ހޮލީވުޑާއި ބޮލީވުޑްގެ ކާސްޓެއް ހިމެނޭ "އެކްސްޓްރެކްޝަން" ގެ ޓްރެއިލާ ދައްކާލައިފި

ސުޕަހީރޯ ކެރެކްޓާ "ތޯ" ކުޅޭ މަޝްހޫރު އެކްޓަރު ކްރިސް ހެމްސްވޯތުގެ އާ ފިލްމު "އެކްސްޓްރެކްޝަން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.


މި ފިލްމު މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ނެޓްފްލިކްސް އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ އިރު، މީގެ ހާއްސަ އެއް ކަމަކީ ހޮލީވުޑާއި ބޮލީވުޑްގެ މަސްހުނި ކާސްޓެއް ފިލްމުގައި ހިމެނުމެވެ. އެގޮތުން ކްރިސްއާ އެކު "އެކްސްޓްރެކްޝަން" އިން ފެންނާނެ އިންޑިއާގެ ތަރިންގެ ތެރޭގައި ރަންދީޕް ހޫޑާ އާއި މަނޯޖް ބަޖްޕާއީ އާއި ޕަންކަޖް ތުރިޕަތީ އާއި ރުދުރަކްޝް ޖެއިސްވާލްގެ އިތުރުން ރޯހިތު ސުޚްވާނީ އަދިި ޝަތަފް ފިގާރް ހިމެނެ އެވެ.

"އެވެންޖާޒް" ގެ ފިލްމުތަކުގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުޒޯ ޕްރޮޑިއުސްކޮށްފައިވާ މި އެކްޝަން ތުރިލާގެ ހޮލީވުޑްގެ ކާސްޓުންގެ ތެރޭގައި ޑޭވިޑް ހާބާ އާއި ޑެރެކް ލޫކާއި ފޭ މަސްޓަސަންގެ އިތުރުން މާކް ޑޮނާޓޯ ވެސް ހިމެނެ އެވެ.

"އެކްސްޓްރެކްޝަން" ގެ ސްކްރީންޕްލޭ ލިޔުނީ ޖޯ އެވެ.

އިންޑިއާގެ އިތުރުން ބަންގްލަދޭޝް އާއި ތައިލެންޑްގައި މަންޒަރުތައް ނަގާފައިވާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ސޭމް ހާގްރޭވެ. "އެކްސްޓްރެކްޝަން" ގައި ދައްކުވައިދޭނީ ޖަލުގައި ބަންދުކޮށްފައިވާ ބޮޑު ކުށްވެރިއެއްގެ ފިރިހެން ދަރިފުޅު ކިޑްނެޕްކުރުމުން އޭނާ ސަލާމަތްކުރަން ހަވާލުވާ މީހަކު ނުރައްކާތެރި އަންޑަވޯލްޑްގެ ބަޔަކާ ކުރިމަތިލައިގެން ކާމިޔާބު ހޯދާ ގޮތެވެ.