އަކްޝޭ ކުމާރާއި ގިނަ ތަރިންތަކެއް ހިމެނޭ ކޮމެޑީ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"އަށް އެންމެ ހަތަރު ދުވަހުގެ ތެރޭގައި 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިއްޖެ އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމަށް އިއްޔެގެ ނިޔަލަށް ވަނީ 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. 

މި ފިލްމަކީ މަޝްހޫރު "ވެލްކަމް" ފްރެންޗައިޒްގެ ތިންވަނަ ފިލްމެވެ. ބޮޑު އޯޕަނިންގްއަކަށް ފަހު، މިދިޔަ ހަފުތާ ބަންދުގައި ވެސް މި ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. ހޯމަ ދުވަހު ފިލްމަށް ލިބުނު އާމްދަނީ ކުޑަކޮށް ދަށަށް ދިޔަސް، ފިލްމުގެ ޖުމްލަ އާމްދަނީ ރަނގަޅެވެ.

އިންޑިއާ އާއި ދުނިޔޭގެ ބޮކްސް އޮފީސް ހިމެނޭ ގޮތަށް މި ފިލްމަށް މިހާތަނަށް ޖުމްލަ 106.48 ކުރޯޑް ރުޕީސް (11.2 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

މި ފިލްމަކީ 250-300 ކްރޯޑް ރުޕީސް (31 މިލިއަނެއްހާ ޑޮލަރު)ގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. 

މި އަހަރު ނުކުތް އަކްޝޭގެ ފުރަތަމަ ފިލްމު ވެސް ވަރަށް ކާމިޔާބެވެ. މިދިޔަ އެޕްރީލް މަހު ނުކުތް އޭނާގެ ފިލްމު "ބޫތު ބަންގްލާ"އަށް ބޮކްސް އޮފީހުގައި 200 ކްރޯޑް ރުޕީސް (21.1 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ. އަދި އޭގެ ކުރިން ނެރުނު އޭނާގެ "ހައުސްފުލް 5" އާއި "ސްކައި ފޯސް" ފިލްމަށް ވެސް ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް (10.6 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ. 

"ވެލްކަމް ޓު ދަ ޖަންގަލް"ގެ ވާހަކަ ބިނާކޮށްފައި ވަނީ ބޯޑަރު ކައިރީގައިވާ ޖަންގައްޔެއްގެ ތެރޭގައި ދިމާވާ ގޭންގުސްޓަރުންނާއި ކުށްވެރިން އަދި ތަފާތު މަޖާ ކެރެކްޓާތަކެއްގެ މެދުގައި ހިނގާ ހެއްވާމަޖާ ހާދިސާތަކެއްގެ މައްޗަށެވެ.

މި ފިލްމުގެ ކާސްޓުގައި ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ހިމެނެ އެވެ. އޭގެ ތެރޭގައި ސުނިލް ޝެޓީ، ދިޝާ ޕަޓާނީ، ޖެކްލިން ފެނާންޑޭޒް، އަރްޝަދު ވާރްސީ، ޖެކީ ޝްރޮފް، ޕަރޭޝް ރާވަލް، ރަވީނާ ޓަންޑަން، ލާރާ ދައްތާ، ފަރީދާ ޖަލާލް، ޖޯނީ ލީވާ، ޝްރެޔަސް ތަލްޕަޅޭ، ތުޝާރު ކަޕޫރު، ރާޖްޕާލް ޔާދަވް، ކްރުޝްނާ އަބީޝެކް، ކީކޫ ޝަރްދާ، ދަލެރު މެހެންދީ، އަފްތާބް ޝިވްދާސާނީ އަދި އުރުވަޝީ ރައުޓޭލާ ހިމެނެ އެވެ. 

މި ފިލްމާ ގުޅިގެން ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ އޭނާގެ ކެރިއަރުގެ ފުރަތަމަ 10 އަހަރު ހަމައެކަނި "އެކްޝަން ސްޓާރެއް"ގެ ގޮތުގައި މަސައްކަތް ކުރެވުމުން އެކަމާ ދެރަވާ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވައްޓަފާޅި ބަދަލުކޮށް ކޮމެޑީ، ޑްރާމާ، ރޮމޭންސް އަދި ހޮރޯ-ކޮމެޑީ ކަހަލަ ތަފާތު ރޯލުތައް ކުޅެން ފެށީ ކަމަށް އޭނާ ބުންޏެވެ.