މުނިފޫހިފިލުވުން

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރަންވީރު.

12 ނޮވެމްބަރ 2020 - 09:55

މިދިޔަ ހަފުތާގައި މޯޝަން ޕޯސްޓަރު ދައްކައިލި ޓައިގާ ޝްރޮފްގެ އެކްޝަން ފިލްމު "ގަންޕަތު" ގެ އާ މޯޝަން ޕޯސްޓަރެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

ކުރީގެ ޕޯސްޓަރުގައި ޓައިގާ ދައްކައިލީ ފުރަގަހުން ނަމަވެސް، އާ ޕޯސްޓަރުގައި ވަނީ އޭނާ ފިލްމުން ފެންނާނެ ލުކް ދައްކާލައިފަ އެވެ. "ގަންޕަތު" އަކީ ޓައިގާ ބޮކްސިންތެޅުންތެރިއެއްގެ ރޯލުން ފެންނާނެ ވަރަށް ވަރުގަދަ އެކްޝަން ފިލްމަކަށް ވާނެ އެވެ. ފިލްމަށް ނަން ދީފައި ވަނީ އޭނާގެ ކެރެކްޓާގެ ނަމުންނެވެ.

"ގަންޕަތު" އަކީ މިދިޔަ އަހަރު ރިތިކް ރޯޝަންގެ "ސުޕަ 30" ގެނެސްދިން ޑައިރެކްޓަރު ވިކާސް ބާލް ޓައިގާއާ އެކު ސިލްސިލާކޮށް ގެނެސްދޭނެ ފިލްމު ސީރީޒެކެވެ. މީގެ ފުރަތަމަ ބައި 2022 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އިރު، ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.

ޓައިގާ މި ވަގުތު އަންނަނީ އެހުމަދު ޚާން ޑައިރެކްޓްކުރާ "ހީރޯޕަންތީ 2" ގެ ޝޫޓިން އަންނަ މަހު ފެށުމަށް ތައްޔާރުވަމުންނެވެ.

އޭނާ ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ބާގީ 4" އާއި "ރާމްބޯ" ހިމެނެ އެވެ.

"ސްމޭޝިން ސިމްބާ" ޕޯގޯ އަށް

ރަންވީރު ސިންގްއާ އެކު، ޑައިރެކްޓަރު ރޯހިތު ޝެޓީ މީގެ ދެ އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު "ސިމްބާ" ގެ އެނިމޭޓެޑް ވާޝަން "ސްމޭޝިން ސިމްބާ" މި މަހުގެ 14 ގައި ޕޯގޯ އިން ދައްކަން ނިންމައިފި އެވެ.

ކުޑަކުދިންނަށް ހާއްސަ އެ ޗެނެލުން ވަނީ ފިލްމުގެ ޕޯސްޓަރު ވެސް ދައްކާލައިފަ އެވެ. ޕޯގޯ އިން ބުނިގޮތުގައި ސިލްސިލާކޮށް ގެނެސްދޭނެ "ސްމޭޝިން ސިމްބާ" ކޮންމެ ދުވަހަކު މެންދުރު ފަހު 1:00 ގައި ދައްކާނެ އެވެ.

މި ފިލްމު ހަދާފައި ވަނީ ރިލަޔަންސް އެންޓަޓައިންމަންޓްގެ އެނިމޭޓެޑް ގޮފި ރިލަޔަންސް އެނިމޭޝަނުންނެވެ. "ސްމޭޝިން ސިމްބާ" ވެސް "ސިމްބާ" ހާ ޝައުގުވެރިކޮށް ގެނެސްދޭނެ އެވެ.

ކަރަން ޖޯހަރް ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވި "ސިމްބާ" އަކީ ރަންވީރާއި ސާރާ އަލީ ޚާން ލީޑް ރޯލް ކުޅުނު ފިލްމެކެވެ. މީގައި ކިޔައި ދެނީ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާ ޖެހިލުންކުޑަ ފުލުހެއްގެ ވާހަކަ އެވެ.

އަޖޭ ދޭވްގަނާ އެކު ރޯހިތު ގެނެސްދިން "ސިންގަމް" ގެ ވެސް އެނިމޭޓެޑް ވާޝަނެއް "ލިޓްލް ސިންގަމް" ގެ ނަމުގައި ގެނެސްދީފައިވެ އެވެ.

ހާޝް އާއި ސަންޖީދާ އަށް އާ ފިލްމެއް

މިދިޔަ މަހުގެ ފަހުކޮޅު ޒީ5 އިން ޕްރިމިއާކުރި ތުރިލާ "ތައިޝް" ގެ ކާސްޓްގައި ހިމެނޭ ހާޝްވަރުދަން ރާނޭ އާއި ސަންޖީދާ ޝެއިހް އާ ފިލްމަކަށް ސޮއިކޮށް، އޭގެ މަސައްކަތް ފަށައިފި އެވެ.

މި ފަހަރު ވެސް ހަމަ ތުރިލާއެކެވެ. ނަމަކީ "ކުން ފަޔަ ކުން" އެވެ. ޑައިރެކްޓަރަކީ ކުޝަން ނަންދީ އެވެ. ސަންޖީދާ އަކީ ޓީވީ ސިލްސިލާތަކުން މަޝްހޫރުވި ބަތަލާއެކެވެ. އޭނާ މި ފަހުން ފިލްމުތައް ކުޅެމުން އަންނަ އިރު، ޓީވީ އެކްޓަރު އާމިރު އަލީއާ ދެ މީހުންގެ ކައިވެނި ވެސް ވަނީ ރޫޅިފަ އެވެ. ދެ މީހުންނަށް އަންހެން ދަރިއަކު ވެސް ލިބިފައިވެ އެވެ.

އަޑުތައް އަރާފައިވާ ގޮތުން ހާޝް އާއި ސަންޖީދާ އުޅެނީ މިހާރު ލޯބީގެ ގޮތުން ގުޅިގެންނެވެ.

"ސާކަސް" ގެ ޝޫޓިން އަށް ތައްޔާރު ވަނީ

ރޯހިތު ޝެޓީ ދާދި ފަހުން އިއުލާންކުރި އާ ކޮމެޑީ ފިލްމު "ސާކަސް" ގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ރަންވީރު ސިންގް އާއި ޖެކްލިން ފެނަންޑޭޒާއި ވަރުން ޝަރުމާގެ އިތުރުން ޕޫޖާ ހެގްޅޭ ލީޑް ރޯލް ކުޅޭ ފިލްމުގެ ޝޫޓިން އެންމެ ފުރަތަމަ ފަށާނީ ޔާޝްރާޖް ސްޓޫޑިއޯ (ވައިއާރްއެފް) އިންނެވެ. އޭގެ ފަހުން މުމްބާއީގެ މެހެބޫބް ސްޓޫޑިއޯ އާއި ހައިދަރުއާބާދުގެ ރަމޯޖީ ސްޓޫޑިއޯގައި ވެސް ސެޓްތަކެއް ހަދައިގެން ފިލްމުގެ މަންޒަރުތަކެއް ނަގާނެ އެވެ.

މީގެ އިތުރުން ގޯއާ އާއި އޫޓީ ވެސް މަންޒަރުތަކެއް ނަގާނެ އެވެ.

"ސާކަސް" އަކީ ޝޭކްސްޕެއާގެ ޕްލޭ "ކޮމެޑީ އޮތް އެރާސް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެ ޕްލޭ އަށް ބިނާކޮށް ހިންދީ ސިނަމާ އަށް 1982 ގައި "އަންގޫރު" ގެ ނަމުގައި ވެސް ވަރަށް ކާމިޔާބު ފިލްމެއް ގެނެސްދިނެވެ. "ސާކަސް" ގައި ރަންވީރާއި ވަރުން ފެނިގެން ދާނީ ޑަބަލް ރޯލްތަކުންނެވެ.

ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފިނި މޫސުމުގަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454