26 ސެޕްޓެމްބަރ 2021 - 06:32
ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރޯހިތު ޝެޓީ ވެސް ސްޓްރީމިން ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން އުފެއްދުންތަކެއް ގެނެސްދޭން ނިންމައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ރޯހިތާއި އޭނާގެ ޓީމުން މިހާރު ފުރަތަމަ ޕްރޮޖެކްޓަށް ތައްޔާރުވަމުން އަންނަ އިރު، އެއީ އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ހަދާ އަށް އެޕިސޯޑްގެ ކޮޕް ޑްރާމާއެއް ކަމަށެވެ. ރޯހިތަކީ މިހާރު ވެސް "ކޮޕް ޔުނިވާސްއެއް" ގެ މޭސްތިރިއެކެވެ. އެއީ އަޖޭ ދޭވްގަން ފުުލުހެއްގެ ރޯލު ކުޅޭ "ސިންގަމް" އާއި ރަންވީރު ސިންގްގެ ފުލުސް ކެރެކްޓާ "ސިމްބާ" ގެ އިތުރުން އަކްޝޭ ކުމާރާ އެކު ގެނެސްދޭން ތައްޔާރުވާ ކޮޕް ޑްރާމާ "ސޫރިޔަވަންޝީ" އެވެ.
ހަންގާމާ އިން ބުނި ގޮތުގައި އެމެޒޯނަށް ހަދާ ސީރީޒަށް ރޯހިތުގެ ލިޔުންތެރިންގެ ޓީމުން މިހާރު ސްކްރީންޕްލޭ ފައްކާކުރަމުން އަންނަ އިރު، އެ ޑައިރެކްޓްކުރާނީ އޭނާއާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ސުޝްވަންތު ޕްރަކާޝް އެވެ. މި ޕްރޮޖެކްޓްގައި ރޯހިތަކީ ކްރިއޭޓަރު/ޝޯރަނާ އެވެ.
ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރުގެ ފުރަތަމަ ވެބް ސީރީޒްގެ ލީޑް އެކްޓަރަކަށް މިހާރު ޒުވާން ތިން އެކްޓަރަކާ ވާހަކަ ދައްކާފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. އެއީ ޓައިގާ ޝްރޮފާއި ވިކީ ކޯޝަލްގެ އިތުރުން ސިދާތު މަލްއުތުރާ އެވެ. މި ތިން އެކްޓަރުންނަކީ ވެސް އަދި ރޯހިތާ އެކީ މަސައްކަތްނުކުރާ ތަރިންނެވެ. ހަންގާމާ އިން ބުނީ ސީރީޒްގެ ލީޑަށް އެކްޓަރަކު ފައިނަލްކުރާނީ އެ ތިން ތަރިންގެ ތެރެއިން ރޯހިތުގެ ޓީމުން ބޭނުންވާ ގޮތަށް ފަސޭހައިން ވަގުތު ދެވެން އޮތް އެކްޓަރަކަށް ބެލުމަށް ފަހު އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ޓައިގާ އާއި ސިދާތާއި ވިކީ އަކީ ވެސް މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ބިޒީ އެކްޓަރުން ކަމެވެ.
މިދިޔަ އަހަރުން ފެށިގެން ރޯހިތުގެ "ސޫރިޔާވަންޝީ" ރިލީޒްނުކުރެވި އޮތް އިރު، އޭނާ މިހާރު ރަންވީރާ އެކު ހަދާ ދެވަނަ ފިލްމު "ސާކަސް" ގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ. މިއީ ކޮމެޑީއެކެވެ.
"ސާކަސް" ގެނެސްދިނުމަށް ފަހު، ރޯހިތު ދެން ޑައިރެކްޓްކުރާނެ ކަމަށް ބެލެވެނީ އޭނާގެ ކާމިޔާބު ފްރެންޗައިޒް "ގޯލްމާލް" ގެ ފަސް ވަނަ ފިލްމެވެ. އޭގެ އެންމެ ފަހު ފިލްމު "ގޯލްމާލް އެގެއިން" ހޮރޯ-ކޮމެޑީއެއްގެ ގޮތުގައި ގެނެސްދިނީ 2017 ގަ އެވެ.
އެންމެ ފަހުން ސިނަމާތަކަށް އައި ރޯހިތުގެ ފިލްމަކީ 2018 ގެ "ސިމްބާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy