ސުޝާންތުގެ މަރުން ރެމޯ އާއި ރޫމީގެ ފިލްމުތަކެއް ހުއްޓުމަކަށް

ޒުވާން އެކްޓަރު ސުޝާންރު ރާޖްޕޫތު މިދިޔަ އާދީއްތަ ދުވަހު ދަންޖެހިގެން އަމިއްލަ އަށް މަރުވީ އޭނާއާ އެކު ފިލްމުތަކެއް ހަދަން ވާހަކަ ދައްކާފައި ވަނިކޮށް ކަމަށް ޑައިރެކްޓަރުން ކަމަށްވާ ރޫމީ ޖެފްރީ އާއި ރެމޯ ޑި ސޫޒާ ބުނެފި އެވެ.


ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ރޫމީ ބުނީ ކޮވިޑް-19 ފެތުރޭތީ އިންޑިއާގައި ލޮކްޑައުން އިއުލާންކުރީ އޭނާއާ އެކު ސުޝާންތު މަސައްކަތްކުރަން އޮތް ފިލްމުގެ ޝޫޓިން ފަށަން ތައްޔާރީތައްވަމުން ދަނިކޮށް ކަމަށެވެ. އަދި ވާޝޫ ބަގްނާނީ ޕްރޮޑިއުސްކުރާ ގޮތަށް އޮތް ފިލްމު ޝޫޓްކުރަން އޮތީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ކަމަށް ވެސް ރޫމީ ބުންޏެވެ.

"ދެން އަހަރެމެން ނިންމައިގެން ތިބީ ލޮކްޑައުން ނިމި ގައުމުން ބޭރަށް ދަތުރުފަތުރުކުރުމުގެ ހުއްދަ ލިބުމާ އެކު ޝޫޓިން ފަށަން. އެކަމަކު ނަސީބު ދިމާކުރި ގޮތުން ސުޝާންތާ އެކު މަސައްކަތްކުރާނެ ފުރުސަތު ނުލިބި އޭނާ މަރުވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް. އެކަން ގަބޫލުކުރަން އަދިވެސް ވަރަށް ދަތި." އޭނާ ބުންޏެވެ.

ރޫމީ ބުނި ގޮތުގައި ސުޝާންތަކީ އޭނާގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮތް އެކްޓަރެކެވެ. އެގޮތުން އަންހެނުން ކައްކާ އެއްޗެހި މީރުވެގެން އެ ވާހަކަ އަބަދު ވެސް ހުނަރުވެރި އެކްޓަރު ދައްކާ ކަމަށާއި ފިރިހެން ދަރިފުޅަކީ ސުޝާންތުގެ ވަރަށް ބޮޑު ފޭނެއްް ކަމަށް ވެސް ރޫމީ ބުންޏެވެ.

"އަހަރެން މިހުރީ ސުޝާންތުގެ ކުއްލި މަރަކާ އެކު ހިތް ހަލާކުވެ، މިކަން ގަބޫލުކުރަން ވެސް ދަތިވެފައި،" އޭނާ ބުންޏެވެ.

ރޫމީގެ ކުރިއަށް އޮތް ފިލްމު "ޗެހެރޭ" އަކީ ސުޝާންތު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ބުނާ ރިއާ ޗަކްރަބަތީ މުހިއްމު ރޯލަކުން ފެންނާނެ ފިލްމެކެވެ. އެ ފިލްމުގެ ކާސްޓްގައި އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީ ވެސް ހިމެނެ އެވެ.

"ޗެހެރޭ" އިން ރިއާ އަށް ފުރުސަތު ދިނީ ސުޝާންތުގެ އެދުމަކަށް ކަމަށް ބުނާ ވާހަކައާ ބެހޭ ގޮތުން ސުވާލުކުރުމުން ރޫމީ ވަނީ އެކަން ދޮގުކޮށްފަ އެވެ. އޭނާ ބުނީ އެ ފިލްމު ޕްލޭންކުރި ހިސާބުން ވެސް ރިއާ އަކީ ފިލްމުގެ ކާސްޓަށް ނެގި ބަތަލާއެއް ކަމަށެވެ.

"އެހެންވެ ސުޝާންތު ރިކަމެންޑްކޮށްގެން ރިއާ ފިލްމަކަށް ނެގި ކަމަށް ބުނާ ވާހަކައިގައި ހަގީގަތެއް ނެތް." ރޫމީ ބުންޏެވެ.

މި އަހަރުގެ ކުރީކޮޅު "ސްޓްރީޓް ޑާންސާ" ގެނެސްދިން ރެމޯ ބުނިގޮތުގައި ސުޝާންތު މަރުވީ ދެ މީހުން ޑާންސް ފިލްމެއްގެ މަސައްކަތްކުރަން މަޝްވަރާކުރަމުން ދަނިކޮށެވެ. ސުޝާންތަކީ ރެމޯ ޖަޖެއްގެ ގޮތުގައި މަސައްކަތްކުރި ކަލާޒް ޗެނެލްގެ ޑާންސް ޝޯ 2011 ގެ "ޖަލަކް ދިކްލާޖާ" ގެ ސީޒަން ހަތަރެއްގައި ވާދަކޮށް، އެ ސީޒަނުގެ ދެވަނަ ގެންދިޔަ ތަރިއެކެވެ. އެ ޝޯގައި ސުޝާންތު ވާދަކުރި އިރު، އޭނާ އަދި ބޮލީވުޑަކަަށް ވެސް ނުނިކުމެ އެވެ.

ސުޝާންތު ބޮލީވުޑަށް ނުކުތީ 2013 ގައި ފިލްމު "ކައި ޕޯ ޗޭ" އިންނެވެ.

ރެމޯ ބުނިގޮތުގައި ސުޝާންތަކީ ބަލާލަން ވެސް ރީތި އެކްޓަރެއްގެ އިތުރުން ނެށުމަށް ވެސް އެހާމެ ހުނަރުވެރި ފަންނާނެކެވެ. އެހެންވެ ސުޝާންތާ އެކު ޑާންސް ފިލްމަށް ހަދަން އަބަދު ވެސް ވިސްނަމުން ދިޔަ ކަމަށް ބުންޏެވެ. އެކަމަކު އެ މަގު ފަހިނުވަނީސް އޭނާ މަރުވުމަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ހިތާމަ ކަމަށް ރެމޯ ބުންޏެވެ.

ސުޝާންތުގެ ކުރިއަށް އޮތް ފިލްމަކީ "ދިލް ބޭޗާރާ" އެވެ. ރިޕޯޓްތައް ބުނާގޮތުން އެ ފިލްމު ވަރަށް އަވަހަށް ޑިޒްނީ+ހޮޓްސްޓާ އިން ޕްރިމިއާކުރާނެ އެވެ.