އަމަރް.
21 އެޕްރީލް 2020 - 08:16
ކާމިޔާބު ދެ ފިލްމެއް ގެނެސްދިން ބޮލީވުޑްގެ އުންމީދީ ޑައިރެކްޓަރު އަމަރު ކޯޝިކް ތިން ވަނަ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.
މިދިޔަ އަހަރު "ބާލާ" އާއި އޭގެ ކުރީ އަހަރު "އިސްތިރީ" ގެނެސްދިން ޑައިރެކްޓަރު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި ބުނީ އާ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އޭނާ ބުނީ މި ވަގުތު އިންޑިއާ ލޮކްޑައުނެއްގައި އޮތުމުން، ގޭގައި އެއްކޮށް މަޑުކުރަން ޖެހި ސްކްރިޕްޓަށް ވަރަށް ބޮޑަށް ވަގުތު ދެވެމުން އަންނަ ކަމަށެވެ.
އަމަރު ބުނިގޮތުގައި އޭނާގެ އާ ފިލްމުވެގެން ދާނީ މަޖާ ކަންތައްތައް ދައްކުވައިދޭނެ ސޯޝަލް ކޮމެޑީއަކަށެވެ.
"ފުރަތަމަ ސްކްރީންޕްލޭ ލިޔަން ފެށި އިރަކު ނުވިސްނަން ކޮމެޑީއެއް ލިޔާކަށް. އެކަމަކު އަހަންނަށްވާ ގޮތަކީ އެ ޖޯންރާ މާ ބޮޑަށް ކަމުދާތީ އޮޓޮމެޓިކުން ކޮމެޑީ އަށް ދެވެނީ. އެހެން ވިޔަސް ޔަގީންކަން ދެން ކުރީގެ ދެ ފިލްމާ އާ ފިލްމު މާ ބޮޑަށް ވެސް ތަފާތުވާނެކަން." އޭނާ ބުންޏެވެ.
އަމަރު ބުނީ "ބާލާ" ގައި ތަލަ ޒުވާނެއްގެ ވާހަކަ އާއި "އިސްތިރީ" ގައި ޖިންނި އަންހެނުންގެ ވާހަކަ ކިޔައިދީފައި އޮތަސް އާ ފިލްމުގެ ވާހަކަ ވަކި ޖިންސެއްގެ ކެރެކްޓާއަކަށް ހާއްސަ ނުކުރާނެ ކަމަށެވެ.
"އަހަރެން އުޅެބޮޑުވަމުން އައި ދުވަސްވަރު ހައެއްކަ ސްޓޭޓްގައި އުޅުމުގެ ފުރުސަތު ލިބުނީމަ ވަރަށް ގިނަ ކަންކަން ފެނިފައި ހުރީ. އެގޮތުން އަހަންނަކީ އަބަދު ވެސް ކަންކަމާ ދޭތެރޭ އަބަދު ވެސް ވަރަށް ފުންކޮށް ވިސްނާ މީހެއް. އެހެންވެ އަސްލު ބޮޑަށް ސޯޝަލް އިޝޫތަކާ ގަޔާވެވެނީ." އޭނާ ބުންޏެވެ. "މިސާލަކަށް އަހަރެން ހިތަށް އަބަދު ވެސް އަރާ ސުވާލެއް ކީއްވެ ހެއްޔޭ ގެވެހި ހުރިހާ މަސައްކަތެއް، މިސާލަކަށް ގޭތެރެ ސާފުކުރުން ކަހަލަ ކަންކަން ހަމައެކަނި އަންހެނުން ކުރަން ޖެހޭ މަސައްކަތެއްގެ ގޮތުގައު ދެކެނީ. ކީއްވެހެއްޔޭ އެކަހަލަ މަސައްކަތްތައް ފިރިހެނުން ކުރަން ނުޖެހެނީ."
އާ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް ނުދިން ނަމަވެސް އަމަރު ބުނިގޮތުގައި އަންނަ އަހަރު ފިލްމު ގެނެސްދެވޭތޯ މަސައްކަތްކުރާނެ އެވެ.
އޭނާ ގެނެސްދިން "އިސްތިރީ" ގެ ދެވަނަ ބައެއް ވެސް ހަދަން އެ ފިލްމު ޕްރޮޑިއުސްކުރި މެޑޮކް ފިލްމްސް އިން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy