ޕޫޖާ.
22 އެޕްރީލް 2020 - 08:43
ސަލްމާން ޚާނާ އެކު ފިލްމެއް ކުޅެން ލިބުމުން ވަރަށް ބޮޑަށް އުފާވެފައި ހުރި ކަމަށާއި މިއީ ކުރިން ހީވެސް ވެފައި އޮތް ކަމެއް ނޫން ކަމަށް، އަރަމުން އަންނަ ޒުވާން ބަތަލާ ޕޫޖާ ހެގްޅޭ ބުނެފި އެވެ.
ރިތިކް ރޯޝަނާ އެކު 2016 ގެ "މޮހެންޖޮ ދާރޯ" އިން ބޮލީވުޑަށް ތައާރަފުވި 29 އަހަރުގެ ބަތަލާ އީ-ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ސަލްމާނާ އެކު "ކަބީ އީދު ކަބީ ދިވާލީ" ކުޅެން ލިބުމަކީ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް އުފާ ކަމަށެވެ.
"އަހަރެން މިހާރު މި ހުންނަނީ އެ ފިލްމުގެ ޝޫޓިން ފެށޭނެ އިރަކަށް ކެތްމަދުވެފައި،" ޕޫޖާ ބުންޏެވެ.
"ކަބީ އީދު ކަބީ ދިވާލީ" އަކީ ޕޫޖާ މިދިޔަ އަހަރު ކުޅުނު "ހައުސްފުލް 4" ގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ އާއި އެ ފިލްމުގެ ޑައިރެކްޓަރު ފަރްހާދު ސަމްޖީ ގުޅިގެން ހަދާ ފިލްމެކެވެ.
"ކަބީ އީދު ކަބީ ދިވާލީ" އަކީ އަންނަ އަހަރުގެ ފިތުރު އީދުގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސަލްމާންގެ ޅިޔަނު އާޔޫޝް ޝަރުމާ އާއި މިދިޔަ އަހަރު "ނޯޓްބުކް" އިން ތައާރަފުވި ޒަހީރު އިގްބާލުގެ އިތުރުން "ބިގް ބޮސް" ސީޒަން 13 އިން ވިދައިލި މޮޑެލް އާސިމް ރިއާޒް ވެސް ހިމެނެ އެވެ.
ޕޫޖާ އަށް ސަލްމާނާ އެކު ފިލްމެއް ކުޅެން ފުރުސަތު ލިބުނު އިރު، އޭނާ އަކީ އިންޑިއާގެ ދެކުނުގެ މަޝްހޫރު ތަރިންނާ އެކު ވެސް ފިލްމު ކުޅެމުން އަންނަ ބަތަލާއެކެވެ. އެގޮތުން "ބާހްބަލީ" ގެ ބަތަލު ޕްރަބާސްއާ އެކު "ޖާން" ކިޔާ ފިލްމެއްގެ މަސައްކަތް ޕޫޖާ އަންނަނީ ކުރަމުންނެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ ތެރޭގައި ރިލީޒްކުރަން އޮތްވައި ކޮރޯނާވައިރަހާ ހެދި ފަސްކޮށްފައިވާ ތެލެގޫ ފިލްމު "މޯސްޓް އެލިޖިބަލް ބެޗްލާ" އެވެ. އެ ފިލްމުގެ ބަތަލަކީ މަޝްހޫރު އެކްޓަރު ނާގުރްޖުނާ އަކިނޭނޭނީގެ ހަގު ފިރިހެން ދަރިފުޅު އާޙިލް އަކިނޭނީ އެވެ.
ޕޫޖާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ ޖެނުއަރީ މަހު ރިލީޒްކުރި ތެލެގޫ ފިލްމު "އަލާ ވައިކުންތަޕުއްރަމުލޫ" އިންނެވެ. އެ ފިލްމުގެ ބަތަލީ އައްލޫ އަރުޖުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy