ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސް އަށް އަކްޝޭ ކުމާރާ އެކު އިތުރުވާ ކެރެކްޓާ "ސޫރިޔާވަންޝީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.


މި މަހުގެ 24 ގައި ރިލީޒްކުރާ ފިލްމުގެ ޓްރެއިލާ ލޯންޗްކުރަން ހޯމަ ދުވަހު ބޭއްވި ހަފުލާގައި ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ބަތަލާ ކެޓްރީނާ ކެއިފްގެ އިތުރުން ހާއްސަ ފެނިލުންތަކުން ފެންނަ އަޖޭ (ސިންގަމް) ދޭވްގަން އާއި ރަންވީރު (ސިމްބާ) ސިންގް ވެސް ބައިވެރިވި އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސޫރިޔާވަންޝީ" އަކީ 2018 ގައި ގެނެސްދިން "ސިމްބާ" އަށް ފަހު، ރޯހިތު ގެނެސްދޭ ފުރަތަމަ ފިލްމެވެ. އަދި މި ފިލްމަކީ އަކްޝޭ އާއި ކެޓްރީނާގެ ޖޯޑު އަހަރުތަކެއް ފަހުން އަލުން ސްކްރީނުން ފެނިގެންދާނެ ފިލްމަށްވާތީ، މިއަށް ކުރެވޭ އުންމީދުތައް ބޮޑެވެ.

ފިލްމުގައި ވަނީ އެ ދެ ތަރިންނާ އެކު، އަކްޝޭގެ ފިލްމު "މޮހޮރާ" ގެ ހިޓް ލަވަ "ޓިޕް ޓިޕް ބަރުސާ ޕާނީ" ގެ އާ ވާޝަނެއް ވެސް ހިމަނައިފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން "ސޫރިޔާވަންޝީ" ގެ ކްލައިމެކްސް އިން ބަތަލާ ރާނީ މުކަރްޖީ އޭނާ "މަރުދާނީ" ގެ ސީރީޒްތަކުގައި ކުޅޭ ފުލުސް ކެރެކްޓާ ޝިވާނީ ޝިވާޖީ ރޯއިގެ ގޮތުގައި ފެނިގެންދާނެ އެވެ.

"އޭކް ވިކަން 2" އަށް ޑިޝާ

މޯހިތު ސޫރީ ޑައިރެކްޓްކުރާ ފިލްމު "އޭކް ވިލަން 2" ގެ އެއް ބަތަލާގެ ރޯލަށް ޑިޝާ ޕަޓާނީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ އެކްތާ ކަޕޫރްގެ ބާލާޖީ އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މޯހިތު 2014 ގައި ގެނެސްދިން "އޭކް ވިލަން" ގެ ސީކްއެލްގެ ބަތަލުންގެ ރޯލުން މި ފަހަރު ފެނިގެންދާނީ ޖޯން އަބްރަހާމާއި މޯހިތު މިދިޔަ މަހު ގެނެސްދިން "މަލަންގް" ގެ ބަތަލު އަދިތިޔާ ރޯއި ކަޕޫރެވެ. އަދި އެ ފިލްމުގެ ބަތަލާ އަކީ ވެސް ޑިޝާ އެވެ.

ނަމަވެސް "އޭކް ވިލަން 2" އަށް ޑިޝާ ސޮއިކުރިކަން ރަސްމީކޮށް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު ބައެއް ނޫސްތަކުން ބުނީ އޭނާ ފިލްމަށް ސޮއިކޮށްފައިވާ ކަމަށާއި ޑިޝާ ފެންނާނީ ޖޯންގެ ލޯބިވެރިޔާގެ ގޮތުގަ އެވެ.

މި ފިލްމުގައި ދެ ބަތަލާއަކު ހިމެނޭކަން މޯހިތު ކަށަވަރުކޮށް ދީފައިވާ އިރު، ކުރިން އަޑުއަރާފައިވާ ގޮތުން ކިއާރާ އަދުވާނީ އަކީ "އޭކް ވިލަން 2" ގެ އަނެއް ބަތަލާ އެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ޖެނުއަރީ 8 ގަ އެވެ.

