ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "ބޫތު ބަންގްލާ" ރިލީޒްކުރުން ފަސްކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޑައިރެކްޓަރު ޕްރިޔަދަރުޝަންގެ އެ ފިލްމު ފަސްކުރީ މިހާރު ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރަމުން އަންނަ ރަންވީރު ސިންގުގެ ފިލްމު "ދުރަންދަރު 2" އާ ކުރިމަތިލާން ޖެހިދާނެތީ އެވެ.
ހޮރޯ-ކޮމެޑީ ފިލްމު "ބޫތު ބަންގްލާ" ރިލީޒްކުރާ ގޮތަށް ކުރިން ހަމަޖެއްސީ އަންނަ މަހު 10 ގަ އެވެ. ނަމަވެސް، އެ ފިލްމު މިހާރު ވަނީ އަންނަ މަހު 17 ގައި ރިލީޒްކުރާ ގޮތަށް ފަސްކޮށްފަ އެވެ.
"ދުރަންދަރު 2"އަށް ދުނިޔޭގައި ބޮކްސް އޮފީހުގައި މިހާރު ވަނީ 1,200 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
އެ ފިލްމަށް އޮތް ތަރުހީބު ކުޑަނުވެ ކުރިއަށް ދާތީ، "ބޫތު ބަންގްލާ"ގެ ޕްރޮޑިއުސަރުންނާއި އަކްޝޭ ކުމާރު ނިންމީ ފިލްމުގެ ވިޔަފާރި ރަނގަޅު ކުރުމަށް ރިލީޒްކުރާ ތާރީހު ފަސްކުރުމަށް ކަމަށް ރިޕޯޓްތައް ބުންޏެވެ.
"ބޫތު ބަންގްލާ" އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރު ޕްރިޔަދަރުޝަން އާއި އަކްޝޭ، 14 އަހަރުގެ މެދުކެނޑުމަކަށް ފަހު އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މީގެ ކުރިން އެ ދެމީހުން ވަނީ "ހޭރާ ފޭރީ"، "ބޫލް ބުލައްޔާ" އަދި "ގަރަމް މަސާލާ" ކަހަލަ ކާމިޔާބު ފިލްމުތައް ގެނެސްދީފަ އެވެ.
އަކްޝޭއާ އެކު، އެ ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ ޕާރޭޝް ރާވަލް، ރާޖްޕާލް ޔާދަވް އަދި އަސްރާނީ އެވެ.