22 މެއި 2020 - 05:30
ކޮރޯނާވައިރަހާ ދެކޮޅު މަސައްކަތަށް އިންޑިއާގެ ފިލްމީ ތަރިންގެ ތެރެއިން އެންމެ ބޮޑު އެހީވި އެކަކީ އަކްޝޭ ކުމާރެވެ. އެގޮތުން ކޮވިޑް-19 އަށް ހާއްސަކޮށްގެން ހުޅުވި ފަންޑްތަކަށް ފައިސާގެ އެހީގެ އިތުރުން އެކި ފަރާތްތަކަށް އޭނާ ޕާސަނަލް ޕްރޮޓެކްޝަން އިކްޕްމަންޓް (ޕީޕީއީ) ވެސް ހަދިޔާކުރި އެވެ.
ނަމަވެސް އިންޑިއާގައި ވައިރަހާ އެކު އިއުލާންކުރި ލޮކްޑައުންގެ ގެއްލުން އެންމެ ބޮޑަށް ކުރި އެކަކީ އަކްޝޭ އެވެ. އޭނާގެ ފިލްމުތަކެއް ހުރީ މި ހާލަތާ ގުޅިގެން ރިލީޒްނުކުރެވި އެވެ. އަދި އެތައް ޝޫޓިންއެއް ވެސް އޮތީ ކުރިއަށް ނުގެންދެވި އެވެ.
އިންޑިއާގައި އެންމެ ފުރަތަމަ ލޮކްޑައުން އިއުލާންކުރީ އަކްޝޭގެ "ސޫރިޔާވަންޝީ" މާޗް މަހުގެ 24 ގައި ރިލީޒްކުރަން ނިންމާފައި ވަނިކޮށް މާޗް 25 ގަ އެވެ. އެއާ އެކު ސިނަމާތައް ބަންދުކޮށް، ފިލްމުތައް އެޅުވުން ހުއްޓުނީ އެވެ.
އެ ފިލްމަކީ ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ފިލްމެކެވެ. "ސޫރިޔާވަންޝީ" ގެ ބަތަލާ އަކީ ކެޓްރީނާ ކެއިފެވެ. މިއީ އަކްޝޭ އާއި ކެޓްރީނާގެ ޖޯޑު އަހަރުތަކެއް ފަހުން ސްކްރީނަށް އަންނަ ފުރަތަމަ ފަހަރު ވެސް މެ އެވެ.
މީގެ އިތުރުން ފިތުރު އީދާ ދިމާކޮށް ރިލީޒްކުރަން އޮތް އަކްޝޭގެ "ލަކްޝްމީ ބޮމް" ވެސް އޮތީ ތާށިވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ފިލްމު ދެން ސިނަމާތަކުގައި އެޅުވުމުގެ ބަދަލުގައި ފެނުން ގާތީ ސްޓްރީމިން ޕްލެޓްފޯމަކުންނެވެ. އެގޮތުން ޑިޒްނީ+ހޮޓްސްޓާ އަށް ފިލްމުގެ ރައިޓްސް ވިއްކައިލި ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް އެކަން އަދި ކަށަވަރެއް ނުވެ އެވެ.
"ލަކްޝްމީ ބޮމް" އަކީ ރަގަވާ ލޯރެންސް ޑައިރެކްޓްކޮށް، ކިއާރާ އަދުވާނީ ބަތަލާގެ ރޯލް ކުޅެފައިވާ ހޮރޯ-ކޮމެޑީއެކެވެ.
މި އަހަރު ދެން ސިނަމާ އަށް ގެންނަން ނިންމާފައި އޮތް އަކްޝޭގެ އަނެއް ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ ތާރީހީ ފިލްމު "ޕްރިތުވީރާޖް" އެވެ. އެ ފިލްމު ތާވަލުކޮށްފައި ވަނީ ދިވާލީ ފާހަގަކުރާ ނޮވެމްބަރު މަހުގެ 13 އަށެވެ. ލޮކްޑައުނާ އެކު ފިލްމުގެ ޝޫޓިން އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. މިއީ ބޮޑު ފިލްމަކަށްވާތީ، ޝޫޓިން ހުއްޓުމަކަށް އައިސްފައިވާތީ ތާވަލުކޮށްފައި އޮތް ތާރީހުގައި ފިލްމު ސިނަމާތަކަށް އަންނާނެކަމާ ދޭތެރޭ ވެސް މިހާރު ޝައްކެވެ. "ޕްރިތުވީރާޖް" އަކީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރް ބޮލީވުޑަށް ތައާތަފުކުރާ ފިލްމެވެ.
ބެލެވޭ ގޮތުން މި އަހަރުގެ އޮކްޓޯބަރުގެ ކުރިއަކުން އަކްޝޭގެ އެއްވެސް ފިލްމެއްގެ ޝޫޓިން އަލުން ނުފެށޭނެ އެވެ. އޭނާ އަކީ އާންމުކޮށް އެއްފަހަރާ ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރާ އެކްޓަރެކެވެ. އެގޮތުން މިހާރު ވެސް އަންނަ އަހަރުގެ ކުރީކޮޅަށް ތާވަލުކޮށްފައި ހުރި ފިލްމުތަކެއް އެބަ ހުއްޓެވެ. މި އަހަރުގެ ތެރޭގައި އެ ޝޫޓިންތައް ނުފެށޭ ނަމަ، ރިލީޒްކުރާ ތާރީހުތައް ވެސް ބަދަލުކުރަން ޖެހޭނެ އެވެ.
އެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީ 22 އަށް ތާވަލުކޮށްފައިވާ ޑައިރެކްޓަރު ފަރުހާދު ސަމްޖީގެ "ބައްޗަން ޕާންޑޭ" އެވެ. އަކްޝޭގެ ވަރަށް ތަފާތު ކެރެކްޓާއެއް ފެނިގެންދާނެ އެ ފިލްމުގެ ބަތަލާ އަކީ ކްރިތީ ސެނަން އެވެ.
އަންނަ އަހަރުގެ ކުރީކޮޅަށް އޮތް އަކްޝޭގެ އަނެއް ފިލްމަކީ ފެބްރުއަރީ މަހުގެ 14 އަށް ތާވަލުކޮށްފައި އޮތް "އަތުރަންގީ ރޭ" އެވެ.
އާނަންދު އެލް ރާއި ޑައިރެކްޓްކުރާ އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސާރާ އަލީ ޚާނާއި ދަނޫޝް ވެސް ހިމެނެ އެވެ. ލޮކްޑައުން ކުރިމަތިވީ އެ ފިލްމުގެ ޝޫޓިން ފެށިތަނާ ކަހަލަ ގޮތަކަށެވެ.
އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭން އޮތް އަކްޝޭނެ އަނެއް ފިލްމަކީ އެޕްރީލް 2 އަށް ތާވަލުކޮށްފައިވާ "ބެލްބޮޓަމް" އެވެ. އެއީ ރަންޖީތު ތިވާރީ ޑައިރެކްޓްކުރާ ފިލްމެކެވެ.
މި ފިލްމުތަކުގެ ޝޫޓިންތައް ނުފެށި ދިގުލައިގެން ދިއުމަކީ އަކްޝޭ މި އަހަރު ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ.
މިދިޔަ އަހަރު އަކްޝޭ ފެނުނު ފިލްމުތަކުގެ ތެރޭގައި "ކޭސަރީ"، "މިޝަން މަންގަލް"، "ހައުސްފުލް 4" އަދި "ގުޑް ނިއުޒް" ހިމެނެ އެވެ. އަދި މި ފިލްމުތަކަކީ މިދިޔަ އަހަރު އެންމެ ހިނގި ފިލްމުތަކުގެ ލިސްޓްގައި ވެސް ހިމެނޭ ފިލްމުތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީފް
22 May 2020
ދިންއެހީގެ ވާހަކައައްވުރެ މީގައޮތީ ފިލްމުތަގުގެވާހަކަ
އިސްރޯ
22 May 2020
އަކްޝޭ އަކީ ތެދުވެރިއެއް. މީހުނަށް ހެޔޮކޮށް ހިތާމީހެއް.
ކަޕީ
22 May 2020
ސޮރީ އަޅުގަނޑަށް އޮޅިގެން ޑިސްލައިކަށް ފިތުނީ އަކްޝޭއަކީ ވަރަށް ރަގަޅު ބޭކަލެއް