ޑިޝާގެ އައިޓަމް ލަވަ ދައްކާލައިފި

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ފިލްމު "ބާގީ 3" އަށް ބަތަލާ ޑިޝާ ޕަޓާނީ ކުޅުނު އައިޓަމް ލަވަ "ޑޫ ޔޫ ލަވް ވީ؟" ދައްކާލައިފި އެވެ.

އޭނާ ވަރަށް ގްލެމަރަސްކޮށް ފެނިގެންދާ މި ލަވައިގެ މިއުޒިކް ރެނީ ބެންޑާލީ ހަދާފައިވާ އިރު، ލަވަ ކިޔާފައި ވަނީ ނިކިތާ ގާންދީ އެވެ. "ބާގީ 3" ގެ އައިޓަމް ލަވައަކުން ޑިޝާ އަށް ފުރުސަތު ލިބުނު އިރު އޭނާ އަކީ ލޯބިވެރިޔާ ޓައިގާ ޝްރޮފް 2018 ގައި ކުޅުނު "ބާގީ 2" ގެ ބަތަލާ އެވެ.

މި ފަހަރު ފިލްމުގެ ބަތަލާ އަކީ 2015 ގައި ގެނެސްދިން "ބާގީ" ގެ ބަތަލާ ޝްރަދާ ކަޕޫރެވެ. "ބާގީ 3" ގެ ކާސްޓުންގެ ތެރޭގައި ރިތޭޝް ދޭޝްމުކާއި އަންކިތާ ލޯކަންޑޭ ވެސް ހިމެނެ އެވެ.

މި ފިލްމު ޑައިރެކްޓްކުރީ ދެވަނަ ބައި ވެސް ޑައިރެކްޓްކުރި އެހުމަދު ޚާނެވެ.

"ގޯ ގޯއާ ގޯން 2" ގައި އޭލިއަނުން

ދެހާސް ތޭރަގައި ރިލީޒްކުރި "ގޯ ގޯއާ ގޯން" އާ ހިލާފަށް އަންނަ އަހަރު ގެނެސްދޭ ފިލްމުގެ ސީކްއެލްގައި ޒޮމްބީންގެ ބަދަލުގައި ހިމެނޭނީ އޭލިއަނުންތަކެއް ކަމަށް ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބުނެފި އެވެ.

އޭނާ ބުނީ "ގޯ ގޯއާ ގޯން" ގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ މަސައްކަތުގެ ފަހަތުގައި އޮތީ އަމިއްލަ ފިލްމު ކުންފުނި މެޑޮކް ފިލްމްސް އިން މި އަހަރު ގެނެސްދޭ ހޮރޯ-ކޮމެޑީ "ރޫހީ އަފްޒާނާ" ގެ ސްކްރީން ރައިޓަރުން ކަމަށެވެ.

"ގޯ ގޯއާ ގޯން" އަކީ ރާޖާއި ޑީކޭ ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ. އެކަމަކު ސީކްއެލްގައި އެ މީހުން ހިއްސާއެއް ނުވެ އެވެ. މި ފިލްމުގެ މުހިއްމު ރޯލްތައް ކުޅުނީ ސައިފް އަލީ ޚާނާއި ކުނާލް ކޭމޫ އާއި ވީރް ދާސް އާއި އާނަންދު ތިވާރީ އާއި ޕޫޖާ ގުޕްތާ އެވެ.

ދިނޭޝް ބުނީ "ގޯ ގޯއާ ގޯން 2" ގައި ކުރީގެ ކާސްޓާ އެކު ފިލްމަށް އިތުރު ބަތަލަކާއި ބަތަލާއެއް އިތުރުވާނެ ކަމަށެވެ. މި ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށާ އިރު، ސިނަމާތަކަށް ގެންނާނީ އަންނަ އަަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.