26 ޖޫން 2020 - 08:47
އަމިއްލަ އަށް މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ "ދިލް ބޭޗާރާ" އަންނަ މަހުގެ 24 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޑިޖިޓަލްކޮށް ޕްރިމިއާކުރަން ނިންމައި، ފިލްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.
އަލަށް ޑައިރެކްޝަނަށް ނުކުތް މުކޭޝް ޗަބްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 2014 ގައި ނުކުތް ހޮލީވުޑްގެ ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" ގެ ރިކެމެކެވެ. ސުޝާންތާ އެކު "ދިލް ބޭޗާރާ" ގެ ބަތަލާގެ ރޯލް ކުޅެފައި ވަނީ ސަންޖަނާ ސާންގީ އެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސުޝާންތާ އެކު އަލަތު ފިލްމު 2018 ގައި ކުޅުނު ބަތަލާ ސާރާ އަލީ ޚާންގެ ބައްޕަ ސައިފް އަލީ ޚާނާއި ޖާވިދް ޖެފްރީ ވެސް ހިމެނެ އެވެ.
A story of love, hope, and endless memories.
— Disney+ Hotstar (@DisneyPlusHS) June 25, 2020
Celebrating the late #SushantSinghRajput's legacy that will be etched in the minds of all and cherished forever.#DilBechara coming to everyone on July 24. pic.twitter.com/hG5VMW3WAZ
"ދިލް ބޭޗާރާ" އަކީ ކުރިން މިދިޔަ މަހުގެ 8 ގައި ރިލީޒްކުރަން އޮތް ފިލްމެކެވެ. އެކަމަކު އިންޑިއާގައި ކޮވިޑް-19އާ ހެދި އިއުލާންކުރި ލޮކްޑައުން އެކު ސިނަމާތައް ބަންދުކުރަން ޖެހުމުން ފިލްމު ރިލީޒްނުކުރެވުނީ އެވެ.
އޭއާރް ރަހްމާން މިއުޒިކް ހަދައިދީފައިވާ "ދިލް ބޭޗާރާ" ވެގެން ދާނީ ސުޝާންތުގެ ފިލްމަކަށް ބެލުންތެރިންނާ ހަމައަށް އަންނާނެ އެންމެ ފަހު ފިލްމެވެ. މި މަހުގެ 14 ވަނަ ދުވަހު ދަންޖެހިގެން މަރުވި އެކްޓަރު ބޮލީވުޑަށް ނުކުތީ 2013 ގެ "ކައި ޕޯ ޗޭ" އިންނެވެ. އޭގެ ކުރިން އޭނާ މަސައްކަތްކުރީ ޓީވީ އުފެއްދުންތަކުގަ އެވެ.
މިދިޔަ އަހަރު ސުޝާންތުގެ ތިިން ފިލްމެއް ރިލީޒްވި އެވެ. އެެއީ "ސޯންޗިރައްޔާ" އާއި "ޗިޗޯރޭ" ގެ އިތުރުން ނެޓްފްލިކްސް އިން ސްޓްރީމްކުރި "ޑްރައިވް" އެވެ. ސުޝާންތުގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އިންޑިއާގެ ކްރިކެޓް ތަރި އެމްއެސް ދޯނިގެ ރޯލް އޭނާ ކުޅުނު 2016 ގެ "އެމްއެސް ދޯނީ؛ ދި އަންޓޯލްޑް ސްޓޯރީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy