ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރާއި ޑައިރެކްޓަރު ޕްރިޔަދަރްޝަން ގުޅިގެން އުފައްދާފައިވާ ހޮރޯ ކޮމެޑީ ފިލްމު "ބޫތު ބަންގްލާ"އަށް ބޮކްސް އޮފީހުގައި ރަނގަޅު ފެށުމެއް ލިބިއްޖެ އެވެ. 

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އެ ފިލްމު އަންނަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ. އެ ފިލްމަށް ފުރަތަމަ ތިން ދުވަހު އިންޑިއާގެ ބޮކްސް އޮފީހުގައި އެކަނިވެސް 50 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.

އެ ފިލްމަށް އިންޑިއާގެ ބޮކްސް އޮފީހުގައި މިހާތަނަށް ޖުމްލަ 56.11 ކްރޯޑް ރުޕީސް (6.1 މިލިއަން ޑޮލަރު) ލިބިފައިވާއިރު، ދުނިޔޭގެ ބޮކްސް އޮފީހުގައި ޖުމްލަ 66.91 ކްރޯޑް ރުޕީސް (7.2 މިލިއަން ޑޮލަރު) ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އަކްޝޭ ލީޑު ރޯލު ކުޅޭ "ބޫތު ބަންގްލާ" އުފެއްދީ 120 ކްރޯޑް ރުޕީސް (12.96 މިލިއަން ޑޮލަރު)ގެ ބަޖެޓަކުންނެވެ. 

މި ފިލްމުގައި އަކްޝޭގެ އިތުރުން މުހިންމު ރޯލުތައް ކުޅެފައި ވަނީ ވާމީގާ ގައްބީ، ތާބޫ، އަސްރާނީ، ރާޖްޕާލް ޔާދަވް އަދި ޕަރޭޝް ރާވަލް އެވެ. 

މިއީ އަކްޝޭ އާއި ޕްރިޔަދަރްޝަން 14 އަހަރުގެ މެދުކެނޑުމަކަށް ފަހު އެކުގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. މީގެ ކުރިން އެ ދެ ފަންނާނުން ވަނީ "ހީރާ ޕޭރީ"، "ގަރަމް މަސާލާ" އަދި "ބޫލް ބުލައްޔާ" ކަހަލަ ކާމިޔާބު ފިލްމުތައް ގެނެސްދީފަ އެވެ.

އަކްޝޭގެ ފިލްމަކަށް ބޮކްސް އޮފީހުގައި ރަނގަޅު ފެށުމެއް މި ލިބުނީ ގިނަ އަހަރުތަކެއް ފަހުންނެވެ. ކޮވިޑް-19 އަށް ފަހު ނުކުތް އަކްޝޭގެ ގިނަ ފިލްމުތައް ވަނީ ފްލޮޕްވެފަ އެވެ.