ބޮލީވުޑްގެ ތަރިން ކަމަށްވާ އަކްޝޭ ކުމާރު އާއި ސައިފް އަލީ ޚާން 18 އަހަރަށްފަހު އެކުގައި ފެންނާނެ ފުރަތަމަ ފިލްމު "ހައިވާން"ގެ ޓީޒާ އާންމުކޮށްފި އެވެ.

މަޝްހޫރު ޑައިރެކްޓަރު ޕްރިޔަދަރްޝަން އުފައްދާ މި ސައިކޮލޮޖިކަލް ތުރިލާ ފިލްމަކީ ނާމާން އަދި ސަސްޕެންސުން ފުރިގެންވާ އަނދިރި މާހައުލެއް ދައްކުވައިދޭނެ ފިލްމެކެވެ.

އާންމުކުރި ޓީޒާއިން ފެންނަ ގޮތުގައި، ސައިފް ކުޅެނީ ލޯއަނދިރި މީހެއްގެ ރޯލެވެ. އޭނާ ހިނގާފާދަނީ އަސާގަނޑެއްގެ އެހީގަ އެވެ. އަނެއްކޮޅުން، އަކްޝޭ ކުމާރު ފެންނަނީ ވަރަށް ނުރައްކާތެރި ވިލަންއެއްގެ ރޯލަކުންނެވެ.

ޓީޒާގައި އަކްޝޭގެ ބިރުވެރި ހީލުމަކާ އެކު އޭނާ ސައިފްގެ ހަރަކާތްތަކަށް ފާރަލަމުންދާ ތަން ފެނެ އެވެ. އެ ޓީޒާގައި ބޭނުންކޮށްފައިވާ ހާއްސަ ޓެގްލައިނަކީ "ވަން ސީސް އެވްރީތިން، ވަން މިސެސް ނަތިން. ހީ ހިއާސް ދަ ޑޭންޖާ... އައި އެމް ދަ ޑޭންޖާ! ހީރޯ ޔާ ހައިވާން؟" އެވެ. 

މިއީ ޕްރިޔަދަރްޝަން ސައިފްއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

ސައިފް އާއި އަކްޝޭގެ އިތުރުން މުހިންމު ރޯލުތަކުން ބޯމަން އިރާނީ އާއި ސައްޔާމީ ކޭރްގެ އިތުރުން ހާއްސަ ފެނިލުމަކުން މަލަޔާލަމް ސުޕަސްޓާރު މޯހަންލާލް ވެސް ފެންނާނެ އެވެ. 

މިއީ 2016 ވަނަ އަހަރު މޯހަންލާލް ކުޅެ، ޕްރިޔަދަރްޝަން ޑައިރެކްޓްކުރި މަލަޔާލަމް ކާމިޔާބު ފިލްމު "އޮއްޕަމް"ގެ ހިންދީ ރީމޭކެކެވެ.

މި ފިލްމު ރިލީޒްކުރަނީ އަންނަ މަހު 11 ގަ އެވެ.

މި ފިލްމުގެ ކުރިން އަކްޝޭ އާއި ސައިފް އެންމެ ފަހުން އެކުގައި ކުޅުނު ފިލްމަކީ 2008 ވަނަ އަހަރު ނުކުތް "ތަޝަން" އެވެ.