10 ޑިސެމްބަރ 2019 - 07:04
މި އަހަރުގެ ކުރީކޮޅު ރިލީޒްކޮށް، 100 ކްރޯޑް ކުލަބުން ވެސް ޖާގަ ހޯދި ފިލްމު "ޓޯޓަލް ދަމާލް" ގެ ޑައިރެކްޓަރު އިންދަރު ކުމާރުގެ ފިލްމަކަށް އަޖޭ ދޭވްގަން އާއި ރަކުލް ޕްރީތު ސިންގް އިތުރުންް ސިދާތު މަލްއުތުރާ ސޮއިކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާ މި ފިލްމަކީ އިޖުތިމާއި މައްސަލައެއްގެ މައްޗަށް ކޮމެޑީ ވެސް ހިމަނައިގެން ހަދާ ފިލްމެކެވެ. އެކަމަކު ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.
"ޓޯޓަލް ދަމާލް" ގެ އިތުރުން އަޖޭ ވަނީ އިންދަރާ އެކު 1997 ގެ "އިޝްގް" ގައި ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު އަޖޭއާ އެކު އިންދަރު މި ފަހަރު މި ހަދާ ފިލްމުވެގެން ދާނީ އޭނާއާ އެކު ސިދާތު އާއި ރަކުލް މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ.
އަޖޭގެ އެންމެ ފަހުގެ ފިލްމު "ދޭ ދޭ ޕިޔާރު ދޭ" ގެ އެއް ބަތަލާ އަކީ ވެސް ރަކުލް އެވެ. އަދި ސިދާތު ވެސް ވަނީ ޒުވާން ބަތަލާއާ އެކު ދެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ މިދިޔަ މަހު ރިލީޒްކުރި "މަރުޖާވާ" އާއި މިދިޔަ އަހަރު ރިލީޒްކުރި "އައްޔާރީ" ގަ އެވެ.
އަޖޭ އާއު ރަކުލް އަދި ސިދާތު ހިމަނައިގެން ފިލްމެއް ހަދަން އިންދަރު ނިންމި އިރު އޭނާ އަންނަނީ މި އަހަރު ރިލީޒްކުރި "ޕަލް ޕަލް ދިލް ކޭ ޕާސް" އިން ބޮލީވުޑަށް ތައާރަފުވި ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން ޑިއޯލް ލީޑް ރޯލަށް ލައިގެން ޕްރޮޑިއުސްކުރާ ފިލްމެއްގެ މަސައްކަތް ވެސް ފަށަން ތައްޔާރުވަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގެ ބަތަލާ އަކީ ސަލްނާން ޚާން މިދިޔަ އަހަރު ޕްރޮޑިއުސްކުރި "ލަވްޔާތުރީ" ގެ ބަތަލާ ވަރީނާ ހުސައިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy