އަކްޝޭ ކުމާރު ވަރަށް ތަފާތު ގޮތަކަށް ފެންނާނެ ފިލްމެއް ކަމަށްވާ "ބައްޗަން ޕާންޑޭ" ގެ އާ ޕޯސްޓަރަކާ އެކު، ފިލްމު ރިލީޒްކުރާ ތާރީހު ބަދަލުކޮށްފައިވާކަން އިއުލާންކޮށްފި އެވެ.
ކުރިން އެ ފިލްމު މި އަހަރުގެ ޑިސެމްބަރު މަހުގެ 25 އަށް ތާވަލުކޮށްފައި އޮތް ނަމަވެސް މިހާރު ވަނީ އަންނަ އަހަރުގެ ޖެނުއަރީ 22 އަށް ތާވަލުކޮށްފަ އެވެ.
"ބައްޗަން ޕާންޑޭ" އަކީ މިދިޔަ އަހަރު ރިލީޒްކުރި އަކްޝޭގެ "ހައުސްފުލް 4" ގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އެ ފިލްމުގެ ޑައިރެކްޓަރު ފަރުހާދު ސަމްޖީ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމަކީ 2014 ގައި ރިލީޒްކުރި ތަމަޅަ ފިލްމު "ވީރަމް" ގެ ރިމޭކެކެވެ.
ދުޝްމަނުންގެ ކިބައިން އާއިލާގެ މީހުންގެ ހިމާތްކުރަން މަސައްކަތްކުރާ ހިތްހެޔޮ އެކަމަކު ޖެހިލުން ކުޑަ މީހެއްގެ ވާހަކަ ކިޔައިދިން "ވީރަމް" އަކީ ސިވާ ޑައިރެކްޓްކުރި ފިލްމެކެވެ. އޭގެ ލީޑް ރޯލް ކުޅެފައި ވަނީ އަޖިތު ކުމާރާއި ތަމަންނާ ބާޓިއާ އެވެ.
"ބައްޗަން ޕާންޑޭ" ގައި އަކްޝޭއާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ކްރިތީ ސެނަން އެވެ.
މި ފިލްމު އަންނަ އަހަރަށް ފަސްކުރި ސަބަބެއް ކަމަށް ބެލެވެނީ ޑިސެމްބަރު މަހުގެ ފަހު ހަފުތާގައި އާމިރު ޚާނާއި ކަރީނަ ކަޕޫރްގެ "ލާލް ސިންގް ޗައްޑާ" ވެސް ސިނަމާތަކަށް ގެންނަން ނިންމާފައި އޮތުމުން، އެ ފިލްމާ އެކު ބޮކްސް އޮފީހުގެ ކުރިމަތިލުމަކަށް ނުދާންވެގެންނެވެ.
މިދިޔަ އަހަރު ހަތަރު ވަރަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން އަކްޝޭ މި އަހަރު ފެންނާނެ ފިލްމުތަކުގެ ތެރޭގައި "ސޫރިޔާވަންޝީ" އާއި "ލަކްޝްމީ ބޮމްބް" ގެ އިތުރުން "ޕްރިތުވީރާޖް" ހިމެނެ އެވެ. އަންނަ އަހަރު "ބައްޗަން ޕާންޑޭ" ގެ އިތުރުން "ބެލްބޮޓަމް" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ.