މި ސީރީޒަށް ވިކީ އާއި ޓައިގާ ވެސް ޝޯޓްލިސްޓްކުރި
03 ނޮވެމްބަރ 2021 - 07:05
ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޕްރޮޑިއުސް ކުރަން ހަމަޖެހިފައިވާ ވެބް ސީރީޒަށް ސިދާތު މަލްއުތުރާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި އޭނާ އެއަށް ސޮއިކުރުމާ އެކު މިހާރު އަންނަނީ ޝޫޓިން ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ރޯހިތާއި އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ހަދާ ވެބް ސީރީޒަށް ސިދާތު ނަގާފައި ވަނީ އެއަށް ގެންނަން އިތުރު އެހެން ދެ އެކްޓަރަކާ ވެސް ވާހަކަ ދެކެވިފައިވާ ކަމަށް މީޑިއާތަކުން ސެޕްޓެމްބަރު މަހު ރިޕޯޓް ކޮށްފައި ވަނިކޮށެވެ. އެ ދެ ތަރިންނަކީ ޓައިގާ ޝްރޮފާއި ވިކީ ކޯޝަލެވެ.
އޭރު މީޑިއާތަކުން ބުނީ ފުލުހެއްގެ ވާހަކަ ކިޔައިދޭން ރޯހިތު ހަދާ ސީރީޒަށް ބަތަލަކު ފައިނަލް ކުރާނީ ޝޯޓްލިސްޓްކުރި ތިން އެކްޓަރުންގެ ތެރެއިން މި ދަނޑިވަޅުގައި އެންމެ ފަސޭހަކޮށް ވަގުތު ދެވެން އޮތް އެކްޓަރަކަށް އިސްކަން ދީގެން ކަމަށެވެ.
ސިދާތަށް ވެބް ސީރީޒުން ފުރުސަތު ފަހިވި އިރު، އޭނާގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓްގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވަތަނީ ފިލްމު "ޝޭރުޝާ" އެވެ. ސިދާތު، 36، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތޭންކް ގޯޑް" އާއި "މިޝަން މަޖުނޫ" ހިމެނެ އެވެ.
ރޯހިތު ހަދަން ނިންމާފައިވާ ސީރީޒަކީ އޭނާއާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ސުޝްވަންތު ޕްރަކާޝް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ އެއްޗެކެވެ. ސީރީޒްގެ ނަމާއި އެ ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ސިދާތުގެ ފުލުސް ކެރެކްޓާއާ އެކު ރޯހިތު ވެބް ސީރީޒެއް ހަދަން ނިންމި އިރު، އޭނާ އަކީ މިހާރު ވެސް ކޮޕް ޔުނިވާސްއެއްގެ މޭސްތިރިއެކެވެ. އެއީ އަޖޭ ދޭވްގަންގެ "ސިންގަމް" އާއި ރަންވީރު ސިންގްގެ "ސިމްބާ" ގެ އިތުރުން އަކްޝޭ ކުމާރާ އެކު ހުކުރު ދުވަހު ގެނެސްދޭ "ސޫރިޔަވަންޝީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy