ޒުވާން އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލަ އަށް މަރުވެއްޖެ

ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ރާޖްޕޫރު މިއަދު އަމިއްލަ އަށް މަރުވެއްޖެ އެވެ.


އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 34 އަހަރުގެ އެކްޓަރު މަރުވެފައި އޮއްވައި ފެނުނީ މުމްބާއީގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ތެރޭގައި ދަންޖެހިގެންނެވެ. އަދި އަމިއްލަ އަށް މަރުވުމުގެ ދުވަސްތަކެއް ކުރިން އޭނާ އުޅުނީ ޑިޕްރެޝަންގައި ކަމަށް ސުޝާންތާ ގާތް ބައެއް މީހުންނާ ހަވާލާދީ މީޑިއާތަކުން ބުނެ އެވެ.

ސުޝާންތަކީ 2013 ގައި ފިލްމު "ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ނުކުތް އެކްޓަރެކެވެ. އޭގެ ކުރިން އޭނާ ވަނީ މަޝްހޫރު ޓީވީ ސިލްސިލާ "ޕަވިތުރަ ރިޝްތާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ. ސުޝާންތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް ސްޓްރީމްކުރި "ޑްރައިވް" އެވެ.

މިދިޔަ އަހަރު އޭނާ ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "ޗިޗޯރޭ" އާއި "ސޯންޗިރައްޔާ" ހިމެނެ އެވެ. ސުޝާންތު ކުޅުނު ފިލްމުތަކުގެ ތެރޭގައި ސާރާ އަލީ ޚާން ބޮލީވުޑަށް ތައާރަފުވި "ކޭދަރުނާތު" އާއި "ރާބްތާ" އާއި "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އަދި "ޕީކޭ" ހިމެނެ އެވެ.

ސުޝާންތުގެ ކުރިއަށް އޮތް ފިލްމަކީ 2014 ގައި ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމެކް "ދިލް ބޭޗާރާ" އެވެ.

ސުޝާންތަކީ އޭނާއާ އެކު "ޕަވިތުރަ ރިޝްތާ" ކުޅުނު ބަތަލާ އަންކިތާ ލޯކަންދޭއާ އެކު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގުޅުމެއް ބޭއްވި ތަރިއެކެވެ. އަދި އޭނާ އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ "ޖަލޭބީ" ފަދަ ފިލްމުތަކުން ފެނުނު ބަތަލާ ރިއާ ޗަކްރަބަތީއާ އެވެ.