ކްރިތީ އަދި ރާޖް.
30 އެޕްރީލް 2020 - 09:38
މިދިޔަ ފެބްރުއަރީ މަހު އިއުލާންކުރި ރާޖްކުމާރު ރާއޯ އާއި ކްރިތީ ސެނަންގެ ފެމިލީ ކޮމެޑީގެ ނަމަކަށް "ސެކަންޑް އިނިންސް" ހަމަޖައްސައިފި އެވެ.
ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ އެ ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ޖެއިން ބުނީ ފިލްމަށް ދީފައިވާ ނަމަކީ ސްޓޯރީލައިނާ އެންމެ ގުޅޭ ނަން ކަމަށެވެ.
"ސެކަންޑް އިނިންސް" ގައި ކިޔައިދޭނީ މައިންބަފައިން ނެތުމުގެ ފަޅުކަން ކުރިމަތިވެފައިވާ ޒުވާން ދެމަފިރިއަކު، އުމުރުން ދުވަސްވީ ދެމަފިރިއަކު އެޑަޕްޓްކޮށް އެ މީހުންނާ އެކު އުޅެން ފެށުމުން ދިމާވާ ހެއްވާ މަޖާ ކަންތައްތަކެވެ. ފިލްމުގެ ކާސްޓްގައި ދެން ހިމެނެނީ ޑިމްޕަލް ކަޕާޑިއާ އާއި ޕަރޭޝް ރާވަލް އެވެ.
"ސެކަންޑް އިނިންސް" ވެގެންދާނީ ރާޖާއި ކްރިތީ އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމަށެވެ. ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2017 ގެ "ބެރިލީ ކީ ބަރްފީ" އެވެ.
އަބީޝެކް ބުނީ ކުރިން ރާވައިގެން ތިބީ ފިލްމުގެ ޝޫޓިން މިދިޔަ މަހު ނިއު ދިއްލީގައި ފަށަން ކަމަށެވެ. އެކަމަކު ކޮރޯނާވައިރަހާ ހެދި އިންޑިއާ ލޮކްޑައުންއަކަށް ގޮސްފައިވާތީ، ޝެޑިއުލް އަލުން ރާވަމުން އަންނަ ކަމަށް ބުންޏެވެ.
"ސެކަންޑް އިނިންސް" ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy