މީގެ ތިން އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ރޮމޭންޓިކް ކޮމެޑީ "ބެރިލީ ކީ ބަރްފީ" އަށް ފަހު، ޒުވާން ދެ ތަރިން ކަމަށްވާ ރާޖްކުމާރު ރާއޯ އާއި ކްރިތީ ސެނަން އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އެ ދެ ތަރިންނާ އެކު ހަދާ ފިލްމުގެ ޑައިރެކްޓަރަކީ ގުޖްރާތުގެ މަޝްހޫރު ޑައިރެކްޓަރެއް ކަމަށްވާ އަބީޝެކް ޖެއިނެވެ. އޭނާ ވަނީ އެސިސްޓަންޓެއްގެ ގޮތުގައި ސަންޖޭ ލީލާ ބަންސާލީ އާއި ސުބާޝް ގާއީ އާއި ރާމް މަދުވާނީ ފަދަ ބޮލީވުޑްގެ ހުނަރުވެރި ޑައިރެކްޓަރުންނާ އެކު ކުރިން މަސައްކަތްތަކެއްކޮށްފަ އެވެ.
މެޑޮކް އިން ބުނީ ކްރިތީ އާއި ރާޖްގެ އާ ފިލްމުގެ ވަރަށް މުހިއްމު ރޯލްތަކުން ޑިމްޕަލް ކަޕާޑިއާ އާއި ޕަރޭޝް ރާވަލް ވެސް ފެނިގެންދާނެ ކަމަށާއި މީގެ ޝޫޓިން އަންނަ މަހުގެ ފަހުކޮޅު ނިއު ދިއްލީގައި ފަށާނެ ކަމަށެވެ. އަދި ފިލްމު ސިނަމާތަކަށް ގެންނާނީ މި އަހަރުގެ ފަހުކޮޅު ކަމަށް ބުންޏެވެ.
މީޑިއާތަކުން ބުނާގޮތުގައި މި ފިލްމުގައި ދައްކުވައިދޭނީ ކައިވެނިކޮށްގެން އުޅޭ ޒުވާން ދެމަފިރިއެއްގެ ގެއަށް އުމުރުން ދުވަސްވީ ދެމަފިރިއަކު ގެނައުމުން އެ މީހުންގެ ސަބަބުން ދިރިއުޅުމަށް ކުރިމަތިވާ ހެއްވާ މަޖާ ކަންތައްތަކެވެ.
ކްރިތީ މި ވަގުތު "މިމީ" ގެ މަސައްކަތްކުރަމުން އަންނަ އިރު، ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ބައްޗަން ޕާންޑޭ" ހިމެނެ އެވެ. މި އަހަރު ރިލީޒްވާން ހުރި ރާޖްގެ ފިލްމުތަކުގެ ތެރޭގައި "ލޫޑޯ އާއި "ޝަލާންގް" އަދި "ރޫހީ އަފްޒާނާ" ހިމެނެ އެވެ.
ޑިމްޕަލް ވެސް މި އަހަރު ދެ ފިލްމަކުން ފެނިގެންދާނެ އެވެ. އެއީ "ބުރައްމަސްތުރާ" އާއި ހޮލީވުޑްގެ ފިލްމު "ޓެނެޓް" އިންނެވެ. ޕަރޭޝް މި އަހަރު ފެންނާނެ ފިލްމުތަކުގެ ތެރޭގައި "ކޫލީ ނަމްބަރު 1" އާއި "ހަންގާމާ 2" އަދި "ތޫފާން" ހިމެނެ އެވެ.