24 މާޗް 2020 - 08:03
ޑައިރެކްޓަރު އިންދަރު ކުމާރު، އަޖޭ ދޭވްގަނާއި ރަކުލް ޕްރީތު ސިންގް އާއި ސިދާތު މަލްއުތުރާއާ އެކު ހަދަން ނިންމާފައިވާ ފިލްމުގެ ނަމަކަށް "ތޭންކް ގޯޑް" ހަމަޖައްސައިފި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މި ފިލްމުގެ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށި ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް މިހާތަނަށް އޮތީ ހާމަނުވެ އެވެ.
އެކަމަކު ބޮލީވުޑް ހަންގާމާ އިން ބުނީ ފިލްމުގެ ނަމަކީ "ތޭންކް ގޯޑް" ކަން ބަތަލާ ރަކުލްގެ ފަރާތުން ކަށަވަރުވެފައިވާ ކަމަށާއި މީގެ ޝޫޓިން އަންނަ މަހު ފެށޭތޯ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ ކޮރޯނާވައިރަހުގެ ހާލަތަށް ބަލާފައި ކަމަށް ބުންޏެވެ.
ހަންގާމާ އިން ބުނިގޮތުގައި "ތޭންކް ގޯޑް" އަކީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފްރެންޗައިޒް "މުންނާ ބާއީ" ގައި ސަންޖޭ ދަތާއި އަރުޝަދު ވަރުސީ ކުޅުނު ކަހަލަ ކެރެކްޓާތަތަކުން އަޖޭ އާއި ސިދާތު ފެނިގެންދާނެ ފިލްމެކެވެ.
މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ޓޯޓަލް ދަމާލް" އަށް ފަހު އިންދަރާ އެކު އަޖޭ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. އެ ދެ މީހުން ކުރިން ވަނީ 1997 ގެ "އިޝްގް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.
"ތޭންކް ގޯޑް" އަކީ އިންދަރާ އެކު ސިދާތާއި ރަކުލް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. އަދި މިއީ އަޖޭއާ އެކު ރަކުލް ކުޅޭ ދެވަނަ ފިލްމެވެ. އެ ދެ މީހުން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ "ދޭ ދޭ ޕިޔާރު ދޭ" އެވެ.
"ތޭންކް ގޯޑް" އަކީ ރަކުލް އާއި ސިދާތު އެކީގައި ކުޅޭ ތިން ވަނަ ފިލްމެވެ. އެ ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިގެން ދިޔައީ މިދިޔަ އަހަރުގެ "މަރުޖާވާ" އިންނެވެ. އަދި އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2018 ގެ "އައްޔާރީ" އެވެ.
ބެލެވޭ ގޮތުން "ތޭންކް ގޯޑް" އަކީ އަންނަ އަހަރު ސިނަމާތަކަށް އަންނާނެ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނުހުންނަ މީހާ1
24 March 2020
ވަރަށް ރަގަޅު މިދުވަސްކޮޅު އަބަދު ގޭގަތިބެން ޖެހޭތީ ނޫސްވަރަށް ގިނައިން ކިޔޭ. މިފަދަ ބިރުވެރިހާލަތެއްގައި ހިންހަމަ ޖައްސާލަން ކިޔެނީ މުނިފޫހިފިލުވާލާ ހަބަރުތައް. ވީމާ މިބައި އިތުރުކޮށްލުން ރަގަޅުވާނެ.