އަނޫ.
26 ޖޫން 2020 - 08:45
އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް ދިމާވި ގޮތާއި އަމިއްލަ ތަޖުރިބާ ވެސް އެއްގޮތް ކަމަށާއި ބޮލީވުޑްގައި ކުރީ ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކަމަށް ކުރީގެ ވަރަށް މަޝްހޫރުވި ފިލްމެއް ކަމަށްވާ "އާޝިގީ" ގެ ބަތަލާ އަނޫ އަގަރްވާލް ބުނެފި އެވެ.
އެ ފިލްމު ކުޅެގެން ކުއްލި ބޮޑު މަޝްހޫރުކަމެއް ލިބުނު ބަތަލާ ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އާއިލީ ގޮތުންނާއި ނުފޫޒު ގަދަ މީހުންނާ އެއްވެސް ގޮތަކުން ގާތް ގުޅުމެއް ނެތް ނަމަ ބޮލީވުޑަކީ ވަރަށް ބޮޑެތި ތަފާތުކުރުންތައް ވެސް ގެންގުޅޭ، ކުރިއަށްދާން ފުރުސަތުތައް ހޯދަން އުނދަގޫ އިންޑަސްޓްރީއެއް ކަމަށެވެ. އަދި ފިލްމީ އާއިލާއަކަށް ނިސްބަތްނުވާ މީހަކު މާ ކާމިޔާބު މީހަކަށްވެއްޖެ ނަމަ އެ މީހަކާ ދޭތެރޭ ހަސަދަލައި، ނުބައި އެޖެންޑާތަކެއް ގެންގުޅޭ ކަމަށް ވެސް ބުންޏެވެ.
އަނޫ ބުނިގޮތުގައި މަހޭޝް ބަޓް 1990 ގައި ގެނެސްދިން "އާޝިގީ" އިން ދިން ފުރުސަތަށް އަބަދު ވެސް ޝުކުރު އަދާކުރާނެ އެވެ. އެކަމަކު ބޮލީވުޑުން ބައެއް ތަރިންނާ ދޭތެރޭ ކަންތައް ކުރަނީ އެންމެ އިންސާފުން ނޫން ކަމަށް ބުންޏެވެ.
އޭނާ ބުނިގޮތުގައި ސުޝާންތު އަމިއްލަ ފުރާނަ ދުއްވައިލުމާ ހަމައަށް ދާނީ ވަރަށް ގިނަ ކަންކަން ތަހައްމަލުކޮށް، އެންމެ ފަހުން ކަންކަން ބޮއްސުންލުމުން ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަހަންނަށް އިހުސާސްކުރެވޭ އޭނަ އުޅޭނެ ހާލު. އަހަރެން އަމިއްލަ އަށް ވެސް އެފަދަ ހިތްދަތި އެތައް ކަމެއް މި އިންޑަސްޓްރީ ތެރެއިން ތަޖުރިބާކޮށްފިން،" އަނޫ ބުންޏެވެ. "އަހަންނަށް އާޝިގީ ކުޅެގެން ލިބުނު މަޝްހޫރުކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ހަސަދަވެރިވެ، ފަހުން އަހަންނާ ދޭތެރޭ އެބަހުރި ވަރަށް ގޯސްކޮށް އަދި އެހާމަ ހިތްދަތިވާ ގޮތަށް ކަންތައްކޮށްފައި."
އަނޫ ބުނިގޮތުގައި އޭނާ ލީޑް ރޯލް ކުޅުނު ފިލްމެއްގައި އެންމެ މޮޅު ބަތަލާގެ މަގާމަށް އެވޯޑަކަށް ނޮމިނޭޓްވެފައި ވަނިކޮށް، އިންޑަސްޓްރީގެ ނުފޫޒުގަދަ ބަޔަކު ވަނީ އެއީ ކާކުތޯ ސުވާލު އުފައްދައި، އޭނާގެ ނަން ސަޕޯޓިން ބަތަލާގެ ކެޓަގަރީ އަށް ބަދަލުކޮށްފަ އެވެ.
"އެކަން ކުރި މީހުން ބުނި ކަމަށް ވަނީ މީނަގެ ބައްޕަ އަކީ، މަންމަ އަކީ ކާކުތޯ. މިއީ ކޮންތާކުން އައި މީހެއްތޯ؟" އަނޫ ބުންޏެވެ. "އެކަން އެނގުނީމަ އެރޭ އަހަރެން ވަރަށް ރުއިން. އެ ހިސާބުން އެނގިއްޖެ މި އިންޑަސްޓްރީއަކީ ވަކި ބައެއްގެ ނުފޫޒުން ހިނގާ ތަނެއްކަން."
އޭނާ ބުނި ގޮތުގައި ބޮލީވުޑަކީ އެ އިންޑަސްޓްރީ އަށް ބޭރުން ވަންނަ ފަންނާނުންނާ ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައް ކުރާ ތަނެކެވެ. އަދި ހުނަރަށް ވުރެ ބޮޑަށް ބޮލީވުޑްގައި ބަލަނީ ނުފޫޒަށް ކަމަށް ބުންޏެވެ.
"މިއީ އެ މީހެއްގެ އަސްލު އަގުވަޒަންކުރާ އިންޑަސްޓްރީއެއް ނޫން. މިކަހަލަ ކަންކަމާ ހެދި ހުނަރުވެރި އެތައް ފަންނާނަކު ގެއްލިފައިވެއްޖެ،" އަނޫ ބުންޏެވެ. "އަދި އެފަދަ ފަންނާނުން ހިތްދަތި އެތައް ތަޖުރިބާއެއްކުރި. އެކަން އެ އުސޫލު އަދިވެސް މި އިންޑަސްޓްރީގައި އޮތްކަން ސުޝާންތުގެ މަރުން ވެސް ސާތިބުވޭ.
"އާޝިގީ" އިން ވަރަށް ބޮޑަށް ވިދައިލި ނަމަވެސް އަނޫ، 51، އަކީ މާ ގިނަ ފުރުސަތުތަކެއް ލިބުނު ބަތަލާއެއް ނޫނެވެ. އަދި އޭނާގެ ކެރިއަރު އެހާމެ ކުރެވެ. ކުޅުނު ފިލްމުތައް ވެސް ވަރަށް މަދެވެ. ފަހުން 1999 ގައި ބޮޑު އެކްސިޑެންޓަކާ ގުޅިގެން އަނޫ ވަނީ އެކްޓިން ކެރިއަރު ދޫކޮށްލައިފަ އެވެ.
އޭނާ ކުޅުނު މަދު ފިލްމުތަކުގެ ތެރޭގައި 1992 ގެ "ގަޒަބް ތަމާޝާ" އާއި 1993 ގެ "ކިންގް އަންކަލް" އާއި ހަމަ އެ އަހަރުގެ "ކަލް ނާއިކާ" އަދި 1996 ގެ "ރިޓާން އޮފް ޖުވެލް ތީފް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy