ހަމަ އެ ނަމުގައި މިދިޔަ އަހަރު ގެނެސްދިން ތެލެގޫ ކްރިކެޓް ފިލްމުގެ ރިމެކެކެވެ.
މި ފިލްމު ޑައިރެކްޓްކުރަނީ ތެލެގޫ ފިލްމު ވެސް ޑައިރެކްޓްކުރި ގޯތަމް ތިނައްނޫރީ އެވެ.
ޝާހިދާ އެކު "ޖާޒީ" ގެ ކާސްޓުން އޭނާގެ ބައްޕަ ޕަންކަޖް ކަޕޫރާއި މުރްނާލް ތާކޫރް ވެސް ފެނިގެން ދާނެ އެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ މި އަހަރުގެ އޮގަސްޓް މަހުގެ 14 ގަ އެވެ.
އަނޫބަވްގެ އާ ފިލްމަށް އަޔޫޝްމަން
މިދިޔަ އަހަރު އަނޫބަވް ސިންހާގެ "އާޓިކަލް 15" ގައި ބަތަލުގެ ރޯލް ކުޅުނު އަޔޫޝްމަން ކްރާނާ އޭނާގެ އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މި ދެ މީހުން އެކީގައި އިތުރު ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކޮށްފައި ވަނިކޮށް، އިއުލާންކުރި އާ ފިލްމަކީ އަދި ނަން ހާމަނުކުރާ އެކްޝަން ތުރިލާއެކެވެ. ފިލްމާ މާ ބޮޑު ތަފުސީލެއް ވެސް އަދި ހިއްސާކޮށްފައެއް ނުވެ އެވެ.
އެކަމަކު މި ފިލްމު މި އަހަރުގެ އޮކްޓޯބަރު 16 ގައި ސިނަމާތަކަށް ގެންނަން ވަނީ ނިންމައިފަ އެވެ.
އަނޫބަވްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ތައްޕަޅު" އެވެ. މިދިޔަ މަހު ގެނެސްދިން "ޝުބް މަންގަލް ޒާދާ ސާވްދާން" އަށް ފަހު އަޔޫޝްމަންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހު ގެނެސްދޭ "ގުލާބޯ ސިތާބޯ" އެވެ.
ސަންޖޭގެ "ތޯރްބާޒް" އޮކްޓޯބަރުގައި
ދެހާސް ސަތާރަ ވަނަ އަހަރު ޝޫޓިން ފެށި ނަމަވެސް ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައިވާ ސަންޖޭ ދަތުގެ ފިލްމު "ތޯރްބާޒް" މި އަހަރުގެ އޮކްޓޯބަރު މަހު ސިނަމާތަކަށް ގެންނަން އަމާޒު ހިފައިފި އެވެ.
މި ފިލްމަކީ ސަންޖޭއާ އެކު ނަރުގިސް ފަޚްރީ ފެނިގެންދާނެ އެކްޝަން ތުރިލާއެކެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ރާހުލް ދޭވާއި ޕްރާންޝް ޗޯޕްޅާ ހިމެނެ އެވެ.
ގިރިޝް މާލިކް ޑައިރެކްޓްކުރާ "ތޯރްބާޒް" ގެ މަންޒަރުތައް ނަގާފައި ވަނީ ކިރްގިސްތާންގަ އެވެ. އޮކްޓޯބަރު މަހުގެ ތެރޭގައި ފިލްމު ސިނަމާތަކަށް ގެންނަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމަ އެވެ.
ޕްރޮޑިއުސަރު ރާހުލް މިތުރާ ބުނީ ކޮވިޑް-19 އާ ހެދި ވަރަށް ގިނަ ފިލްމުތައް ލަސްކުރަމުން ދިއުމާ އެކު، ބަލީގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހު، "ތޯރްބާޒް" ގެނެސްދޭނެ ތާރީހެއް އިއުލާންކުރާނެ ކަމަށެވެ.