ޖިންސީ ގޯނާގެ ތުހުމަތަށް ޖަސްޓިން ބީބާ އިންކާރުކޮށްފި

މީގެ ކުރިން ވެސް އަހުލާގީ ގިނަ މައްސަލަތަކެއްގެ ތެރޭގައި އުޅުނު ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އަށް ތުހުމަތުކުރި ޖިންސީ ގޯނާގެ މައްސަލަ އަށް އޭނާ އިންކާރުކޮށްފި އެވެ.


އަސްލު ނަން ސިއްރުކޮށް ޑެނިއަލްގެ ނަމުގައި ހޮނިހިރު ދުވަހު ކުރި ޓްވީޓްތަކެއްގައި އަންހެނަކު ބީބާ އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް ބުނެފައި ވަނީ އޭނާއާ ބީބާ ބެހިފައި ވަނީ މާޗް 9، 2014 ގައި ޓެކްސްގެ އޮސްޓިންގައި ހިންގާ ފޯ ސީޒަންގެ ހޮޓަލެއްގައި ކަމަށެވެ. އެ ޓްވީޓްގައި، އޭރު 21 އަހަރުގެ ޑެނިއަލް ބުނީ އޭނާ އާއި އިތުރު ރައްޓެހިންތަކެއް ބީބާ ހުރި ހޮޓަލަށް ދިޔައީ ލަވަކިޔުންތެރިޔާގެ ފަރާތުން ލިބުނު ދައުވަތަކަށް ކަމަށެވެ. ނަމަވެސް އެ ބައްދަވުމުގެ ތެރޭގައި ރުހުމަކާ ނުލައި ގަޔަށް އަތްލައި ބެހިފައިވާ ކަމަށް ބުނެފައިވެ އެވެ.

މި ޓްވީޓްތައް ވަރަށް ބޮޑަށް ވައިރަލްވެ، އެ ވާހަކަ މީޑިއާތަކަށް އެރުމުން ޑެނިއަލް ވަނީ ޓްވީޓްތައް ޑިލީޓްކޮށްލައި، ފަހުން ޓްވިޓާ އެކައުންޓް ވެސް ބްލްކޮށްލައިފަ އެވެ.

ތުހުމަތަކާ ގުޅިގެން ބީބާ ފުލުފުލުގައި ކުރި ޓްވީޓްތަކެއްގައި ބުނީ އޭނާއާ ބެހޭ ގޮތުން ދައްކާފައި ވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ، އަދި އެ ބުނާ ތާރީހެއްގައި ޓެކްސްގައި ހޭދަކުރި ދުވަސްތަކުގައި އޭނާއާ އެކީ އޭރުގެ ލޯބިވެރިޔާ ސެލީނާ ގޮމޭޒް ވެސް ހުރި ކަމަށް ބުނެ ބީބާ ވަނީ އޭނާ ހުރި ހޮޓެލްގެ ތަފުސީލުތައް ހިމެނޭ ލިޔުންތަކެއް ވެސް ހިއްސާކޮށްފަ އެވެ.

ޓެކްސަސް އަށް 2014 ގެ މާޗްގައި ބީބާ ދިޔައީ ސައުތު ބާއި ސައުތުވެސްޓް މިއުޒިކް ފެސްޓިވަލްގައި ބައިވެރިވާށެވެ.

ޖިންސީ ގޯނާގެ ތުހުމަތު ދޮގުކުރަމުން، މިހާރު ކައިވެނިކޮށްގެން ވެސް އުޅޭ 26 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ ކުރިން ވެސް އޭނާގެ ބޮލުގައި އެކި ކަހަލަ ތުހުމަތުތައް އަޅުވާފައި ކަމަށެވެ. އެކަމަކު ކުރިން އެފަދަ އެއްވެސް ކަމަކަށް އަޅާނުލި ނަމަވެސް މިހާރު އަންބަކު ވެސް އެބަހުރި ކަމަށާއި އެފަދަ ވާހަތަކުން އެ މީހުންގެ ދިރިއުޅުމަށް އަސަރުކުރާނެ ކަމަށް ބުންޏެވެ.

"އެހެންވެ ބޭނުމެއް ނޫން ޖިންސީ ގޯނާގެ ތުހުމަތު އެހާ ލުއިކޮށް ނަގާކަށް،" ޑެނިއަލް ކުރި ތުހުމަތާ ގުޅިގެން ދައުވާކުރާނެ ކަމުގެ ސިގްނަލާ އެކު ބީބާ ބުންޏެވެ. "އަހަންނަކީ އަބަދު ވެސް ޖިންސީ ގޯނާތަކާ ދެކޮޅު އަދި އެފަދަ އަމަލުތަކުގެ ޝިކާރައަކަށްވާ މީހުންގެ ހައްގުގައި ވާހަކަ ވެސް ދައްކާ މީހެއް."

ބީބާ އާއި މޮޑެލް ހެއިލީ ރޯޑް ކައިވެނިކުރީ 2018 ގަ އެވެ.

ބީބާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވި އެ ވާހަކަ މީޑިއާތަކުގައި ވަރަށް ހޫނުކޮށް ދެކެވެމުންދާ އިރު، މިދިޔަ ހުކުރު ދުވަހު ހޮލީވުޑްގެ އެކްޓަރު އެންޒެލް އެގާޓް، 26، މައްޗަށް ވެސް ޖިންސީ ގޯނާގެ ތުހުމަތު މީހަކު ކޮށްފައިވެ އެވެ. "ފޯލްޓް އިން އަވާ ސްޓާޒް" ގެ ބަތަލުގެ މައްޗަށް ތުހުމަތުކުރި އަންހެން މީހާ ބުނި ގޮތުގައި އޭނާ އަށް އެންޒެލް ގޯނާކޮށްފައި ވަނީ 2014 ގަ އެވެ.

އެކަމާ ގުޅިގެން އެންޒެލް ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނީ ޖިންސީ ގޯނާކުރ ކަމަށް ބުނާ އަންހެން މީހާ އަކީ ކުރިން އޭނާއާ ލޯބީގެ ގުޅުމެއް ބޭއްވި މީހެއް ކަމަށާއި އެކަމަކު އެ ބުނާ ކަހަލަ ހާދިސާއެއް ހިނގާފައި ނުވާނެ ކަމަށެވެ. އަދި ކަމެއް ގޯސްކޮށް ހިނގާފައިވާ ނަމަ މައާފަށް އެދޭ ކަމަށް ވެސް ބުންޏެވެ.