ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ "ޝޫޓްއައުޓް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުގެ ތައްޔާރީތައް ފަށައިފި އެވެ.
ޓްވިޓާގައި މި ވާހަކަ ހިއްސާކުރަމުން އޭނާ ބުނީ އެ ފިލްމުގެ ނަމަކީ "ޝޫޓްއައުޓް 3: ދަ ގޭންގް ވޯސް އޮފް ބޮމްބޭ" ކަމަށާއި އޭގެ ރިސާޗާއި ސްކްރިޕްޓިން މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. މީގެ ތައްޔާރީތައް ވާން ފެށި އިރު، ގުޕްތާ އަންނަނީ "މުމްބާއީ ސާގާ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
ކޮރޯނާވައިރަހާ ހެދި މިހާރު ޝޫޓިން ހުއްޓުމަކަށް އައިފައިވާ އެ ފިލްމުގެ ލީޑް ކާސްޓުންނަކީ ޖޯން އަބްރަހަމާއި އިމްރާން ހާޝިމީގެ އިތުރުން ކާޖަލް އަގަރްވާލެވެ.
މި އަހަރުގެ ޖޫން 19 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސުނިލް ޝެޓީ އާއި ޖެކީ ޝްރޮފާއި ޕްރަތީކް ބައްބަރާއި ގުލްޝަން ގްރޯވާ އާއި ރޯހިތު ރޯއި އާއި ސަމީރު ސޯނީ އާއި ޝަރުމަން ޖޯޝީ އާއި ޑީނޯ މޯރިއާ އާއި ސޯނޫ ސޫދާއި ޕަންކަޖް ތުރިޕަތީގެ އިތުރުން އަމޯލް ގުޕްތޭ ހިމެނެ އެވެ.
"ޝޫޓްއައުޓް" ފްރެންޗައިޒްގެ ފުރަތަމަ ފިލްމު "ޝޫޓްއައުޓް އެޓް ލޯކަންދުވާލާ" ގެނެސްދިނީ 2007 ގަ އެވެ. އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތާއި އަބީޝެކް ބައްޗަނާއި ތުޝާރު ކަޕޫރާއި ވިވެކް އޮބެރޯއީ އާއި އަރްބާޒާއި ދިއާ މިރްޒާ އަދި އަމްރިތާ ސިންގް ހިމެނެ އެވެ.
ދެހާސް ތޭރައިގައި "ޝޫޓްއައުޓް އެޓް ވަޑާލާ" ގެނެސްދިން އިރު އެ ފިލްމުގެ ކާސްޓުންނަކީ ޖޯން އާއި އަނިލް ކަޕޫރާއި ކަންގަނާ ރަނާވަތާއި ސޯނޫ ސޫދާއި ރޯނިތު ރޯއި ތުޝާރް ކަޕޫރެވެ.
"ޝޫޓްއައުޓް" ފްރެންޗައިޒަކީ ގުޕްތާގެ ވައިޓް ފެދާ ފިލްމްސް އާއި އެކްތާ ކަޕޫރްގެ ބާލާޖީ ގުޅިގެން ގެނެސްދޭ ފިލްމުތަކެވެ.
އާންމުކޮށް ގޭންގްސްޓާރުންގެ ވާހަކަތައް ކިޔައިދޭ ފިލްމުތައް ހަދާ ގުޕްތާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ ރާކޭޝް ރޯޝަން ޕްރޮޑިއުސްކުރި 2017 ގެ "ގާބިލް" އެވެ. އެ ފިލްމުގެ ތަރިންނަކީ ރިތިކް ރޯޝަނާއި ޔާމީ ގޯތަމެވެ.